ހަބަރު

ޖަލުތަކުގެ ގާނޫނު އިސްލާހުކުރަން މަޖިލީހުން އިސްނަގައިފި

Dec 5, 2019
2
ހޯމް މިނިސްޓަރު އިމްރާން މާލޭ ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލުގެ ގޮޅިއެއްގެ ތެރޭގައި -- ފޮޓޯ: ހޯމް މިނިސްޓްރީ
0%
0%
100%

ޕެރޯލްގެ ހައްގު ނުލިބި ކުދި ކުދި ކުށްތަކުގައި އެތަކެއް އަހަރެއް ވަންދެން ރާއްޖޭގެ ޖަލުތަކުގައި ގައިދީން ތިބެންޖެހުން ހައްލުކުރުމަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އިސްނަގައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލުތަކުގައި ތިބި ގައިދީންގެ ބައެއް އާއިލާތަކުން އެ މީހުންނަށް ލުޔެއް ހޯދައި ދިނުމަށް އެދި ތަކުރާރުކޮށް އެމަނިކުފާނަށް ސިޓީތައް ފޮނުވަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ތި އިއްޒަތްތެރި މެންބަރުންގެ އަރިހުގައިވެސް އެކި އާއިލާތަކުން ކޮންމެވެސް މީހަކު ޖަލުގައި ހުރެގެން އެކަމަށް ހައްލެއް ބަދަލެއް ހޯދުމަށް އެދިގެން މަސައްކަތް ނުކުރާ އެއްވެސް މެންބަރެއް ނުހުންނާނެކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް ލިބިފައިވާ ސިޓީތަކުގައި އެދިފައިވާ އެދުންތައް ބަލައި ދިނުމަށް އެދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވި ކަމަށެވެ.

އެ ގޮތުން، ގައިދީންތަކަކާ ގުޅޭ ތަފާތު 12 ސިޓީއެއްގައި ހިމެނި މައްސަލަތައް ދިރާސާކުރުމަށްފަހު އެ ކޮމިޓީން ހުށަހެޅިކަންކަން ނަޝީދު މިއަދުވަނީ ތަޅުމަށް އިއްވަވައިދެއްވައިފަ އެވެ.

އެ ގޮތުން، އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، މިވަގުތުވެސް ޕެރޯލް ހައްގުވާ 200 އަށް ވުރެ ގައިދީން އެ ހައްގު ނުލިބި، އިންތިޒާރުގައި ތިބިއިރު، ކްލެމެންސީ ބޯޑަށް 600 އަށް ވުރެ ގިނަ ގައިދީން ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން، ޕެރޯލަށް ޝަރުތު ހަމަވާ އެތައް ބަޔަކު، ސައްހަ މައުލޫމާތު ނުލިބިގެން އެ ހައްގުން މަހުރޫމްވެފައިވާކަން އެ ކޮމިޓީގެ ހޯދުންތަކާ ހަވާލާދީ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޖަލުތަކާ ޕެރޯލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، މުޅި ނިޒާމް ހަރުދަނުކޮށް އެ މައްސަލަތަކަށް ހައްލު ހޯދައިދެވެންނެތް ކަމަށް ކޮމިޓީން ބުނެފައިވާ ކަމަށެވެ.

އެގޮތުން، ޕެރޯލް ބޯޑުން މިހާރު އެކަށީގެންވާ މަސައްކަތް ނުކުރެވޭކަން ކޮމިޓީން ފާހަގަކޮށް، ގާނޫނަށް ގެނެވޭ އިސްލާހެއްގެ ތެރެއިން ޕެރޯލް ހައްގުވާ ފަރާތްތަކަށް އެ ހައްގު ހޯދައިދިނުން ޕެރޯލް ބޯޑާ މަތިކޮށް، އެ ބޯޑުގެ މަސައްކަތްތައް ރިޕޯޓުކުރާނެ ފަރާތެއް ކަނޑައެޅުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން، ކްލެމެންސީ ބޯޑުގެ މަސައްކަތްތައް އަވަސްކުރަން އެ ބޯޑުގެ އިދާރީ އޮނިގަނޑު ހަރުދަނާކުރުމާއި، ކޮމުނިޔުޓީ ސެންޓެންސިން ޕްރޮގްރާމެއް ގާނޫނަށް ގެނެވޭ އިސްލާހެއްގެ ތެރެއިން އެކުލަވާލައި، އެކަމުގެ ނިޒާމެއް ގާއިމުކުރަން ހޯމް މިނިސްޓްރީއާ ހަވާލުކުރަން ކޮމިޓީން ހުށަހަޅާފައިވެ އެވެ.

މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ގިނަ އަދަދެއްގެ ގައިދީން ޖަލުތަކުގައި ތިބިއިރު، އެމީހުންނަށް ތަހުލީލީ ފަރުވާ އަވަސްކުރުމުގެ ގޮތުން ރީހެބިލިޓޭޝަން ހިދުމަތްތައް ޕްރައިވަޓައިޒް ކުރުން މުހިންމުކަމަށް ކޮމިޓީން ބުނެފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޖަލަކީ އަލްގައިދާއާއި ހަނގުރާމައަށް މީހުން ރެކްރޫޓްކުރާ ކިއްލާއަކަށް ވަނީ ވެފައި. ޑްރަގުގެ ވިޔަފާރިއާ އެހެން ބާވަތުގެ ކަންކަން އެތަން މެދުވެރިވެގެން ހިންގާ ތޮއްޖެހިފައިއޮތް ތަނެއް. އެކަމަށް މާހިރެއް ބޭނުންމެއް ނޫން. އަޅުގަނޑުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވާނީ އެތަނުގައި،" ޖަލުތަކުގެ ކަންކަން އިސްލާހުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ނަޝީދު އިތުރަށް ވިދާޅުވި އެވެ.

އެގޮތުން، ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މަޖިލީހުން އިސްނަގައިގެން ކުރުމަށް ނިންމަވާފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެކަމަށްޓަކައި، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ އިތުރުން ޖުޑީޝަރީ ކޮމިޓީ ގުޅިގެން ނެގޭ ސަބް ކޮމިޓީއަކުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޑްރާފްޓުކޮށް މުޅި ނިޒާމު ހިނގާނެ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކޮށް ދިނުމަށް އެ ދެ ކޮމިޓީއަށް ފޮނުވަން ނިންމަވާފައިވާކަން ނަޝީދު މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ ހާލަތުގެ ސަބަބުން އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ކަމަށް ބުނެ އދ. އިން ވެސް ދާދި ފަހުން ވަނީ ބުނެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާމިން

ހުރހާކަމެއްވެސް މަޖިލީހުން ކުރާކަމައް ދައްކަން ވެގެން ކުރާ ކަމެއް މީ، އޭރުނ ދޯ ނަޝީދު އައް ބޮޑު ވަޒީރައް ވެވޭނީ ފަސޭހައިން

ކަލީމް

ހަސީދު އުޅެފިނަމަ މިކަން އޭނާއަށް ވާނެ. އޭނާއަށް އެނގޭނީ އެތާ މީހުންގެ އިހުސާސް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345