އެމްޑީޕީ

ވަހީދުގެ ފުރާނައަށް ނުރައްކާ ކުރަން ދަނީ ގޮވާލަމުން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ކެމްޕޭން ތަގުރީރެއްގައި ދެއްކެވި ވާހަކަތަަކަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށް އޭނާ ނިސްބަތްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން ވަނީ ވަހީދު ގުޅުވާ ބަޔަކު ވާހަކަ ދައްކަމުންދާ މައްސަލަ ތަހުގީގު ކުރުމަށްވެެސް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމެއްގައި ވާހަަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ "ސިކު" ބައެއް ކަމަށް ވަހީދު ސިފަކޮށްފައިވާ ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާ އެ ވާހަކަތައް ދައްކާ ވީޑިއޯއެެއްވެސް ވަނީ އާންމުކޮށްފައެވެ.

އެކަމަށް އިޝާރާތްކޮށް އަދި މެންބަރު ވަހީދުގެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީގެ ބަޔާނުގައި ވަނީ ވަހީދުގެ ވާހަކާގައި ފާހަގަކޮށްފައިވާ ނުކުތާ އަމާޒު ކޮށްފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫން ކަމަށާ އެއާ ހިލާފަށް އޭނާގެ ވާހަކަ އަމާޒު ކޮށްފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށެވެ. އަދި އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ މީހުން އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން ވަހީދުގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

"...މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއާ ޑޮކްޓަރު އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައި. ތަހުގީގުތަކުން ދައްކާގޮތުގައި ޑޮކްޓަރު އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިން. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވޭ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.