ހަބަރު

ގިނައިން ހުށަހެޅީ ނުކުޅެދޭ މީހުން އެކަނި އުޅޭ މައްސަލަތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އެންމެ ގިނައިން ހުށަހަޅަނީ ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުނަށް އަޅާލާނެ މީހަކު ނެތި ބަލި ހާލުގައި އެކަނި ދިރިއުޅެމުންދާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނުކުޅެދޭ މީހުންގެ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނަށް އާންމުކޮށް ހުށަހަޅާ މައްސަލަތަކުގެ ތެރޭ ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުން އަަޅާލާނެ މީހަކު ނެތި ބަލި ހާލުގައި އެކަނި ދިރިއުޅޭ މައްސަލަތައް ގިނަ ކަމަށެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފުރުސަތު ލިބުމުގައި ދިމާވާ ގޮންޖެހުންތަކާއި، އާއިލާއިން އިހުމާލުވުން ވެސް އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު އަމަލު ކުރާނެ ގޮތުގެ އުސޫލުތަކެއް ކަނޑައެޅިފައި ނުވުމާއި، އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައިނެތުން ވެސް ހިމެނޭ ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހައްގުތައް ފޯރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން މުހިންމު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު އުފައްދައި، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑިސްއެބިލިޓީ ކައުންސިލާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގައުމީ ސިޔާސަތު އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

"... ހަމައެހެންމެ، 'ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ދަފުތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ގަވާއިދާއި' އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އެކްސެސިބިލިޓީގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ރޭމްޕްތައް ހެދުމާއި، އަލަށް އެކުލަވާލެވުނު ބިލްޑިން ކޯޑުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށްލަމެވެ. " ބަޔާނުގައިވެ އެވެ.