ހަބަރު

ތައުލީމީ ދާއިރާއާ ގުޅޭ ދެ ބިލެއް ރައީސް އޮފީހަށް

Dec 3, 2019
2

ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރަން ދެ ބިލެއް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި، ތައުލީމުގެ ބިލަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ އިތުރުން، ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ތައުލީމުދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލި ބިލެެއް ކަމަށެވެ.

އޭގެ އިތުރުން ރައީސް އޮފީހަށް ހުށަހެޅި މަތީ ތައުލީމުގެ ބިލަކީ، މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، އެފަދަ ތަންތަން މޮނިޓާކޮށް، ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރުމުގެ ބިލެކެވެ.

ތައުލީމީ ދާއިރާއާ ގުޅޭ ދެ ބިލުގެ އިތުރުން، ނަފްސާނީ ސިއްހަތުގެ ބިލަކާއި އެއްމެދު އިމާރާތުގެ ބިލެއްވެސް އޭޖީ އޮފީހުން އިއްޔެ ވަނީ ރައީސް އޮފީހަށް ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން، ނަފްސާނީ ސިއްހަތުގެ ބިލަކީ، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކޮށް، އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ދައުލަތުގެ ހަރަދުގައި ފަރުވާދިނުމުގެ ނިޒާމެއް ގާއިމުކޮށް، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

އެއްމެދު އިމާރާތުގެ ބިލުގައި، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި، އެއްމެދު ޢިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާނެކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އަށް ގެންނަ ހަތަރު އިސްލާހަކާއެކު 200 އަށްވުރެ ގިނަ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައިވާ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.