ގާސިމް އިބްރާހިމް

ގާސިމްގެ ވާހަކައަށް އަނީސާގެ ރައްދު

ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމަނާފައިވާ އެއް މާއްދާއަކީ އަންހެނުން ބާރުވެރިކުރުމަށް ކޯޓާއެއް ކަނޑައެޅުން ފަދަ ކަންކަމަށް މަގު ފަހިކުރުމަށް ހާއްސަކޮށްގެން ލިޔުނު މާއްދާއެއް ކަމަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެ އިސްލާހާ ދެކޮޅު ހައްދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ.

ގާސިމް އިބްރާހިމަށް ޓެގް ކުރައްވާ އަނީސާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ އަކީ އަންހެނުން ބާރުވެރިކުރުމަށް ކޯޓާއެއް ކަނޑައެޅުން ފަދަ ކަންކަމަށް މަގު ފަހިކުރުމަށް ހާއްސަކޮށްގެން ލިޔުނު މާއްދާއެއް ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ މުޖްތަމައުގެ އާންމު ހާލަތަށްވުރެ، ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގައި ހ ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތު ކުރުމެއް ކަމުގައި ނުވާނެ ކަމަށެވެ. އެ މާއްދާގެ ހ ގައި ބުނެފައިވަނީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި ނަސްލަށް، އުފަންވީ ގައުމަށް، ކުލައަށް ނުވަތަ ޖިންސަށް ނޫނީ އުމަރަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ސިޔާސީ ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ ރަށައް ބަލާ ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

މުޖްތަމައުގެ އާންމު ހާލަތަށްވުރެ، ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގައި ހ ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތު ކުރުމެއް ކަމުގައި ނުވާނެ އެވެ.
ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ

ޖުމްހޫރީ ޕާޓީގެ މައި މާލަމުގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން މަޖިލީސްތެރޭ ކުރާ މަސައްކަތަކީ ގާނޫނު އަސާސީއާއި ހިލާފުކަމެއް ކަމަށެވެ.

"ކައުންސިލަރުން ހޮވުމުގައި، ވަކި އަދަދެއް އަންހެނުން އޭގެ ކައުންސިލަށް ހޮވަންޖެހޭނެ ކަމަށް މަޖުބޫރު ކުރަން ގާނޫނެއް ހަދަން އުޅޭ އުޅުން. އަޅުގަނޑު ދަންނަވާނީ ކަނޑައެޅިގެން ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ކަނޑައެޅިގެން ހިލާފު ކަމެކޭ. ކަނޑައެޅިގެން ހިލާފު. އެހެން ގޮތަށް އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން ވަކި ނަސަބަކުން ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮއްނަނީ. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައި ވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައި ވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ އަނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރައިޑް ކުރެވޭ އެހެން ތިބި މީހުންގެ ހައްގުތަކަށް. އެހެންވީމަ މި ދޭތި ދިމައެއް ނުވޭ އިނގޭތޯ." މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްވެސް ޖިންސަކަށް ހާއްސަކޮށްގެން ވަކި މަގާމުތަކެއް ގާނޫނަކުން ކަނޑައެޅުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ކޮންމެ މީހަކަށް އެބައޮތް ކަމަށާ އެންމެ ގިނަ ވޯޓް ހޯދަނީ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް މަގާމުތަކަށް އައުމުގައި ހުރަހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން މިހާރު ކުރަން އުޅޭ މަސައްކަތަކީ މިނިވަންކަން "ހަލާކު" ކޮށްލުމުގެ މަސައްކަތްތަކެއް ކަމަށާއި ކައުންސިލްތަކުން ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރުމުން ފިރިހެނުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ.

ގާސިމް ވަނީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ސިޔާސީ ގޮތުން ވޯޓް ހޯދަން ބަޔަކު ކުރަން އުޅޭ ކަމެއް ކަމަށް ސިފަ ކުރައްވާފަ އެވެ. އަދި އެމްޑީޕީއަށް އިޝާރަތް ކުރައްވާ ގާސިމް ވަނީ ފުރަތަމަ ޕާޓީތެރެއިން އަންހެނުންނަށް ފުުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އަންހެނުންނަށް ވަކި އަދަދެއް ހަމަ އެކަނި ކައުންސިލުންތަކުން ޚާއްސަ ކުރަނީ ކީއްކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް ވަކި ގޮނޑިތަކެއް އަންހެނުންނަށް ކަނޑައަޅަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލިސް ވެސް އެހެން ބާއްވަން ވީނުންތޯ. ރައީސުލްޖުމްހޫރިއްޔާކަން ވެސް ދެ ދައުރު ފިރިހެނަކު ކޮށްފިއްޔާ، އަންހެން ބޭފުޅަކަށް ދޭން ޖެހޭނެ ނޫންތޯ. ކީއްވެގެންތޯ އެހެން ނަހަދަންވީ. ހަމަ ހަދަންވީ ނޫންތޯ. އެހެންވީމަ ކުރާ ކަންތައްތަކާއި ބުނާ ބަސްތައް ދެކޮޅު ޖެހެން ޖެހޭނެ. ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށްވިޔަސް އަންހެން ބޭފުޅުން ވެސް މި ދިވެހިރާއްޖޭގައި ތިއްބެވި އަންހެން ބޭފުޅުން އެހާ ގަމާރެއް ނޫން. މިހާރު އެބައޮތް ހުރިހާ ކައުންސިލަކަށް ވެސް 100 ޕަސެންޓް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރުވެސް. މިހާރު އެބައޮތް 100 ޕަސެންޓް، ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރު ވެސް." ގާސިމް ވިދާޅުވިއެވެ.