ލައިފްސްޓައިލް

އިނގިރޭސި ޓީޗަރަށް އިނގިރޭސި ކިޔާކަށް ނޭގުނު!

އަހަރެމެން މިއަދު ދަސްކޮށްގެން މިތިބީ ކުޑައިރު ޓީޗަރުން ކިޔަވައިދިން އެއްޗެކެވެ. ކޮންމެ މީހެއްގެ ވެސް ހިތުގައި ޚާއްސަކަމެއް ކިޔަވައިދިން ޓީޗަރުންނަށް އޮވެ އެވެ. ބައެއް ޓީޗަރުން އެމީހުންގެ ދަރިވަރުންނަށް އިލްމު އުނގަންނައިދިނުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެ އެވެ.

ނަމަވެސް އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ދިމާވި ހާދިސާއަކުން ވަރަށް ގިނަ ބަޔަކަށް ހަގީގީ ޓީޗަރުންނަކީ ކޮބައިކަން އޮޅޭގޮތް ވެއްޖެ އެވެ. އެ ސްޓޭޓްގެ އުންނާއޯ ޑިސްޓްރިކެޓްގައި ހުރި ސަރުކާރު ސްކޫލެއްގެ ފެންވަރު ބަލަން ތައުލީމާ ބެހޭ އިދާރާގެ އޮފިޝަލުން ޒިޔާރަތްކޮށް ޓީޗަރުންގެ ފެންވަރު ބެލިއިރު އެ ސްކޫލްގައި އިނގިރޭސި ކިޔަވައިދޭ ޓީޗަރަކަށް އިނގިރޭސިން ލިޔެފައި އޮތް އެންމެ ޖުމްލައެއް ވެސް ކިޔާކަށް ނޭނގުނެވެ.

މި ހާދިސާގެ ވީޑިއޯއެއް މިހާރު ވައިރަލް ވެފައިވާއިރު މި ވީޑިއޯއިން ފެންނަނީ އުންނާއޯ ޑިސްޓްރިކެޓްގެ މެޖިސްޓްރޭޓް ދެވެންދުރަ ކުމާރު ޕާންޑޭ އެ ޓީޗަރު ކައިރީގައި އިނގިރޭސިން ލިޔެފައިވާ ފޮޅުވަތެއް ކިޔާލަން ބުނާ މަންޒަރެވެ. އެ އަންހެން ޓީޗަރު ކޮށަކޮށައިގެން އެ ޖުމްލަ ކިޔޭތޯ މަސައްކަތް ކުރެ އެވެ. އެވަރުން ވެސް ޖުމްލަ އެއްކޮށް ކިޔައެއް ނުލެވުނެވެ.

އެ ޓީޗަރު ވަގުތުން ސަސްޕެންޑް ކުރަން މެޖިސްޓްރޭޓް ރުޅިއައިސްފައި އަންގަ އެވެ. އޭނާއަކީ އިނގިރޭސި މާއްދާ ކިޔަވައިދޭ ޓީޗަރަކަށް ވެފައި އެންމެ ޖުމްލައެއް ކިޔަން ނޭނގުނު ކަމަށް މެޖިސްޓްރޭޓް ރުޅިގަދަވެފައި ބުނާ އަޑު މި ވީޑިއޯގައި އިވެ އެވެ.

އެ ޓީޗަރު އޭނާގެ ދިފާއުގައި އެއްޗެކޭ ބުނަން މަސައްކަތް ކުރާތަން ދެން ފެނެ އެވެ.

"ކިހިނެއް ވީ ދެން. ކަލޭ ތީ ބީއޭ ޕާސް މީހެއް ދޯ. އެހެން ނޫންތަ؟ އަހަރެން އަދި މި ޖުމްލަ ތަރުޖަމާ ކުރާކަށް ވެސް ނުބުނަމެއްނު. އަހަރެން ކުރަން ބުނިހާ ވެސް ކަމަކީ ތި ކިޔަވައިދޭ ޓެކްސްޓް ފޮތުގައި އޮތް މި ޖުމްލަ ކިޔާލަން. އެވަރުވެސް ކަލެއަކަށް ނުވި،" މެޖިސްޓްރޭޓް އެ ޓީޗަރާ ދިމާލަށް ބުނެ އެވެ.

ޕާންޑޭ މި ސްކޫލަށް ޒިޔާރަތްކުރީ ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގެ ގޮތުންނެވެ. މިއީ ސަޕްރައިސް ޗެކް އަކަށް ވާތީ އޭނާ އަންނަ ކަން ސްކޫލަށް ކުރިން އަންގާފައެއް ނުވެ އެވެ. އޭނާ އެންމެ ފުރަތަމަ އިނގިރޭސި ޓެކްސްޓް ފޮތުން ތަންކޮޅެއް ކިޔައިދިނުމަށް އެދުނީ ދަރިވަރުންގެ ކިބައިންނެވެ. އެ ކުދިންނަށް ކިޔަން ނޭނގުމުން ޓީޗަރު ލައްވާ ކިޔުއްވީ އެވެ.

މިހާރު އެ ޓީޗަރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ރިޕޯޓް ލިބުމުން އޭނާ ޓީޗަރުކަމުން ވަކިކުރާނެކަމަށް ވެސް އެ ސްކޫލުން ވަނީ ބުނެފަ އެވެ.