ބޮލީވުޑް

"ތަޚުތު": ވިކީ ކޯޝަލް އާއި ރަންވީރުގެ ކުރިމަތިލުމެއް

ޑައިރެކްޝަން މަސައްކަތާ ދުރުގައި ހުރުމަށްފަހު ކަރަން ޖޯހަރް މިހާރު ވަނީ އަލަށް ފިލްމެއް ޑައިރެކްޓްކުރާ ކަން އިއުލާން ކޮށްފަ އެވެ. އެއީ ވަރަށް ގިނަ ތަރިން ލައިގެން އޭނާ އުފައްދާ "ތަޚުތު" އެވެ. މި ފިލްމުގެ ޝޫޓިން ފެބްރުއަރީ ކުރީކޮޅު ފަށަން ހަމަޖެހިފައިވާއިރު މިއީ 170 ދުވަހުގެ ޝެޑިއުލް އެއް ކަމަށާއި ފިލްމުގެ ޝޫޓިން ފަށާ ގޮތަށް މި މުއްދަތުގެ ތެރޭގައި ނިންމާލަން ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ފިލްމު ފެށުމުގެ ކުރިން މި ފިލްމާ ގުޅޭ ވަރަށް އަޑުތައް ވަނީ ވަރަށް ގަދަވެފަ އެވެ. ސަބަބަކީ ފިލްމުގައި ވަރަށް މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވާތީ އެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރު، އަނިލް ކަޕޫރު، ކަރީނާ ކަޕޫރު އަދި ބޫމީ ޕެޑްނޭކަރް ހިމެނެ އެވެ.

ފިލްމުގައި އެންމެ ވަރުގަދަ ރޯލުތައް އޮތީ ވިކީ އަށާއި ރަންވީރު އަށެވެ. މުގުލް ތަޚުތު މިލްކު ކުރުމަށް މި ދެ މީހުންގެ ވަރުގަދަ ކުރިމަތިލުންތަކެއް މި ފިލްމުން ފެންނާނެ އެވެ. ފިލްމުގައި ރަންވީރު ކުޅެނީ އިންޑިއާގައި ކުރީ ޒަމާނުގައި ރަސްކަން ކުރި މަޝްހޫރު ރަސްކަލެއް ކަމަށްވާ ޝާހް ޖަހާންގެ ދޮށީ ފިރިހެން ދަރިފުޅު ދާރާ ޝިކޯގެ ރޯލެވެ. ވިކީ ކުޅެނީ ދާރާ ޝިކޯގެ ކޮއްކޮ އޮރަންޒޭބްގެ ބައެވެ.

"ތަޚުތު" ގައި ފެންނާނީ ރަސްކަމުގެ ތަޚުތަށް ފެންބޮވައިގެންފައިވާ ދެބެންގެ ވާދަވެރިކަމާއި ދުޝްމަން ކަމެވެ. އަނިލް ކަޕޫރު ކުޅެނީ ރަސްކަމުގެ ދަހިވެތިކަން އިންތިހާއަށް ގޮސްފައިވާ ދެ ދަރިންގެ ކިބައިން ރަސްކަން ސަލާމަތް ކުރަން މަސައްކަތްކުރާ ރަސްގެފާނު ޝާހް ޖަހާންގެ ބައެވެ.