ކާރްތިކް އާރްޔަން އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ރީތި އަދި އެންމެ ގިނަ އަންހެންކުދިން ހިތްކިޔާ ބަތަލެވެ. އެހެންކަމުން ކާރްތިކް އާއި އޭނާއާއެކު ފިލްމު ކުޅޭ ބަތަލާއިންނާ އަޅުވާ ކިޔުމަކީ ވަރަށް އާދައިގެ ކަމެކެވެ. އެންމެ ކުރިން ކާރްތިކް އާ އަޅުވާ ކިޔުނީ ސާރާ އަލީ ޚާން އާއެވެ. އެއީ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ސާރާ ބައިވެރިވެ ވާހަކަ ދައްކަމުން ކާރްތިކް އާއެކު ޑޭޓަކަށް ދާން ޝައުގުވެރިވާ ކަމަށް ބުނުމުންނެވެ.
ސާރާ މިހެން ބުނި ފަހުން ކާރްތިކް އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެއީ އިމްތިޔާޒު އަލީ ޑައިރެކްޓްކުރާ "އާޖް ކަލް" އެވެ. މި ފިލްމުގެ ޝޫޓިން ފެށުމާ އެކުއެކުގައި ހެން ކާރްތިކް އާއި ސާރާ ލޯބީގެ ގޮތުން ގުޅިފައިވާކަމުގެ ޚަބަރުތައް ފެތުރުނެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ އެ ދެ ތަރިން ރުޅިވެއްޖެ ކަމުގެ ޚަބަރުތައް ފެތުރުނެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކާރްތިކް މިހާރު ލޯބިވެގެން އުޅެނީ އޭނާ މިހާރު ކުޅެ ނިމި ރިލީޒްވުމުގެ މަގުމަތީގައިވާ ފިލްމު "ޕަތީ ޕަތުނީ އައުރް ވޯ"ގެ އެއް ބަތަލާ އަނަންޔާ ޕާންޑޭ އާއެވެ.
ފިލްމު ރިލީޒްވާން ކައިރިވެފައި ވާއިރު ފިލްމުގެ ތަރިން މިހާރު އުޅެނީ އަވަދިނެތި ފިލްމު ޕްރޮމޯޓް ކުރުމުގަ އެވެ. އެގޮތުން ކާރްތިކް ދިން ބައެއް އިންޓަވިއުތަކުގައި އޭނާ އާ އެންމެ ގިނައިން ރިޕޯޓަރުން ވެސް ކުރާ ސުވާލަކީ އަނަންޔާ އާ އޮންނަ ގުޅުމާ ބެހޭ ސުވާލެވެ.
ޖަވާބުގައި ކާރްތިކް މިހާރު ބުނަނީ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރަން އުޒުރުވެރިވާ ކަމަށެވެ. އޭނާ އާއެކު ބަތަލާއެއް ފެންނަ ކޮންމެ ފަހަރަކު އަޅުވާ ކިޔުން މިހާރު އާއްމުކަމަށް ވެއްޖެ ކަމަށް ވެސް ކާރްތިކް ބުންޏެވެ.
"ޕަތީ ޕަތުނީ އައުރް ވޯ" ރިލިޒްވުމުން ކާރްތިކް ދެން ޕްރޮމޯޓް ކުރަން ފަށާނީ "އާޖް ކަލް" އެވެ. މި ފިލްމުގެ ޕްރޮމޯޝަންގައި އަނެއްކާވެސް އޭނާ އާއި ސާރާ އެކުގައި އުޅޭތަން ފެންނާނެ އެވެ. އެހިސާބުން އަނެއްކާވެސް އެ ދެ މީހުންގެ ލޯބީގެ ގުޅުން އަލުން ފެށިއްޖެކަމަށް ޚަބަރުތައް ފެތުރެން ފަށާނެ ކަމަށް ލަފާ ކުރެވެ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ކާރްތިކް މިހާރު ޝޫޓް ކުރަމުން ދަނީ ޖާންވީ ކަޕޫރާއެކު ކުޅޭ "ދޯސްތާނާ 2" އެވެ. އަދި ވަރަށް އަވަހަށް "ބޫލް ބުލައްޔާ 2"ގެ ޝޫޓިން ފަށާނެ އެވެ. މި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.