އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް މަހުޖަނުންނާއި ފައިދާވާ ކުންފުނިތަކެއް ނެތިއްޔާ ދައުލަތަށް ޓެކްސް ދައްކާނެ ބަޔަކު ނުތިބޭނެ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އިންކަމް ޓެކްސްގެ ބިލުގެ ބަހުސްގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ޒަރީރު މިއަދު ވިދާޅުވީ 2012 ވަނަ އަހަރު ރާއްޖޭގައި ތިއްބެވި ބައެއް މަހުޖަނުން އިސްވެ އޭރު އޮތް އެމްޑީޕީގެ ސަރުކާރު ބަޣާވާތް ކޮށްގެން ވައްޓާލީ އިންކަމް ޓެކްސް ނަގަން އުޅުމުން ކަމަށެވެ. އަލުން އަނެއްކާ އާމްދަނީން ޓެކްސް ނަގަން އުޅޭތީ އެ މަހުޖަނުންނަށް އުނދަގޫ ވެގެން އުޅޭ ކަމަށެވެ. އަދި ކުރީގެ މާޒީ ތަކުރާރުކުރަން މަސައްކަތް ކުރަމުންދާ މަންޒަރު މިހާރު ފެންނަ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން، ގާސިމް ވިދާޅުވީ ގައުމެއް މުއްސަނދި ވެގެން އަންނަނީ އެ ގައުމެއްގައި ތިބޭ މަހުޖަނުންނާއި ފައިދާވާ ކުންފުނިތަކުގެ ސަބަބުން ކަމަށެވެ.
"އިރު އިރުކޮޅާ އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ ސޭޓުންނޭ ގޮވާ އަޑު. ތަނަވަސް މީހުނޭ ގޮވާ... ގައުމެއް މުއްސަނދިވަނީ ތަނަވަސް މީހުން ތިބެގެން. ފައިދާވާ ކުންފުނިތަކެއް ހުރެގެން... މުއްސަނދީން އެމީހުން ދައްކާ ޓެކްސްތަކުން. ދެން އިރު އިރުކޮޅާ މުއްސަދިންނޭ، މަހުޖަނުންނޭ މި ކިޔަނީ ކީއްވެގެންތޯ؟ ކޯއްޗެއް ހާސިލް ނުވެގެންތޯ މިއުޅެނީ؟،" ގާސިމް ސުވާލު ކުރެއްވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، 2012 ވަނަ އަހަރު ކަންކަން ހިނގާދިޔަ ގޮތުގެ ތަފްސީލުތައް އެކަން ތަހުހީގު ކުރި ކޮމިޝަނުގެ ރިޕޯޓުގައި ވަރަށް ސާފުކޮށް އޮންނާނެ އެވެ. އަދި ބަޣާވާތަކީ ސިޔާސީ މީހުން ކުރާ އެއްޗެއް ނޫނެވެ.
އާމްދަނީން ޓެކްސް ނެގުމާގުޅޭ ގޮތުން ގާސިމް ވިދާޅުވީ ރާއްޖޭގައި އާ އުސޫލެއް އުފައްދައިގެން މާ މޮޅަށް އެކަން ނުކޮށް، އެހެން ގައުމުތަކުގައި ވެސް އެ ނިޒާމް އޮންނަ ގޮތަށް ބައްޓަން ކުރަންޖެހޭ ކަމަށެވެ.
"ޓެކްސް ނިޒާމެއްގެ މުހިންމުކަން އެބަ އެނގޭ. އާ އުސޫލުތަކެއް ހަދައިގެން މާ މޮޅަކަށް އެކަން ކުރާކަށް ނުޖެހޭ. އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ ލަފަޔާ އެއްގޮތަށް ކުރިއަށް ދާންވީ. ތިޔަ ވިދާޅުވާ ގޮތަށް ކުޑަކޮށް ފަށައިގެން އިރުކޮޅަކުން ބޮޑު ކުރާނެ. އަނެއްކާ ބޮޑު ކުރާނެ،" ޖީއެސްޓީ ތައާރަފު ކޮށްގެން ކުރިމަތިވި ހާލަތަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އިންކަމް ޓެކްސްގެ ބިލުގައި ވަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. ނަމަވެސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ.
މިއަދު ބަހުސް ކުރެއްވި ގިނަ އެމްޑީޕީ މެންބަރުން ތާއީދު ކުރެއްވީ ޓެކްސް ނެގޭ އަދަދު އެ ޕާޓީން ވައުދުވި ގޮތާއި އެއްގޮތަށް ބިލް ބަދަލު ކުރާށެވެ.
ސަރުކާރުން ފޮނުވި ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގަނީ 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އަށް ޕަސެންޓެވެ. 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާއިރު، 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ބިލުގައިވެ އެވެ.
އެމްޑީޕީގެ "އެޖެންޑާ 19" ގެ ކަރުދާހުގައި ވަނީ 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ ކަމަށާއި 100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީއެއް ލިބޭ ފަރާތްތައް 10 ޕަސަަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށާއި އެއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް 15 ޕަސަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.