މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ބޭރުގެ ސަފީރުންގެ އެހީތެރިކަން ހޯދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނީ މި ދެބޭފުޅުން ޔާމިން މިނިވަން ކުރުމުގެ މަސައްކަތަށް ރާޢްޖެއިން ބޭރަށް ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މި ދަތުރު ތަކުގައި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައި ޔާމިން އަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި ނުހައްގުން އެމަނކުފާނަށް ދެމުންދާ އަނިޔާތަކުގެ ވާހަކަ ބައިނަލް އަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ހިއްސާ ކުރައްވާނެ ކަމަށްވެސް ކޯލިޝަނުން ބުނެ އެވެ.
މީގެ ކުރިން ޔާމިން މިނިވަންކުރުމުގެ އެހީއަށް ޕީޕީއެމްއިން އެދިފައިވަނީ ޔޫއޭއީގަ އެވެ. އެހެން ކަމުން ޕީޕީއެމް އިން ބޮޑަށް އެހީއަށް އެދޭނީ އަރަބި ގައުމުތަކުގައި ކަން ބެލެވެ އެވެ.
ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާ އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ އިންސާފުން ބޭރުން ކަމަށްބުނެ ޕީޕީއެމް/ޕީއެންސީ އަށް ތާއީދު ކުރާ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި މަޖިލީހުގައިވެސް އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ އަޑު އުފުލާފަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. މި މައްސަލައިގެ ކުށް ސާބިތުވެ އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލާފަ އެވެ.