ހަބަރު

އާމްދަނީ ޓެކްސްއަށް ގާސިމްގެ ވޯޓެއް ނުލިބުނު

އާމްދަނީ ޓެކްސް ބިލު ފާސް ކުރަން ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓު ދެއްވައިފި އެވެ.

އެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ހުށަހަޅަން ނިންމި އިސްލާހުތަކަށް ވަކިވަކިން ތަޅުމުގައި ވޯޓަށް އެހިއިރު އޭގެ ތެރެއިން ބައެއް އިސްލާހުތަކަށް ގާސިމް ވޯޓެއް ނުދެއްވަ އެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ބައެއް އިސްލާހުތަކަށް ވޯޓު ދެއްވިއިރު ފާސް ކުރަން ވޯޓު ދެއްވާފައި ވަަނީ މަދު އިސްލާހަކަށެވެ. އިސްލާހުތައް ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ފާގަ ކުރައްވައި ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އިސްލާހުތަކާއެކު ބިލު ފާސް ކުރަން ވޯޓަށް އެހުމުން ގާސިމް ވޯޓު ދެއްވީ ބިލު ފާސް ކުރަން ނުފެންނަ ކަމަށެވެ. ގާސިމްގެ އިތުރުން ދެން އެ ބިލަށް ވޯޓު ނުދެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. ނަމަވެސް މެންބަރު އާމިރު ފަހުން ވަނީ އޭނާގެ ވޯޓް ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިންކަމް ޓެކްސް ބިލް ފުރަތަމަ އޮތް ގޮތުން ޓެކްސް ދައްކަން ޖެހޭނީ، 40،000ރ. އަށް ވުރެ އާމްދަނީ އިތުވާ ބައިން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީން ވަނީ އިންކަމް ޓެކްސް ނަގާ ބްރެކެޓުތައް މަތިކޮށް، ޕަސެންޓޭޖު ދަށްކޮށްފަ އެވެ. ނަމަވެސް ކޮމިޓީން މިހާރު ފާސްކޮށްފައިވަނީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސް ކުރުމަށެވެ. އަދި ޓެކްސް ކުރާނީ 5.5 ޕަސެންޓުންނެވެ. ކުރިން މި ޕަސެންޓޭޖު އޮތީ އަށް ޕަސެންޓުގަ އެވެ.

މިހާރު ބިލަށް ނެގެސްފައިވާ ބަދަލާއެކު، 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނަގާނީ އަށް ޕަސެންޓެވެ. އަދި 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓް ޓެކުހުގެ ގޮތުގައި ނަގާނެ އެވެ.

ޓެކްސް ނިޒާމް ފުރިހަމަ ކުރުމާއެކު އިންކަމް ޓެކްސް ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.