ގާސިމް އިބްރާހިމް

ޔާމީނަށް ހުކުމްކުރި ފަނޑިޔާރުން ނުދަންނަން: ގާސިމް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރަށް ހުކުމްކުރެއްވި ބެންޗުގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު ދެނެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަނީ ލޯޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދަށު ކޯޓްގެ އެ ހުކުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވަނީ ކޯޓްތަކާއި، ސަރުކާރު ހިއްސާވާ ޕާޓީތަކުގެ ވެރިންނަށް ރުޅިވެރިކަމާއެކު ފާޑު ވިދާޅުވެފައެވެ. ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންގެ އެންމެ ބޮޑު ތުހުމަތެއް އަމާޒުކުރެއްވީ ގާސިމް އިބްރާހިމަށެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާ އެ ހުކުމްގެ ފަހަތުގައި ވަނީ ގާސިމް ކަމަށްވެސް އިދިކޮޅު ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުން ރޭ ޖުމްހޫރީ ޕާޓީގެ މައި މާލަމުގައި އޮތް ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމާ އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ކުރިން ހައްޔަރުކޮށް "ވާނުވާ" ޖަހައި ޖަލުގައި ބޭއްވުމުން އެކަމާ ދެކޮޅަށް އަޑުއުފުއްލެވީވެސް އެމަނިކުފާނު ކަމަށާއި އެހެންވީމަ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ "ވާނުވާ" ޖަހައި ރައީސް ޔާމީން ޖަލުގައި ނުބޭއްވޭނެ ކަމަށް ވިދާޅުވުމުން އެ އަޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުކުރެއްވި ކަމަށެވެ. އެކަން އެނގެނީ ފަހުން ކަން ހިނގާދިޔަ ގޮތުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އެމަނިކުފާނު ގޭގައި ހުންނަވައިގެން، ޝަރީއަތް ކުރައްވައިގެން މިނިވަންކަމާއެކު ދަތުރުފަތުރުކޮށް ހުރިހާ ކަމެއްކޮށް، ރާއްޖެއިން ބޭރަށް ފުރާވަޑައިނުގެންނެވުން ނޫން ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުސަތު އޮވެގެން، ޝަރީއަތުން ފަސް ފަނޑިޔާރުންގެ ބެންޗަކުން ނިންމީ އިއްތިފާގުން. އެއީ ކާކު ކުރިކަމެއްތޯ އެއީ. އެއީ އަޅުގަނޑު ކުރިކަމެއްތޯ. އަޅުގަނޑުތޯ އެތާ އިނީ. އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކުވެސް އެތާގައި ނޫޅޭނެ. ތިމާގެ މީހަކުވެސް ނޫޅޭނެ. ދަންނަ މީހަކުވެސް ނެތް އެ ބެންޗަކު." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އެމަނިކުފާނު ގޭގައި ހުންނަވައިގެން، ޝަރީއަތް ކުރައްވައިގެން މިނިވަންކަމާއެކު ދަތުރުފަތުރުކޮށް ހުރިހާ ކަމެއްކޮށް، ރާއްޖެއިން ބޭރަށް ފުރާވަޑައިނުގެންނެވުން ނޫން ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުސަތު އޮވެގެން، ޝަރީއަތުން ފަސް ފަނޑިޔާރުންގެ ބެންޗަކުން ނިންމީ އިއްތިފާގުން. އެއީ ކާކު ކުރިކަމެއްތޯ އެއީ. އެއީ އަޅުގަނޑު ކުރިކަމެއްތޯ. އަޅުގަނޑުތޯ އެތާ އިނީ. އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކުވެސް އެތާގައި ނޫޅޭނެ. ތިމާގެ މީހަކުވެސް ނޫޅޭނެ. ދަންނަ މީހަކުވެސް ނެތް އެ ބެންޗަކު
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ކުރިން ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ހައިލަމް އަދި އޭގެ ކުރިން އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުލްބާރީ ޔޫސުފް އެނގިވަޑައިގަންނަވާ ކަމަށާ އެ ފަނޑިޔާރުންވެސް އެނގިވަޑައިގެންނެވީ ކުރީ ސަރުކާރުން މެދުވެރި ކުރުވި މައްސަލަތަކެއްގެ ސަބަބުން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ކަމަށެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް މަސައްކަތް ފެށިފައިވާއިރު ފާޑުކިޔުމުގެ ކުރިން އެ އިޖްރާއަތްތައް ފުރިހަމަވަން ދެން މަޑު ކުރެއްވުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.

ގާސިމް ރޭ ވިދާޅުވީ ޔާމީންގެ ހުކުމާއި ގުޅިގެން އެމަނިކުފާނަށް ބަޔަކު ފާޑުކިޔަނީ ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ވަދެދާނެތީ އެކަމުގެ ބިރަށް ކަމަށެވެ.

"އެ ބޭފުޅުން [ޕީޕީއެމް/ޕީއެންސީ] ވިސްނާ ގޮތުގައި ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވީމަ، މި ޕާޓީއަށް މެންބަރުންތަކެއް ވަދެދާނެތީ އެކަމުގެ ބިރަށް އަރުވާ އަޑުތަކެއް އެއީ."