ލައިފްސްޓައިލް

ސައި ދިނީމަ ނޫނީ ނިދިން ނުހޭލާ އަހެއް!

ހެނދުނު ހޭލައިގެން ފުރަތަމައިނުން ވެސް ސައި ނުވަތަ ކޮފީ ބޯން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ޖަނަވާރުންގެ މިފަދަ އާދަތައް ހުންނަކަން އެނގެނީ ވަރަށް މަދު ފަހަރަކު އެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ވީޑިއޯއެއްގައި ފެންނަނީ ޕޮލިސް އަހެކެވެ. ހެނދުނުގެ ސައިތަށި ނުބޮއި އެސޮރު އެއްވެސް ކަމެއް ނުކުރަން އުޅޭ ތަނެވެ.

ޖޭކް ނަމަކަށް ކިޔާ މި އަހަކީ އިނގިރޭސި ވިލާތުގެ މާސޭސައިޑް ޕޮލިސް މައުންޓަޑް ސެކްޝަން ފޯސްގައި ގެންގުޅޭ އަހެކެވެ. މި އަސް ގެންގުޅޭ އަޖައިބެއް ފަދަ މި އާދަ ސޯޝަލް މީޑިއާ އަށް ތިލަވީ ޕޮލިސް ޑިޕާޓްމަންޓުން މިއަހުގެ ވީޑިއޯއަކާއެކު ކުރި ޓުވީޓަކާ ގުޅިގެންނެވެ.

"ހޫނު ސައިތައްޓެއް ނުދެނީސް ޖޭކް އެނދަކުން ނުތެދުވާނެ. އަދި ސައިތަށި ބޯލާ ނިމުމާއެކު ޖޭކް ހުންނާނީ އެ ދުވަހުގެ މަސައްކަތަށް ތައްޔާރުވެފައި،" ވީޑިއޯ ޝެއާ ކުރަމުން ކުރި ޓުވީޓްގައި ލިޔެފައި ވެއެވެ.

ޓުވިޓާގައި މި ޚަބަރަށް ކޮމެންޓްކުރި މީހަކު ބުނި ގޮތުގައި އޭނާ ގެންގުޅޭ އަސް ވެސް ހެނދުނު ހޫނު ސައި ތައްޓެއް ދެންދެން ގޭގެ ބޭރު ދޮރުކައިރީގައި އިންތިޒާރުކުރާނެ އެވެ.

އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނި ގޮތުގައި މިހާރު ސައިދޭ މަގަށް ވުރެ ބޮޑު މަގެއް އަހަށް ބޭނުންވާ ކަމަށެވެ.
މާސޭސައިޑް ޕޮލިސް މައުންޓެޑް ސެކްޝަންގެ ސްޓޭބަލް މެނޭޖަރު އަދި ޓްރެއިނާ ލިންޑްސޭ ގެވެން ޖޭކް ސިފަ ކުރީ ވަރަށް ގިނަ ކެރެކްޓާތަކެއް އެކުލެވޭ ޖަނަވާރެއްގެ ގޮތުގަ އެވެ.

"އޭނާގެ ސައިގެ އޯޑަރު އަހަރެމެން މިހާރު ދަސްކޮށްފިން. އެއް ސަމުސާ ހަކުރު އެޅީމަ ޖޭކް ސައިތަށި ބޯލާނެ. ނަމަވެސް އެންމެ އުފާވާނީ ދެ ސަމުސާ ހަކުރު އެޅީމަ. އެ ސޮރު އޮންނަ ހިސާބަށް މީހަކު މަގެއް ހިފައިގެން އައިސް ހުއްޓަ ފެނިއްޖިއްޔާ ވަގުތުން އަންނާނެ އެ މަގު ބޭނުންވެގެން،" ލިންޑްސޭ ބުންޏެވެ.