ރައްޔިތުންގެ މަޖިލިސް

ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް

Dec 3, 2019
4

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ "އާސްކް ސްޕީކާ" ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޓީވީތަކުން ގެނެސްދޭ އެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާނެ ކަމަށެވެ. އެ ޕްރޮގްރާމް ހުރިހާ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް މަޖިލީހުން އިތުރަށް ބުންޏެވެ.

މަޖިލީހުން ބުނިގޮތުގައި ނަޝީދާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު ހުކުރު ދުވަހުގެ ރޭ 11:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން، މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރަށް މެސެޖް ކޮށްގެންނާއި ވީޑިއޯ ކުރުމަށް ފަހު ފޮނުވައިގެން ވެސް ސުވާލު ކުރެވޭއިރު، ފޯނު މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ މީހުންނަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް މަޖިލީހުގެ އިދާރާއިން ވަނީ ދީފަ އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކާ ސުވާލު ކުރުމަށް އާންމުންނަށް ހުޅުވާލެވޭ ފުރަތަމަ ފަހަރެވެ.