ހަބަރު

"ބަޖެޓުން ނަތީޖާ ނެރެވޭނީ އިތުރަށް މަސައްކަތްކޮށްގެން"

Dec 3, 2019

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ތާރީހީ ބަޖެޓެއް ނަމަވެސް، އެ ބަޖެޓުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ނެރެވޭނީ، މިނިސްޓްރީތަކުން އިތުރަށް މަސައްކަތްކޮށްގެން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮސް ފިނޭންސް މިނިސްޓްރީން ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުން އެކުލަވާލި ކޮމިޓީން ވަނީ އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުން ރައްޔިތުންގެ ބޭނުންވެފައި ތިބި ތަރައްގީ އަންނާނެ ކަމަށާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ.

ނަމަވެސް، ތާރީހީ ބޮޑު ބަޖެޓަކާއެކު ސަރުކާރުގެ ވުޒާރާތަކުގެ ޒިންމާތައްވެސް އިތުރުކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާ ބޮޑު ބަޖެޓެއް ދިނީމާ އެ ތަންފީޒު ކުރުމުގައި ދަތިތަކެއް ހުންނާނެ. އެހެންވީމާ، ފިނޭންސް މިނިސްޓަރު އަންނަ އަހަރު އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭ. ޕްލޭނިންގް މިނިސްޓަރާއި ހެލްތު މިނިސްޓަރު އިތުރު 20 ޕަސަންޓް މަސައްކަތް ކުރަންޖެހޭ،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން ފާސްކޮށްދޭ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން 90 ޕަސަންޓް ހާސިލްކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް، އެކަން ކުރެވޭނީ، މިނިސްޓްރީތަކުން އިތުރަށް މަސައްކަތްކޮށްގެން ކަމަށެވެ.

"...އެހެން ނޫނީ ބޭނުންވާ ނަތީޖާއެއް ނުނެރޭވޭނެ. މިނިސްޓްރީތަކުން އިތުރަށް މަސައްކަތް ކުރަންޖެހޭ. އެހެންނޫނީ މި ބަޖެޓު ތަންފީޒެއް ނުކުރެވޭނެ. އެއީ ޕްލޭނިންގް މިނިސްޓްރީގެ މަސައްކަތެކޭ ނޫނީ ހެލެތު މިނިސްޓްރީގެ މަސައްކަތެކޭ ކިޔައިގެން ތިބެވޭކަށްނެތް،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ވަރަށް ބޮޑުތަނުން ބަޖެޓު އިތުރުކޮށްދީފައިވާއިރު، އެ ފައިސާ، ރަށު ރައްޔިތުންގެ ފައިދާއާއި މަންފާއަށް ހަރަދުކުރެވޭކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

"ކައުންސިލްތަކުގެ ބަޖެޓު ބޮޑުވުމުގެ ފައިދާ ފެންނަންޖެހޭނެ. ފައިސާ ހަރަދު ކުރެވޭނެ ހަރުދަނާ އުސޫލުތައް ހަދަންޖެހޭ. އަދި އެއީ ރައްޔިތުންނަށް ގަބޫލުކުރެވޭ އުސޫލެއްކަމަށްވާންޖެހޭ،" އެ ފައިސާއަކީ ކޮރަޕްޝަނުން އެއްކިބާވެ ރަށު ރައްޔިތުންގެ ތަރައްގީއަށް ހަރަދުކުރެވޭ ފައިސާކަމަށް ވާންޖެހޭކަން ފާހަގަކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވެސް ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީހުތަކުގައި ހިންގައި، އޭގެން ހިދުމަތް ލިބޭނެ މަގު ސަރުކާރުގެ މުއައްސަސާތަކުން ފަހިކޮށްދޭންޖެހޭ ކަމަށެވެ.

އެ ދެ މެންބަރުންގެ ވާހަކަތަށް ބާރު ދެއްވަމުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ މީގެ ކުރީ އަހަރުތަކުގައިވެސް ބަޖެޓުގައި ހިމެނި ގިނަ މަޝްރޫއުތަކެއް ނުހިންގި، "ބަޖެޓުގެ ތެރެއަށް ގެއްލިފައިވާ" ކަމަށެވެ. އެހެންކަމުން، މި ބަޖެޓުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ އޭގައި ހިމެނިފައިވާކަންކަން ތަންފީޒު ކުރެވިގެން ކަމަށް އޭނާވެސް ތަކުރާރުކުރެއްވި އެވެ.

ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ ވަގުތެއް ލިބޭނެކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބަހުސް ނިންމައި، ވޯޓަށް އެހޭނެކަމަށް ލަފާ ކުރެއްވޭކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.