ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް އިއްވި ހުކުމާމެދު ދުނިޔެ ކަންބޮޑުވޭ: އިދިކޮޅު

މަނީ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އިންސާފުން ބޭރުން ކަމަށާ އެ ހުކުމާމެދު ބައިނަލްއަގްވާމީ މުޖްތަމައުގެ ކަންބޮޑުވުން އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައޫސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ.

އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގައި ހުރި ކަންބޮޑުވުންތައް ބޭރު ދުނިޔެއަށް ހާމަކުރުމަށް ލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ އިންސާފުވެރި ހުކުމެއް ނޫންކަން ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

އަދި ދެ ދުވަހަށް ލަންކާ ކުރި ދަތުުރުގެ ތެރެއިން ބޭރުގެ ވަރަށް ގިނަ މިޝަންތަކުގެ ބޭފުޅުންނާ ބައްދަލުކުރެވުނު ކަމަށާ ރައީސް ޔާމީންގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމާއި، ކޮށްފައިވަނީ ސިޔާސީ ހުކުމެއްކަން އެ ފަރާތްތަކަށް ހާމަކޮށްދިން ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހިންގުނު ޝަރީއަތާމެދު މިޝަންތަކުގެ ބޭފުޅުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވުނު ކަމަށް ސައީދު ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް [ބައިނަލްއަގްވާމީ މުޖްތަމައު] ވެސް އެބަ އިނގޭ މީގަ [ރައީސް ޔާމީންގެ ޝަރީއަތް] ގޯސްތަކެއް އުޅޭކަން. ޝަރީއަތް ގެންދިޔަ ގޮތާ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ ފަރާތްތައް އެބަހުރި އިނގޭތޯ. ރައީސް ޔާމީނަށް ހުކުމެއް ޖެހުމަށްފަހުވެސް މާލޭ ޖަލުގައި ވަރަށް ނުތަވަސް ސެލް އެއްގައި އެމަނިކުފާނު ބޭންދެވީވެސް. އެނގިވަޑައިގަންނަވާނެ ޕްރެސްކޮންފަރެސްއެއްގައިވެސް އަޅުގަނޑުމެން ވާނީ އެ ވާހަކަ ދައްކާފައި. ފާހާނަ ފްލަޝްވެސް ނުކުރެވޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުގެ މައުލޫމާތު ބޭރު ދުނިޔެއަށް ހާމަކުރަމުންދާނެ ކަމަށާ ކިތަންމެ ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

އެ ބޭފުޅުންނަށް [ބައިނަލްއަގްވާމީ މުޖްތަމައު] ވެސް އެބަ އިނގޭ މީގަ [ރައީސް ޔާމީންގެ ޝަރީއަތް] ގޯސްތަކެއް އުޅޭކަން. ޝަރީއަތް ގެންދިޔަ ގޮތާ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ ފަރާތްތައް އެބަހުރި އިނގޭތޯ. ރައީސް ޔާމީނަށް ހުކުމެއް ޖެހުމަށްފަހުވެސް މާލޭ ޖަލުގައި ވަރަށް ނުތަވަސް ސެލް އެއްގައި އެމަނިކުފާނު ބޭންދެވީވެސް.
މުހައްމަދު ސައީދު | މާވަށު ދާއިރާގެ މެންބަރު

ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމަށްފަހު އެމަނިކުފާނާމެދު އަމަލު ކުރެވެމުންދާ ގޮތުގެ ކަންބޮޑުވުންތައްވެސް ބޭރުގެ މިޝަންތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި މިއަދުވެސް ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންގުޅެމުންދަނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާވެސް ހިލާފަށް ކަމަށް ވިދާޅުވިއެވެ.

"ބައިނަލްއަގްވާމީ އަޅުގަނޑުމެން އެއްބަސްވެފައި ހުރި މުއާހަދާވެސް ހިލާފަށް މިއަދު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅަކު، ރައީސް ޔާމީން މިއަދު ޖަލުގައި އެ ހުންނެވީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް. ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް. ދިވެހިރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ހިލާފަށް މިއަދު ހައްޔަރުކޮށްފައި ބަހައްޓައިގެން ސަރުކާރުން މި އުޅެނީ." މެންބަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްވެސް ވިދާޅުވީ އެ ބޭފުޅުން ބައްދަލްކުރެއްވި މިޝަންތަކުގެ އިސް ބޭފުޅުން ރައީސް ޔާމީންގެ ހުކުމާމެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށެވެ.

"ވަރަށް ގިނަ މިޝަންތަކުން ރައީސް ޔާމީންގެ މައްސަލާގައި ކަންބޮޑުވުން އެބަހުރި. އަދި އެ ބޭފުޅުން އެ ގެންދަވަނީ ޑޭ ވަންއިން ފެށިގެން ރައީސް ޔާމީނާ ދޭތެރޭ ކަންތައްތައް ކުރެވޭގޮތް ވަރަށް ގާތުން ބައްލަވަމުން. އަދި އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކުންވެސް ވަރަށް ގާތުން ދަނީ ބަލަމުން."

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ މިހާރު މި އޮތީ ދިވެހި ތާރީހުގައިވެސް ފެނުނު އެންމެ ހުދުމުހުތާރު އަދި އެންމެ އަނިޔާވެރި ސަރުކާރު ކަމަށެވެ.