ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ ރައީސުންނަށް 23،000 ރުފިޔާ

އަލަށް އިންތިހާބުވި ކައުންސިލަރުންނަށް މުސާރަ އާއި އިނާޔަތް ބޮޑުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އެ ކޮމޓީން މިގޮތަށް ނިންމީ ކައުންސިލަަރުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭގޮތުން ޕޭ ކޮމިޝަނުން ހުށަހެޅި ހުށަހެޅުމަށް މަޝްވަރާ ކުރުމަށްފަހު އެވެ. ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ކުރި މަޝްވަރާތަކަށް ފަހު ކައުންސިލަރުންގެ މުސާރަ ބޮޑު ކުުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރު އެވެ.

ކޮމިޓީން މިއަދު ފާސްކުރީ ރަށު އަތޮޅު ކައުންސިލް ތަކުގެ ރައީސުންނަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ރަައީސުންނަށް 23،000 ރުފިޔާ ދިނުމަށެވެ. ރަށު ކައުންސިލްތަކުގެ ނައިބުންނަށް 15،000 ރުފިޔާ އަދި މެންބަަރުންނަށް 12،000 ރުފިޔާ ދިނުމަށެވެ.

ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ދިނުމަށްވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވެ އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް މެންބަރުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމުގަ އެވެ. އެގޮތުން 23،000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށް ފާހަގަކުރައްވާ ބައެއް މެންބަރުން އެދިވަޑައިގަތީ އެ އަދަދު 20،000 ރުފިޔާ އަށް ކުޑަކުރުމަށެވެ.

ބައެއް މެންބަރުން ވަނީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި މެންބަރުންގެ މެދުގައި މުސާރައިގެ ބޮޑު ތަފާތެއް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. ކައުންސިލް މެންބަރަކަށް 12،000 ރުފިޔާ ލިބޭއިރު ކައުންސިލްތަކުގެ ރައީސުންނަށް އެ އަދަދަށް ވުރެ އިތުރަށް 11،000 ރުފިޔާ ލިބޭތީ އެއީ ވަރަށް ބޮޑު ފަރަގެއް ކަމަށްވެސް މެންބަރުން ފާހަގަކުރެއްވި އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި ނަމަވެސް ކޮމިޓީގެ ނިންމުމަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުން ކޮމިޓީގެ ރިޕޯޓް ފާސްކުރުމުންނެވެ.