އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އަލުން ބަދަހިވެގެން ގޮސްފައިވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެއަށް ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ކޯސްޓް ގާޑަށް ހަދިޔާކުރެއްވި ކަނޑު އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވަރަށް މުހިންމު އެހީއެއްކަމަށާ އައްޑޫ ސިޓީގެ ތިން ރަށެއްގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށެވެ. އަދި މިއީ މަހަށް ރަނގަޅު އަގު ހޯދައިދިނުމާއި ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދިއުންފަދަ އެތައް ފައިދާތަކަކާއި ގުޅިފައިވާ މަޝްރޫއުތަކެއްކަން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގެ މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމަށް އިންޑިއާއިން ދޭ އެހީގެ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި "ރުޕޭ ކާޑު" އެއްބަސްވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ އަދި އެކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އަލުން ބަދަހިވެގެން ގޮސްފައިވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއް މިއަދު ވަނީ ބަދަލުކޮށްފައެވެ.
ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތައާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވެވި މި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތެވެ.