ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.
ގާނޫނު އާސާސީއަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީއެއް ހުޅުވާލި އެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެ ބިލަށް އިތުރު ދެ އިސްލާހެއް ވެސް ގެނެސްފަ އެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެއް އިސްލާހުގައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ.
ދެ ވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.
ގާނޫނު އަސާސީ އަށް ބަދަލު ގެންނަން މަޖިލިހުން ފާސްކުރި އިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ބިލެއް ވެސް ހުށަހަޅައިފަ އެވެ. މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އެ ބިލް ދިރާސާކޮށް މިހާރު ވަނީ ތަޅުމަށް ވެސް ފޮނުވައިފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ކައުންސިލްތަކުގެ ދައުރަކީ ފަސް އަހަރު ކަމަށް ހަމަޖެއްސުމަށް މުޅި މަޖިލިހުގެ ކޮމިޓީން ވެސް ނިންމި އެވެ.
މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ. ގާނޫނުއަސާސީއަށް ގެނައި އާ ބަދަލު ރައީސް ތަސްދީގުކުރުމާއެކު އަންނަ އޭޕްރީލް މަހު ހޮވާ ކައުންސިލްތައް އިންތިހާބު ކުރާނީ ފަސް އަހަރަށެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެ އެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ ފައިސާ، ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ބިލްގައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދޭން ވަނީ ހިމަނައިފަ އެވެ.