ވަރަށް ގިނަ މީހުން ހެނދުނު ހޭލައިގެން ކޮފީއެއް ބޯލާ ގޮތަށް ދުވާލުގެ އެހެނިހެން ވަގުތުތަކުގައި ކޮފީ ނުބޮއި ތިބެ އެވެ. ރޭގަނޑު ނިދިން މަހުރޫމް ވާން ޖެހިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް ކޮފީ ބުޔަސް ނިދަން އުނދަގޫ ނޫން މީހުން ވެސް މަދެއް ނޫނެވެ. ނިދާ ގަޑި ކައިރި ކޮށްލާފައި ނުވަތަ ނިދަން ދަމުން ކޮފީ ބޮއިގެން ގޮސް އަރާމުގައި ނިދާލާ މީހުން ފެނިފައި އެގޮތަށް ނުނިދޭ މީހުން ތިބެނީ ހައިރާން ވެފަ އެވެ.
މިއީ ތަންކޮޅެއް އަޖައިބުކުރުވަނިވި ކަމަކަށް ވިޔަސް ސައިންސްވެރިން ވަނީ މިކަން މިގޮތަށް ދިމާވާ ސަބަބު ހޯދާފަ އެވެ. ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުން މިއީ "ކެފެއިން ޖީން"ގެ ކަމެކެވެ. ކެފެއިން ހަށިގަނޑުގެ ތެރެއަށް ދިއުމުން ހަށިގަނޑުން އެއަށް ރިއެކްޓްކުރާ ގޮތް ކޮންޓްރޯލްކުރަނީ މި ޖީން އެވެ. ހަށިގަނޑު ތެރޭގައި ކެފެއިން ޕްރޮސެސްކުރާ ހަލުވި މިން ވެސް ކަނޑައަޅަނީ ހަމަ މި ޖީން އެވެ.
ކެފެއިން މަސައްކަތްކުރާ ގޮތް
ހެނދުނު ހޭލާއިރު ހަމަ ނިދި ނިދާލެވި ހަށިގަނޑު ތާޒާވެފައި ހުއްޓަސް ހަށިގަނޑުން އެޑިނޮސިން ކިޔާ މުހިއްމު ސަބްސްޓެންސް އެއް ވަރަށް ލަސްލަހުން އުފެދެން ފަށަ އެވެ. މިއީ އަހަރެމެންގެ ހަށިގަނޑު ހޭލާހުރުމާއި ނިދުމުގެ ސައިކަލް ނުވަތަ ސްލީޕް-ވޭކް ސައިކަލް ރެގިއުލޭޓްކުރާ ސަބްސްޓެންސެވެ.
ދުވަހުގެ ވަގުތުތައް ފާއިތުވަމުންދާ ވަރަކަށް އެޑިނޮސިން ލެވެލް މަތިވަމުން ދާނެ އެވެ. އެކަމުގެ ސަބަބުން ރޭގަނޑު ފަސޭހައިން ނިދުމަށް އެހީތެރިވެދޭނެ އެވެ.
ކޮފީ ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބުއިމުން ވާގޮތަކީ ހަށިގަނޑަށް އެޑިނޮސިން ގިނައިން ހުރިކަމަށް ގަބޫލުކުރެވިގެން އެޑިނޮސިން އުފެއްދުން ހުއްޓާލަނީ އެވެ. ނަމަވެސް ކެފެއިން މަސައްކަތް ކުރަނީ އެޑިނޮސިން މަސައްކަތް ކުރާ ގޮތަކަށް ނޫން ނަމަވެސް ހަށިގަނޑުގައި ހުންނަ ވަރުބަލިކަން ކެފެއިން އިން ދުރުކޮށްލަ އެވެ.
ކެފެއިންގެ އަސަރު ބައެއް މީހުންނަށް ނުކުރަނީ ކީއްވެ؟
ކެފެއިންގެ އަސަރު ބައެއް މީހުންނަށް ނުކުރާ ތިން ސަބަބެއް ވެއެވެ. ފުރަތަމަ ކަމަކީ ހަށިގަނޑުން އެޑިނޮސިން ނޫން އެހެން ސަބްސްޓެންސްތަކެއް އުފައްދަނީކަމަށް ވެދާނެ އެވެ. އޭގެ ސަބަބުން ހަށިގަނޑު ވަރުބަލިވާލެއް އަވަސް ވަނީ އެވެ.
ދެ ވަނަ ސަބަބަކީ ހަށިގަނޑުގައިވާ އެޑިނޮސިން އަކީ ކެފެއިންގެ މަސައްކަތް ހުއްޓުވާލެވޭ ވަރުގެ ބާރުގަދަ އެއްޗަކަށް ވުމެވެ.
ތިން ވަނަ ސަބަބަކީ ހަށިގަނޑުން ކެފެއިން މާ ހަލުވިކަމާއެކު ޕްރޮސެސްކުރުމުގެ ސަބަބުން އޭގެ މަސައްކަތް ފެށުމުގެ ކުރިން ހަށިގަނޑުން އެ ބޭރު ވަނީ އެވެ.
އެހެންކަމުން ބައެއް މީހުންނަށް ކަޕުޗީނޯއެއް ބޯލައިގެން ގޮސް އެނދުގައި އޮށޯވެ އެއްވެސް އުނދަގުލެއް ނެތި ނިދާލެވެ އެވެ. ނަމަވެސް އެގޮތަށް ނުނިދޭ މީހުން ޖެހޭނީ ނިދާ ގަޑި ކައިރިވާ ވަރަކަށް ކެފެއިން އެކުލެވޭ ބުއިންތަކާ ދުރު ވުމެވެ.