ބޮލީވުޑް

ބިގް ބޮސް 13: ހީރޯއަކީ ސިދާރްތު ޝުކްލާ

ބިގް ބޮސްގެ 13 ވަނަ ސީޒަން މިހާރު ކަލާޒް ޗެނަލުން ދައްކަމުންދާއިރު ގިނަ ބަޔަކަށް އެންމެ މަގްބޫލީ ޓީވީ ތަރި ސިދާރްތު ޝުކްލާ އެވެ. މިހާރު މީހުންގެ ޚިޔާލުތައް ހުރި ގޮތަށް ބަލާއިރު ޝޯ ކާމިޔާބުކުރުން އެންމެ ގާތީ ވެސް ސިދާރްތު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސިދާރްތު އާ އެންމެ ކައިރިން ދެ ވަނަ އަށް ވާދަކުރަނީ އާސިމް ރިއާޒް އާއި ޕަރަސް ޗަބްރާ އެވެ.

ޝޯ ފެށިގެން ފުރަތަމަ މަސް ފާއިތުވީއިރު އެންމެ ގިނަ މީހުން ރުޅިއައިސްގެން ފާޑުކިޔާ ހަދަމުންދިޔައީ ސިދާރްތު އަށް ނަމަވެސް ދެ ވަނަ މަސް ފާއިތުވީއިރު ސިދާރްތު ވަނީ އޭނާއާ އެއްކޮޅަށް ގިނަ ބަޔަކު އަނބުރާލާފަ އެވެ. ސިދާރްތު ދެކެ ރުޅިއަންނަ އެންމެ މައިގަނޑު ސަބަބަކީ އަންހެން ބައިވެރިންނަށް އޭނާ ކަންތައްކުރާ ހަރުކަށި ގޮތުންނެވެ. ޚާއްސަކޮށް އަންހެން ބައިވެރިންގެ ތެރެއިން ރަޝްމީ ދެސާއީ އަކީ ބެލުންތެރިންނަށް ވަރަށް މަގްބޫލު ބައިވެރިއަކަށް ވެފައި އޭނާ އާއި ސިދާރްތުގެ އަރާރުންތަކުގައި އެންމެ ގިނަ މީހުންގެ ސަޕޯޓް ލިބެމުންދިޔައީ ރަޝްމީ އަށެވެ.

ޝޯ ފެށުނުކޮޅު ސިދާރްތު އާއި އާސިމް ރިއާޒްގެ އެކުވެރިކަން ވީ ބެލުންތެރިން ވަރަށް ގަޔާވި ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން މި ދެ މީހުންގެ ފޭނުންވެސް ވަނީ ވަރަށް ގިނަ ވެފަ އެވެ. ސިދާރްތު އާއެކު ވިދަމުންދާ އަނެއް ބައިވެރިޔަކީ ޝެހެނާޒް ގިލް އެވެ. ޝެހެނާޒް އާއި ސިދާރްތުގެ ގާތް ގުޅުމަކީ ފޭނުން ފޫހިކަމެއް ނެތި ތަރުހީބުދެމުންދާ ގުޅުމެކެވެ.
ކަލާޒްއިން ވަރަށް ފަހުން ކުރި ސާވޭއެއްގެ ނަތީޖާ ދެއްކި ގޮތުގައި ބިގް ބޮސް ގޭގެ އަސްލު ހީރޯއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ސިދާރްތު އެވެ. އާސިމް ދެވަނަ އަދި ރަސްމީ އަށް ތިން ވަނަ މި ސާވޭގައި ލިބިފައި ވެއެވެ.
ސިދާރްތު ދެކެ ނަފްރަތުވީ ގިނަ މީހުން އޭނާގެ ފޭނުންނަށް މިހާރު ވެފައިވަނީ އޭނާ ބިގް ބޮސް ގޭގައި އުޅެނީ ހަމަ އަސްލުދިރިއުޅުމުގައި ވެސް އުޅޭ ގޮތަށް ކަމަށް ގަބޫލު ކުރެވިގެންނެވެ. އެއްވެސް ފޭކް ކަމެއް ސިދާރްތުގެ ނުހުންނަ ކަމަށް އޭނާއަށް ސަޕޯޓްކުރާ މީހުން ބުނެ އެވެ.

"ސިދާރްތު އަކީ ރުޅިގަދަ ޒުވާނެއް. ވަރަށް ރޮމެންޓިކް. ކުޑަ ކުއްޖެއްގެ ހުންނަ ގޮތްތަކެއް ވެސް ހުރޭ. އެހެން މީހުންނަށް ހިމާޔަތްދޭ އެކުވެރި އަދި ވިސްނުންތެރިކަމާއެކު ކަންކުރާ މީހެއް. ހުރިހާ ކަމަކަށް ވުރެ ވެސް އޭނާގެ އެހެރަ ރީތިކަމެއް މީހުންގެ ހިތްތައް ކަތިލާވަރުވޭ،" ސިދާރްތުގެ ފޭނަކު ބުންޏެވެ.

ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް ސިދާރްތު ކޮޅަށް ޖެހިފައިވާ ކަމަށް ބުނެ އެހެން ބައިވެރިންގެ ފޭނުން ވަރަށް ޝަކުވާ ކުރެ އެވެ. ނަމަވެސް ސަލްމާން އެކަމަކާ މާ ބޮޑަކަށް އަޅައެއް ނުލަ އެވެ. ސިދާރްތު އާއި އާސިމް ފަދަ ބައިވެރިންގެ ސަބަބުން ޝޯގެ މަޝްހޫރުކަން އިތުރުވެ ކަލާޒް އިން ވަނީ އިތުރު ފަސް ހަފުތާ އަށް ޝޯ ކުރިޔަށް ގެންދިއުމަށް ނިންމާފަ އެވެ.

މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ޝޯ ނިމެންދެން ސިދާރްތު އަށް އޭނާގެ މަގްބޫލުކަން ދެމެހެއްޓޭނެތޯ ނުވަތަ ނޫންތޯ އެވެ. އެންމެ ފަހުގެ އެޕިސޯޑްތަކުން ފެންނަ ގޮތުގައި ސިދާރްތު އާއި އާސިމްގެ ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ. އަދި ޝޯ ފެށުނީއްސުރެ އެންމެ ރުޅިން އުޅުނު ރަޝްމީ އާއި ސިދާރްތުގެ ގާތްކަން މިހާރު ދަނީ އިތުރުވަމުންނެވެ. މިއީ ސިދާރްތު ވަކި ޕްލޭނެއްގެ ދަށުން ކުރާ ކަމެއް ނަމަ ޝޯ ނިމުމާ ހަމައަށް ހަމަ ގައިމުވެސް އޭނާއަށް ދެމިހުރެވިދާނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.