ގާސިމް އިބްރާހިމް

އަންހެންނަށް ކޯޓާ ކަނޑައެޅުމާ ގާސިމް ދެކޮޅު

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެ އިސްލާހާ ދެކޮޅު ހައްދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި މާލަމުގައި މިރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް އަންނަން ޖެހޭ ކަމަށާ ނަމަވެސް ކޮންމެ ކޮންމެ އިސްލާހެއް ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ ގާސިމް ވިދާޅުވީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން މަޖިލީސްތެރޭ ކުރާ މަސައްކަތަކީ ގާނޫނު އަސާސީއާއި ހިލާފުކަމެއް ކަމަށެވެ.

"ކައުންސިލަރުން ހޮވުމުގައި، ވަކި އަދަދެއް އަންހެނުން އޭގެ ކައުންސިލަށް ހޮވަންޖެހޭނެ ކަމަށް މަޖުބޫރު ކުރަން ގާނޫނެއް ހަދަން އުޅޭ އުޅުން. އަޅުގަނޑު ދަންނަވާނީ ކަނޑައެޅިގެން ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ކަނޑައެޅިގެން ހިލާފު ކަމެކޭ. ކަނޑައެޅިގެން ހިލާފު. އެހެން ގޮތަށް އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން ވަކި ނަސަބަކުން ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮއްނަނީ. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައި ވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައި ވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ އަނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރައިޑް ކުރެވޭ އެހެން ތިބި މީހުންގެ ހައްގުތަކަށް. އެހެންވީމަ މި ދޭތި ދިމައެއް ނުވޭ އިނގޭތޯ." މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްވެސް ޖިންސަކަށް ހާއްސަކޮށްގެން ވަކި މަގާމުތަކެއް ގާނޫނަކުން ކަނޑައެޅުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ކޮންމެ މީހަކަށް އެބައޮތް ކަމަށާ އެންމެ ގިނަ ވޯޓް ހޯދަނީ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް މަގާމުތަކަށް އައުމުގައި ހުރަހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން މިހާރު ކުރަން އުޅޭ މަސައްކަތަކީ މިނިވަންކަން "ހަލާކު" ކޮށްލުމުގެ މަސައްކަތްތަކެއް ކަމަށާއި ކައުންސިލްތަކުން ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރުމުން ފިރިހެނުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ.

ކައުންސިލަރުން ހޮވުމުގައި، ވަކި އަދަދެއް އަންހެނުން އޭގެ ކައުންސިލަށް ހޮވަންޖެހޭނެ ކަމަށް މަޖުބޫރުކުރަން ގާނޫނެއް ހަދަން އުޅޭ އުޅުން. އަޅުގަނޑު ދަންނަވާނީ ކަނޑައެޅިގެން ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ކަނޑައެޅިގެން ހިލާފް ކަމެކޭ. ކަނޑައެޅިގެން ހިލާފް. އެހެން ގޮތަށް އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން ވަކި ނަސަބަކުން ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮއްނަނީ. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައިވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައިވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ އަނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރައިޑް ކުރެވޭ އެހެން ތިބި މީހުންގެ ހައްގުތަކަށް. އެހެންވީމަ މި ދޭތި ދިމައެއް ނުވޭ އިނގޭތޯ
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވަނީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ސިޔާސީ ގޮތުން ވޯޓް ހޯދަން ބަޔަކު ކުރަން އުޅޭ ކަމެއް ކަމަށް ސިފަ ކުރައްވާފަ އެވެ. އަދި އެމްޑީޕީއަށް އިޝާރަތް ކުރައްވާ ގާސިމް ވަނީ ފުރަތަމަ ޕާޓީތެރެއިން އަންހެނުންނަށް ފުުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އަންހެނުންނަށް ވަކި އަދަދެއް ހަމަ އެކަނި ކައުންސިލުންތަކުން ޚާއްސަ ކުރަނީ ކީއްކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް ވަކި ގޮނޑިތަކެއް އަންހެނުންނަށް ކަނޑައަޅަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލިސް ވެސް އެހެން ބާއްވަން ވީނުންތޯ. ރައީސުލްޖުމްހޫރިއްޔާކަން ވެސް ދެ ދައުރު ފިރިހެނަކު ކޮށްފިއްޔާ، އަންހެން ބޭފުޅަކަށް ދޭން ޖެހޭނެ ނޫންތޯ. ކީއްވެގެންތޯ އެހެން ނަހަދަންވީ. ހަމަ ހަދަންވީ ނޫންތޯ. އެހެންވީމަ ކުރާ ކަންތައްތަކާއި ބުނާ ބަސްތައް ދެކޮޅު ޖެހެން ޖެހޭނެ. ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށްވިޔަސް އަންހެން ބޭފުޅުން ވެސް މި ދިވެހިރާއްޖޭގައި ތިއްބެވި އަންހެން ބޭފުޅުން އެހާ ގަމާރެއް ނޫން. މިހާރު އެބައޮތް ހުރިހާ ކައުންސިލަކަށް ވެސް 100 ޕަސެންޓް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރުވެސް. މިހާރު އެބައޮތް 100 ޕަސެންޓް، ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރު ވެސް.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފު ނަމަވެސް އަދި އެމަނިކުފާނު އެ އިސްލާހާ ދެކޮޅު ނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ބާރު އޮތީ އެ މަސައްކަތް ކުރަމުންދާ މީހުންގެ އަތް މަތީގައި ކަމަށެވެ.

"ބައްލަވާލައްވާ މާރިޔާ އަހުމަދު ދީދީ، ބައްލަވާ ލައްވާ އީވާ އަބްދުﷲ، ބައްލަވާލައްވާ ދިޔާނާ ސައީދު، ބައްލަވާ ލައްވާ ރޮޒައިނާ އާދަމް، މިހެން ކިތަންމެ ބޭފުޅެއްތޯ. ކޮބައިތޯ އެ ބޭފުޅުންނަށް ނުކުރެވުނު ކަމެއް. އެ ބޭފުޅުން ކުރިމަތިލައްވައިގެން ކާމިޔާބު ނުކުރައްވާފައި،"

ގާސިމް ވިދާޅުވީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ ވަކި ބަޔަކަށް ފާޑު ކިޔުމުގެ ނިޔަތުގައި ނޫން ކަމަށާއި އެ ވާހަކަ ދެއްކެވީ ބަޔަކު ސިޔާސީ މަންފާ ހޯދަން މިފަދަ ކަމެއް ކުރާއިރު އޭގެ ނިކަމެތިކަން ގައުމާއި ރައްޔިތުންނަށް ލިބޭނެ ކަމަކަށްވާތީ ކަމަށެވެ.

ގާސިމް ވަނީ އެމްޑީޕީން 19 ވަނަ މަޖިލީހުން ސުޕަ މެޖޯރިޓޯ ހޯދިއިރު ގިނަ އަންހެނުންނަށް ފުރުސަތު ނުދިނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އިސްލާހު ހުށައެޅުއްވުމުން ލާމަރުކަޒީ ކޮމެޓީން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަން ވަނީ ނިންމާފަ އެވެ.