ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(1 ޑިސެމްބަރ 2019 އާ ގުޅޭ)

ހޭޒަލްގެ ނަޝާނޫން ރަޙުމަތްތެރިއަކު ވެސް ނުހުންނާނޭކަން ލިއަމްއަށް އެނގެއެވެ. ވީހާ ވެސް އަވަހަކަށް ހޭޒަލްއާ ހަމައަށް އޭނާ ދިއުން މުހިންމުކަމުގައި ލިއަމްގެ ޟަމީރު ވިސްނައިދިނެވެ.

ހޭޒަލްއަކީ ކައިވެންޏަކަށް ލިއަމްގެ ފިކުރު އެނބުރެން މެދުވެރިވި ހަމައެކަނި އަންހެންކުއްޖާއެވެ. އަންހެންކުދީންގެ މެދުގައި ލިއަމްއަކީ އަބަދުވެސް މަޤުބޫލު މީހެކެވެ. ފުރާވަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އެއީ އޭނާއަށް ޔަގީންވާ ކަމެކެވެ. އޭނާއަށް ޓަކައި އަންހެނުންގެ ދިގު ލިސްޓެއް ވެއެވެ. އެ ލިސްޓުގައި ފުރާވަރުން ފެށިގެން އޭނާއަށްވުރެ އުމުރުން ދޮށީ އަންހެނުން ވެސް އެބަތިއްބެވެ. ނަމަވެސް ހަޔާތުގައި ލިއަމް އެ އަންހެނަކާ ހެދި "ސީރިއަސްވި" ފުރަތަމަ އަންހެން ކުއްޖަކީ ހޭޒަލް އެވެ. ކައިވެންޏެއްކޮށް ދަރިސްފަސްކޮޅެއް ބިނާކުރާނަމަ އެ ދަރަޖައަށް ގެންނާނެ ހަމައެކަނި އަންހެނަކީ ހޭޒަލް ކަމުގައި ވެސް ނިންމީ ޚުދު ލިއަމް އެވެ. ހޭޒަލްއާ ލިއަމް އިސްވެ ކުރިމަތިލީ އެ ނިޔަތުގައެވެ. ހޭޒަލްގެ ހިތް އޭނާއަށް ފަތަޙަ ކުރެވުނުކަން ގައިމެވެ.

ހުރިހާ އިންސާނުންވަނީ އެންމެ ރިވެތި ސިފައިގަކަން ކަށަވަރެވެ. އެހެންނަމަވެސް ބައެއް އިންސާނުންގެ ސިފައަކީ ގިނަ ބައެއްގެ ސަމާލުކަން އެބައިމީހުންނަށް ލިބޭ ފަދަ ރީތިކަމެއް ލިބިފައިވާ ބައެކެވެ. އިންސާނުންނަކީ ތަބީޢީ ގޮތުން ވެސް ރީތި އެއްޗިއްސަށް ޝައުގުވެރިވާ ބައެކެވެ. މިހެން ކަންތައް އޮތް ނަމަވެސް ރީތި ހުރިހާ މީހުންނަށް އެމީހުންގެ ސިފައަކީ ނިޢުމަތަކަށްވުރެ ބޮޑަށް މަގުފުރެދުމުގެ އަސްލު ކަމުގައި ވެދެއެވެ. ނުބައިކަމުގެ ތެރެއަށް ހުށަހެޅޭ ނަފްސުގެ މައްޗަށް ލަޢުނަތް ހުއްޓެވެ.

ނިތްކުރީގައި ވައަތުގެ އިނގިލިތަކުގެ ކޮޅުން ލިއަމް އޮބާލިއެވެ. އެއާއެކު ވާރޭގެ ސަބަބުން ތެމިފައިވާ އިސްތަށިގަނޑުގައި އަތްފުނާ އަޅާލާހެން އިނގިލިތައް ހިންގާލިއެވެ. އަމިއްލަ ހިތް އެނގޭ ފަދައިން ލިއަމްއަށް ހޭޒަލް އެނގޭކަން އޭނާ ޤަބޫލުކުރެއެވެ. އޭނާ ދާނޭ ތަންތަނާއި ވާހަކަދައްކާނޭ މީހުންނާއި ހޭޒަލްގެ ދުވަހީ ދިރިއުޅުން ހުންނަ ގޮތް ލިއަމްއަށްވުރެ ބޮޑަށް އެނގޭނޭ މީހަކު ނުހުންނާނޭކަން ވެސް ލިއަމް ޤަބޫލުކުރެއެވެ. ނަޝާ ގާތަށް ނުދާނަމަ ހޭޒަލްވާނީ ކޮންތާކުކަން ލިއަމްއަށް އެނގުނީ އެހެންވެއެވެ. އެހެންނަމަވެސް އޭނާ މަޑު އެކުރަނީ ހޭޒަލް ފޯނު ނަގާތޯއެވެ. ހޭޒަލްއާ ނުގުޅިގެން އޭނާގެ ޚަބަރު ބަލަން އެހެން މީހަކަށް ގުޅާކަށް ލިއަމްގެ ޟަމީރުގެ ފަޚުރު ތަނެއްނުދެއެވެ. އަނެއްކޮޅުން އޭނާއާއި ހޭޒަލްއާ ދެމެދު ދެބަސްވުމެއް ހިނގި ނަމަވެސް އެކަން އެ ދެމީހުން ފިޔަވައި އިތުރު ބަޔަކަށް މިހާތަނަށް އެނގިފައެއް ނޯންނާނެއެވެ. މިފަހަރު ވެސް މީހަކަށް އެނގޭކަށް ލިއަމް ބޭނުމެއްނޫނެވެ. ދުވާލުގެ އަލިކަން ފަދައިން ލިއަމްއަށް ވެސް އެނގޭ ކަމަކީ އޭނާއާއި ހޭޒަލް ދުށް ކޮންމެ މީހަކަށް ވެސް ފާހަގަވަނީ އެ ދެމެދުގައި އޮތް ބަދަލުނުވާ ލޯތްބާއި ދެގޮތެއްނުވި ގުޅުމެވެ. ދެމީހުން އެކަކުއަނެކަކަށް ދޭ ސަމާލުކަމާއި ދެ މީހުންގެ މޫނުން ފެންނަން ހުންނަ ހަމަޖެހޭ ދިރިއުޅުމެއްގެ ރަމްޒު ކަމުގައިވާ އުފާވެރި ހިނިތުންވުމެވެ. އެ ހިނިތުންވުމުގައި އެއްވެސް ދެއްކުންތެރިކަމެއް ނުވާކަން އެންމެން ވެސް ޤަބޫލުކުރެއެވެ. އެ ފުރިހަމަ ތަސްވީރު ތަޅައިގެންދާތަން ދުށުމަކަށް ލިއަމް ނޭދެއެވެ.

"ޒެއްލޫ..." މަޑުމަޑުން އަމިއްލަ ނަފްސަށް އިވޭނޭ ވަރަށް ލިއަމް ގޮވާލިއެވެ. އޭނާގެ ނަޒަރު އަނެއްކާ ވެސް ހުއްޓުނީ ސިޓިންރޫމުގައިވި އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ކޮށްފައި ހުރި ޒީނަތްތެރިކަމަށެވެ. އެއިން ކޮންމެ ދިމާއަކުން ހޭޒަލްވާ ލޯބި ލިއަމްއަށް ސިފަވެއެވެ. އެ ލޯތްބާ މެދު އޭނާ ކުޑަކޮށް ވެސް ޝައްކެއް ނުކުރެއެވެ.

ސޯފާއެއްގެ މަތިން ފުއްޕާހަންތައް ތަޅުން މައްޗަށް އަޅާލުމަށްފަހު އެ ސޯފާގައި ލިއަމް އިށީނެވެ. އަނެއްކާ ވެސް ހޭޒަލްއަށް ގުޅޭތޯ ބެލިއެވެ. ހޭޒަލްގެ ޢާއިލާ މީހަކަށް މިވަގުތު މާލޭގަ ހުރީ އާތިޝް އެކަނިކަން ލިއަމް ދެނަހުއްޓެވެ. އާތިޝްއާއި ލިއަމްއާ ދެމެދުގައި އޮންނަނީ ގާތްގުޅުމެއްނޫނެވެ. ހޭޒަލްގެ ފިރިމީހާއަށްވުން ފިޔަވައި ލިއަމްއަކީ އޭނާގެ ކުރިމަތީ ބީރައްޓެއްސެކެވެ. އެއްވެސް އިރަކު އެ ދެ މީހުންނަކީ ކަންކަން ޚިއްޞާކޮށް ހެދި ބައެއްނޫނެވެ. ލިއަމްއަށް ވެސް ގިނައިން އާތިޝްއާ ބައްދަލުވެފައި ހުރީ ހޭޒަލްގެ ހާޟިރުގައި އޭނާގެ ޢާއިލާ މީހުންނާ ބައްދަލުކުރާ ފަހަރަކު އެވެ. ކިރިޔާ ވެސް ލިއަމްއާ ގުޅުން ބަދަހީ ހޭޒަލްގެ މަންމައާއެވެ. އަންހެން ދަރިފުޅުގެ ފިރިމީހާއަށްވާތީ ޚާއްޞަ ލޯތްބެއް ސާއިރާގެ ހިތުގައި ލިއަމްއާ މެދު އޮންނަނީހެން ހީވެއެވެ. ހިތާއި ސިކުނޑީގެ ނުތަނަވަސްކަން އިތުރުވެފައި އިން ލިއަމްގެ ވައަތުފައި ތަޅުވާލަ ތަޅުވާލާ އިނީ ހޭޒަލްއާ ހަމައަށް ދިއުމަށް އޭނާއަށް އޮތް ހަމައެކަނި މަގަކީ އާތިޝްކަން ވިސްނިފައެވެ. އާތިޝްއަށް ކަމެއް އެނގިދާނެތީ އެކަމާ ލިއަމް ހާސްވެއެވެ. އެހެންވެ ސިކުނޑީގައި ރާވަމުންދިޔައީ ކުރިމަތިވެދާނެ ސުވާލުތަކާއި ދޭނޭ ޖަވާބެކެވެ.

* * * * *

ސޯފާގައި އިށީނދެ އިނުން އުނދަގޫވެގެން ހޭޒަލް ކޮޅަށް ތެދުވިއެވެ. ލޮލާއި ނިތްކުރީގައި ދެއަތްތިލަ ޖައްސާލައި ފޮރުވާލިއެވެ. އަދި އިނގިލިތަކުގެ ކުރީން ނިތްކުރިއަށް ބާރުކޮށްލީ ހޭޒަލްގެ ބޮލުގައި ރިހޭތީއެވެ. އޭރު ވެސް އޭނާއަށް ރޮވެނީ އެވެ. ހިތުގައިޖެހި ގިސްލެވިފައިވާ ހާލު އެވެ. ހިތާއި ސިކުނޑިވަނީ ޝަކުވާއިން ފުރިފައެވެ. އެހެންނަމަވެސް ލިއަމްއާ ކުރިމަތިލާކަށް އޭނާ ބޭނުމެއްނޫނެވެ. ހުރިހާ ޝަކުވާގެ ތެރެއިން އިތުރު ކުރިއެއް ފެޅިއެވެ. އަމިއްލަ ނަފްސު ކުށްވެރިވެން ފެށުނެވެ. ފިރިމީހާގެ އެއްވެސް ކަމަކަށް އިހުމާލުވެވިފައިވޭތޯ ހަނދާންކުރުމަށް ސިކުނޑީގެ ނާރުތަކަށް ހޭޒަލް ބާރުލިއެވެ. ނަމަވެސް ސިކުނޑިތެރޭ އުތުރި އަރައިގަތީ ހަނދާނުގެ ހޮޅިގަނޑުގައި ފޮރުވިފައި ހުރި އެހެން މަންޒަރުތަކެކެވެ. ކަންފަތުގެ ހިނދުރީގައި އެ މަންޒަރުތަކުގެ އަޑުތައް ގުގުމާލީ ހޮނު ގުގުރީގެ އަޑު ކަނޑައިގެން ނުގޮސް އިވިއިވި ހުރި ފަދައަކުންނެވެ. ގިސްގެ އާހު ހިތުގައި ފުންވެ މޭގައި ދެއަތުން އަޅައި ހޭޒަލް އޮބައިގަތެވެ. އޭނާގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ އެންމެ ފުރަތަމަ ލިއަމްއާ މެދު ހޭޒަލްގެ ލޯ ހުޅުވައިދިން މަންޒަރެވެ. އަލްމާއާއި ލިއަމްގެ ދެމެދުގައި އޮތް ގޮތް ނޭނގޭ ގުޅުމެވެ. އޭރު ހޭޒަލްއަށް ލިބުނު ހިތްދަތިކަމަށްވުރެ މިވަގުތު އިޙްސާސް ކުރެވެމުންދިޔަ ވޭން އެތައްހާސް ގުނައަކަށް އިތުރުވެއްޖެއެވެ. އިންތިހާއަށް ހިތުގައި ޖެހި ތަޅުންމައްޗަށް ވެއްޓެންދިޔަ ހޭޒަލްއަށް ކައިރީގައި ހުރި ސޯފާގެ އަތްގަނޑުގައި ވައަތްތިލަ ވިއްދާލެވުނެވެ. އަދި ހަށިގަނޑު މަޑުމަޑުން ތިރިކުރަމުން ސޯފާގެ ކައިރީ ތަޅުންމަތީ އޭނަ އިށީނދެއްޖެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ހޭޒަލްގެ ޟަމީރު އޭރު ހަނދާންކޮށްދިން އެއްކަމަކީ ލިއަމްގެ ފުށުން އިޝާރާތެއްނުވާނަމަ އަލްމާއަށް އެހާ ފާޅުކަން ބޮޑު ގޮތަކަށް ހިތްވަރެއް ނުލިބުނީސް ކަމެވެ. ޟަމީރުގެ އެ އަޑަށް ހޭޒަލް ބީރުކަންފަތެއް ދީ ލިއަމްގެ ހުރިހާ ވާހަކައެއް ހޭޒަލް ޤަބޫލުކުރީ ފިރިމީހާގެ ވަފާތެރިކަމަށް ސުވާލުނުކުރާށެވެ. ފިލްމެއްގެ މަންޒަރު ބަދަލުވެލިހެން ހޭޒަލްގެ ހަނދާނުން ސިފަވަމުންދިޔަ ތަސްވީރު ބަދަލުވެލިއެވެ. އެހިނދު އިހުނަށްވުރެ ބޮޑަށް ހޭޒަލްއަށް ގިސްލެވިއްޖެއެވެ. ކަންފަތުގެ އެތެރެއަށް ވިރިވިރި ހުރި ތިމަރަ އެއްޗެއް އޮއްސާލި ފަދަ އިޙްސާސެއް ހޭޒަލްއަށް ކުރެވުނެވެ. އެވަރު އެވީ އޭނާއަށް "ރަބަރޭ"ގެ ވާހަކަތައް ސިކުނޑި އިއްވާލަ ދިނުމުންނެވެ. ބުއްދިދެވީ ވިސްނާ ފިކުރުކުރާކަށްނޫން ހެއްޔެވެ. ހޭޒަލް މިހާ ދުވަހު އެ ބުއްދީގެ ބޭނުން ހިފީ ކިހިނެއްބާއޭ އޭނާގެ ޟަމީރު ސުވާލު ކުރިއެވެ. އެއާއެކު ހޭޒަލްއަށް ބާރަށް ރޮއިގަނެވުނެވެ. ދެފަރާތަށް އޭނާ ހުއްޓުމެއްނެތި ބޯހޫރަމުން ދިޔައެވެ. އެހިނދު އަނެއްކާ ވެސް އޭނާގެ ޟަމީރު ވާހަކަދެއްކި ފަދައެވެ. އަދިވެސް ޤަބޫލުކުރާކަށް ނުވޭތޯ އެ ޟަމީރު ސުވާލުކުރާ ކަހަލައެވެ. ދެން ފާޅުވި މަންޒަރުން ހޭޒަލްގެ ނޭވާ ވެސް ހުއްޓެން އުޅުނެވެ. ތަޅުން މައްޗަށް އަރިއަކަށް އޭނާ ވެއްޓުނީ އެވެ. ފެންގަނޑުން ނަގައި ހިކި ފަހުގެ ތެރެއަށް ދޫކޮށްލި މަހެއް ފަދައެވެ. ނޭވާ ނުލެވިގެން ހޭޒަލް ތެޅިފޮޅެނީއެވެ. އަނގަފުޅާކޮށް ވީހާ ވެސް ބޮޑަކަށް އޭނާ ހުޅުވިއެވެ. އެއް އަތުން ކަރުގައި ހިފަހައްޓާލެވުމާއެކު އަނެއްއަތުން މޭގައި އޭނާ ތަޅައިގަތެވެ. މަރު އައިސް އޭނާގެ ކުރިމަތީ ހުއްޓިއްޖެކަމުގައި ހޭޒަލްއަށް ހީވި ވަގުތު އޭނާގެ ރައްބުގެ ނަން އެ ދުލުން ނުކުތެވެ. އެހިނދު ހިކިކޮށްޓެއް އަރައި އަނގައިން ދަވަތަކެއް ނުކުމެ ހޭޒަލްއަށް ހޮޑުލެވިއްޖެއެވެ. ހަތަރުމޮށްގަނޑު ޖަހައިގެން އޮތް މީހަކު ފަދައިން ހޭޒަލް އޮތީ ގުދަށް ދެކަކޫ މައްޗަށް ތިރިވެފައެވެ. ނަމަވެސް ހިނދެމުންދިޔަ ނޭވާގެ ހޮޅިއަށް އާރޯކަން ވެރި ފަދައެވެ. ހަށިފުރާ ފުންނޭވާތަކެއް އަވަސްއަވަހަށް ލަމުން އޭނާ ލިއެވެ. އެ ތަކުލީފުތަކަށް ހުއްޓިފައިވި އޭނާގެ ރުއިމުގެ އަޑު އަނެއްކާ ވެސް އިވުނެވެ. ހުރިހާ ތަކުލީފެއްގެ އަސްލު ގުޅިފައިވީ ލިއަމްއާއެވެ. އޭނާއަކީ އުމުރަށް އެކީ ޖަންނައްތުގައި ވުމަށް ވެސް ހޭޒަލް އެދެމުންދިޔަ ފިރިމީހާއެވެ. އެކަމަކު އޭނާގެ ހަޤީޤަތް ހޭޒަލްގެ ލޮލަށް ކަޝްފުވެއްޖެއެވެ. ހޭޒަލްގެ ބުއްދިއަށް އަސަރުކުރުވީ ލިއަމްގެ ފޯނުން ފެނިފައިވާ ވާހަކަތަކެވެ. އެކަމާ ގުޅިގެން ލިއަމްއަށް އައި ބަދަލުތަކާއި މިއަދު ހޭޒަލްގެ ލޮލަށް ފެނުނު ވިޔާނުދާ މަންޒަރެވެ.

ހޭޒަލްގެ ސިކުނޑިއަށް ކުޅަދާނަނުވާ ހިސާބަށް ދިޔައިރު ވެސް ހަނދާންތައް ފަނޑުވެގެން ނުދިޔައެވެ. ބޭއިޚްތިޔާރުގައި އަޑުގެ ކޮޅަށް އޭނާއަށް ހަޅޭލެވެން ފެށުނީ ސިފަވަމުންދާ މަންޒަރުތަކާއި އިވިއިވި ހުރި އަޑުތަކުން މިންޖުވުމަށެވެ. ވަށައިގެން ބެލުނީ އެކަމުން އޭނާ ސަލާމަތްކޮށްދޭނޭ މަދަދުގާރަކަށް ނަފްސު ބޭނުންވިވަރުންނެވެ. މަންމައަށް ގޮވާލުމާއެކު ސަލާމަތްކޮށްދޭށޭ ހޭޒަލްއަށް ބުނެވުނެވެ. މިއަދާ ހަމައަށް އޭނާ ވެސް ހީކުރީ އޭނާއަކީ ކޮންމެ ކަމަކާ ވެސް ކުރިމަތިލާންކެރޭ ޖެހިލުން ކުޑަ ޒުވާނެއް ކަމުގައެވެ. އެހެންނަމަވެސް ދިރިއުޅުން ނަޖިސްގަނޑަކަށް ވެއްޖެކަން އެނގި ހުރިހާ ހަޤީޤަތާ ކުރިމަތިލާން ޖެހުމުން އޭނާ ވަރުގެ ބަލިކަށި މީހަކު މިއަދު ނެތެވެ. ލޯބިން އުޅޭ ދެމަފިރިއެއްގެ ކައިވެނީގައި ކުންޏެއް ޖެހިގެން ނުވާނޭ ހޭޒަލް ޤަބޫލުކުރެއެވެ. އެފަދަ ހާލަތަކަށް ދިރިއުޅުން ހިނގައްޖެނަމަ ކަންތައްކުރާނޭ ގޮތް ވެސް އޭނާ އޮތީ ރާވާފައެވެ. އެ ނިންމުގައި ވަނީ ހަރުކަށިކަމެވެ. މަޢާފުކުރުމެއް ނުވެއެވެ. އެކަމެއްގައި ހުރި އަސަރަކާއި ވޭން އެނގޭނީ ތިމާއަށް އެކަމާ ކުރިމަތިލާން ޖެހިއްޖެނަމައެވެ. އަނެކުން ތަހައްމަލުކުރާ ކަންކަމަށް ބަސްބުނެ ގޮތް ނިންމަން ނުވަނީ މިހެންވެއެވެ.

ދުނިޔޭން މޮޔަވާވަރުވެފައި ވަނިކޮށް ހޭޒަލްގެ ކަންފަތުގައި ޖެހުނީ ބަންގީގެ އަޑެވެ. މި ނޫނީ އެ ގޭ ކައިރީގަ މިސްކިތެއް ހުރިކަން ވެސް ހޭޒަލް ނުދެނަހުއްޓެވެ. އޭނާގެ ސިކުނޑީގެ މަސައްކަތް ހުއްޓުނެވެ. މުޅި ނަފްސުގެ ސަމާލުކަން އެ އަޑު އަތުލި ފަދައެވެ. އެ ދެތުންފަތް ފޫ އަޅުވާލައި ނުކުތީ އޭނަގެ ރައްބުގެ އިސްމުފުޅެވެ. އިސްއުފުލި މައްޗަށް ބަލާލިއެވެ. ﷲ އީ އަޅުތަކުންގެ މައްޗަށް އޯގާވަންތަ އަދުލުވެރި ރަސްކަލާނގެއެވެ. ކޮންމެ އިންސާނަކު ވެސް އޭނާގެ ވެރި އިލާހުގެ މަތިން ހަނދާންވަނީ ނުއުފެލޭވަރު ބޮޑު ބުރައެއް ކުރިމަތިވެ ގޮތްހުސްވީމައެވެ. އެހެންނަމަވެސް ހިތުގައި އިސްލާމީ ނޫރުވެއްޖެ އެއްވެސް އަޅަކު ގެއްލެނިނުކުރައްވައެވެ. ﷲ އީ ގިނަގިނައިން އަޅުތަކުންނަށް އުފާކުރައްވާ ތެދުމަގު ދައްކަވާ ކީރިތިވަންތަ އިލާހެވެ. މަދަދުގާރަކަށް ބޭނުންވެފައިވީ ހިނދު ހޭޒަލްގެ އެހީތެރިއަކަށް އެކަލާނގެ ވެއްޖެކަން ގައިމެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. ފަލާހާ ކާމިޔާބު ލިބުންވަނީ އެކަލާނގެ ޙަޟްރަތުންނެވެ. ނުބައިކަމުން ސަލާމަތްވުމުގެ ބާރެއް ވެސް އަދި ހެޔޮކަމެއް ކުރުމުގެ ބާރު ވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.

* * * * *

ގޮތް ހުސްވެ އިތުރަށް ކެތްކުރަން ލިއަމްއަށް ދަތިވެއްޖެއެވެ. އަތުގައި އޮތް ފޯނުގެ ނިވިފައިވާ އިސްކުރީނު އޭނާ ހުޅުވާލިއެވެ. އޮފީހުން ގުޅީ ހަމަ އެވަގުތެވެ. އެ ކޯލު ލިއަމް ނެގިއެވެ. އެ ގުޅީ އޮފީސް ތެރެއިން އޭނާ ނުފެންނާތީ ވީތަނެއް ބެލުމަށެވެ. ލިއަމް ދޮގު ހެދިއެވެ. ހޭޒަލް ވަރަށް ބޮޑަށް ބަލިވެގެން އިމަޖެންސީކޮށް ގެއަށް އަންނަން ޖެހުނީ ކަމުގައި ބުނެއެވެ. އަދި އޭނާއަށް މިއަދު ދެވޭނެހެން ހީނުވާކަމަށް ބުންޏެވެ. ލިއަމްއަކީ ގިނަބައެއްގެ ލޯތްބާއި އިތުބާރު ލިބިފައިވާ މުވައްޒަފެކެވެ. އޭނާ ހޭޒަލްދެކެ ލޯބިވާވަރު އޮފީސް މީހުންނަށް ވެސް ސިއްރުވެފައި އޮތްކަމެއް ނޫނެވެ. އެހެންވެ އިތުރު ސުވާލެއް ކުރިމައްޗެއް ނުވިއެވެ. އެ ކޯލު ނިންމާލި ގޮތަށް ލިއަމް ގުޅީ އާތިޝްއަށެވެ.

"ޒެއްލު ފޯނު ނިވިފަ އޮތީމަ" އުނދަގޫ ގޮތަކަށް ލިއަމް ބުންޏެވެ.

"އަދިވެސް ގެއަށް ނުދޭ" އާތިޝް އަހާލިއެވެ. ހުސިޔާރުވެ ހުރި ލިއަމްއަށް ހޭޒަލްވީ ސާއިރާމެން ގޭގައިކަން ޔަގީންވިއެވެ.

"ބަލާދާން މިދަނީ... ޒެއްލު ފޯނަށް ނުގުޅޭތީ ގެއަށް ވަންނާނޭ ގޮތެއް ހަމަޖެހޭތޯ މިގުޅީ" ލިއަމް ބުންޏެވެ. އޭނާގެ ވާހަކައާ މެދު އާތިޝް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ލިއަމް ހުއްޓާ އޭނާގެ ކޮއްކޮއަށް ދެރަގޮތެއްނުވާނޭ ކަމުގެ ޔަގީންކަން އާތިޝްއަށް އޮވެއެވެ. އެ ދެމަފިރިންގެ ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތެވެ. ސުވާލު ގިނަނުކޮށް ލިއަމް ބޭނުންވާ ކަންތައްވާނޭ މަގު ފަހިކޮށްދިނެވެ. އޭނާ އަތުގައި އޮތް ކީކާޑު ހޭޒަލްއަށް ދީފައިކަމަށް އޮންނާނީ ބުންޏެވެ. އެހެންވިޔަސް އޭނާ "ލޮކްކޯޑް"އެއް ކިޔާ ދިނެވެ. ދޮރޯށްޓާއި އެލެވޭޓާގައި ބޭނުންކުރުމަށެވެ. އެޕާޓްމެންޓަށް ވަދެވޭނޭ ގޮތެއް އާތިޝް ނުބުނެއެވެ. އޭގެ ކުރީން އޭނާ އަވަދިނެތި ކަމެއްގައި އުޅޭކަން ހާމަކޮށް ފޯނުކޯލު ކަނޑާލައިފިއެވެ.

އޮފީހަށް އެނބުރި ދިއުމުގެ ގަސްދު ނެތުމުން ލިއަމް އަވަސް އަވަހަށް އޮފީސް ހެދުން ބަދަލުކޮށްލިއެވެ. ޖީންސަކާއި ޓީޝާޓެއްގައި އޭނާ ހަލުވިކޮށް ގެއިން ނުކުތެވެ. މާލޭގެ މަގުތަކުގައި ބާރު ދުވެލީގައި ދިއުމަކީ ފަސޭހަކަމަކަށް ނުވިޔަސް ލިއަމް ދުއްވީ ކަނޑައަޅާފައި އޮންނަ ވަރަށްވުރެ ބާރަށެވެ. ވީހާ ވެސް އަވަހަކަށް ހޭޒަލްގެ ގާތަށް ދާން ބޭނުންވެފައި ހުރި ވަރުންނެވެ.

މ.ސްނޯލޭންޑްގޭ ދޮރޯށިން ލިއަމްއަށް ވަދެވުނެވެ. އޭނާ އަވަހަށް އައިސް އެލެވޭޓާއަށް އެރިއެވެ. އާތިޝް ދިން ކޯޑު ޖެހިއެވެ. އެއަށްފަހު ސާއިރާމެން ދިރިއުޅޭ ބަޔަށް ދިއުމަށް ފިތަށް އޮބާލިއެވެ. އޭރު ލިއަމްގެ ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. ހޭޒަލް ސުވާލު އުފައްދާނޭކަން ޔަގީންވާއިރު އޭނާއާ ދައްކާނޭ ވާހަކައާ މެދު ލިއަމްއަށް ވިސްނުނެވެ. އޭނާގެ ޚިޔާލުތައް ހުއްޓުމަކަށް އައީ އެލެވޭޓާ ހުއްޓުމަކަށް އައިސް ދޮރު ހުޅުވުމުންނެވެ. އޭނާ ނުކުމެގެން އައިސް އެޕާޓްމެންޓުގެ ދޮރުމަތީ ހުއްޓުނެވެ. ނަފްސުގެ ހާސްކަން ފިލުވާލުމަށް އޭނާ ހަށިފުރާ ފުންކޮށް ދެތިން ނޭވާ އަނގައިން ބޭރުކުރިއެވެ. ހިސާބަކަށް ހަމަޖެހިވުމުން އެޕާޓްމެންޓުގެ ތަޅުގައި ހިފާލިއެވެ. ފަހަރެއްގައި ތަޅުނުލާ ހުރެދާނޭ ކަމަށް ލިއަމް ހީކުރިއެވެ. ނަމަވެސް ދޮރެއެއް ނުއެއް ހުޅުވުނެވެ. ބެލްއަޅާލީ އެހެންވެއެވެ. ހުރިހާތާ ހުރެ ހަވަރަކަށް ފަހަރު ބެލް ޖެހި އިރު ވެސް ދޮރެއް ނުހުޅުވިއެވެ. ހޭޒަލްގެ ނަމުން ތަންކޮޅެއް ބާރަށް ލިއަމް ގޮވާލީ ދެނެވެ.

"ކީއްކުރަން ތިއައީ؟" ހޭޒަލްގެ އަޑު އިވުނީ އެޕާޓްމެންޓުގެ ދޮރު ކައިރިންނެވެ. އެ އަޑު ކުރެހިފައިވާކަން ވަގުތުން ލިއަމް ދެނެގަތެވެ. ދޮރުފަތާ ބޮޑަށް ލިއަމް ކައިރިވެލުމާއެކު ކަނާއަތް ދޮރުފަތުގައި ޖައްސާލިއެވެ.

"ދޮރުހުޅުވާލަބަލަ... ލެޓްސް ޓޯކް..." ލިއަމް ބުންޏެވެ.

"ކޮންވާހަކައެއް ދައްކަންއޮތީ" ހޭޒަލްގެ އަޑު ބަދަލުވެލި ގޮތުން އޭނާ ރޮނީކަން ލިއަމްއަށް ޔަގީންވިއެވެ. ތިރީތުންފަތުގައި ކުޑަކޮށް ދަތްޖައްސާލައި ފިއްތާލެވުނީ ހޭޒަލް ރުއިމަށް އެ ހިތް ނޭދޭތީއެވެ. ހޭޒަލް އެ ރޮނީ އޭނާގެ ސަބަބުންކަން ވެސް ލިއަމްއަށް އެނގެއެވެ. އެފަދަ މަންޒަރެއް ހޭޒަލްއަށް ދުވަހަކުވެސް ފެންނާކަށް ޚުދު ލިއަމް ވެސް ނޭދެއެވެ.

"ޕްލީޒް ޒެއްލު... ދޮރުހުޅުވާލަބަލަ... އަހަންނަށް ވާހަކަދައްކާލަން ވަގުތުކޮޅެއް ދީބަލަ... ޕްލީޒް..." ލިއަމް އާދޭސްކުރިއެވެ.

"އެކަމަކު އަހަރެން ބޭނުމެއްނޫނޭ" އެޕާޓްމެންޓުގެ އެތެރެއިން ދޮރުފަތުގައި ނިތްކުރި ޖައްސާލައިގެން ހުރެ ހޭޒަލް ބުންޏެވެ.

"ޕްލީޒް ބޭބީ... ތިހެން ނުބުނޭ... ހަމައެންމެ ފަހަރަކު... ޕްލީޒް... ލެޓްސް ޓޯކް..." ލިއަމް އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ.

"އެންމެ ފަހަރެއްތަ؟... އަހަރެން ލިއަމްއަށް ދިނީ އެންމެ ފުރުޞަތެއްތަ؟..." ހޭޒަލްއަށް ގިސްލެވުނެވެ. ކެތްކުރަން ދަތިވި މީހަކު ފަދައިން ލިއަމް ދޮރުފަތުގައި ޖަހާލިއެވެ.

"އައި ސްޓިލް ލަވް ޔޫ... އައި އޭމް ސޮރީ... ހިނގާ އަހަންނާއެކު ގެއަށްދާން، ގެއަށް ގޮސް ހަމަޖެހިގެން ވާހަކަދައްކާނީ... ޒެއްލު ބުނި ކޮންމެކަމެއް ވެސް އަހަރެންކޮށްފާނަން" ލިއަމް ބުންޏެވެ.

"އަހަންނަށް އެތާކު ދިރިއެއްނޫޅެވޭނެ... ހުރިހާ ކަމެއް ބަދަލުވެއްޖެ... އަހަންނަށް ކަމެއްކޮށްދެންޏާ މިތަނުން ދޭ..." ހޭޒަލް ބުންޏެވެ. އެފަދަ ވާހަކަތަކެއް ހޭޒަލްގެ ފަރާތުން އިވިދާނޭކަމަށް ލިއަމް ހުރީ ތައްޔާރުވެގެންނެއްނޫނެވެ. އޭނާ ހީކުރީ ހޭޒަލް ރުޅި ގަދަވެފައި އެތަކެއް ހާސް ސުވާލުގެ ތެރޭ ލިއަމް ޣަރަޤުކޮށްލާނޭ ކަމަށެވެ. އެހެންނަމަވެސް ހޭޒަލް އެއްވެސް ސުވާލެއް ކުރުމެއްނެތި އޭނާ އެ އެދެނީ ލިއަމް ގާތު ދުރަށް ދިއުމަށެވެ. ލިއަމްދެކެ ލޯބިން އޭނާއާ ހެދި އެހާވަރުން އުޅުނު އަނބިމީހާގެ ލޯތްބަށްވީ ކިހިނެއްބާއޭ ލިއަމް ހިތަށް އެރިއެވެ. ހޭޒަލްއަށް ލިއަމްއާ ދުރުގައެއް ނުހުރެވޭނެއޭ ލިއަމްގެ ހިތާއި ސިކުނޑި ބުނަމުން ދިޔައެވެ.

"އަހަންނާއެކު ނުދާންވީ ކީއްވެ؟ އަހަރެންގެ ވާހަކަ އަޑު ނާހަންވީ ކީއްވެ؟... ޒެއްލު... ތިހެން ނުހަދާ، ޕްލީޒް... ޕްލީޒް... ބޭބީ މި ދޮރުހުޅުވަބަލަ... އަހަރެން ބޭނުމޭ ވާހަކަދައްކަން... ޒެއްލުއާއެކީ ނޫނީ އަހަރެން ވެސް ނުދާނަން ގެއަކަށް" ލިއަމް ބުންޏެވެ.

(ނުނިމޭ)