ވިޔަފާރި

ބެޔަސް ނުބެޔަސް ސްކީމުން ތެލަށް ވެސް ސަބްސިޑީ ލިބޭ: މިނިސްޓަރު

Aug 23, 2015

މަސްވެރިން ނަށް ތައާރަފުކޮށްފައިވާ "ބެޔަސް، ނުބެޔަސް ސްކީމުގައި" ބައިވެރިވުމުން ތެލަށް ވެސް ސަބްސިޑީ ލިބިގެންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ ބެޔަސް ނުބެޔަސް ސްކީމުގައި ބައިވެރިވުމުން އޭގެ ފައިދާ ފޯރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިވާގޮތަކީ ޕޮލިޓިކަލީ ސެންސިޓިވްވީމަ މިވާގޮތަކީ ސަރުކާރުން ކަމެއް ކުރުމުން އެކަމަކީ ރަނގަޅު ކަމެއް ނޫނޭ! ތީގައި ރަނގަޅު ކަމެއް ނެތޭ، މިފަދަ ވާހަކަ ތަކެއްގައި ތާށިވެފައި މިތިބެނީ. އެކަމަކު ހަގީގަތަށް ފީނައި ބަލާލައިފިނަމަ ފެންނާނެ އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ބުނީ އިންޝުއަރެންސް ސްކީމެއްގެ ވާހަކަ. ސަރުކާރުގެ ސިޔާސަތެއް ނޫން ސަބްސިޑީ ދިނުމަކީ. ސަބްސިޑީއަކީ ކުއްލި ހާލަތެއް ދިމާވުމުން ވަގުތީ ގޮތުން ދޭ އެއްޗެއް. އެ ވަގުތީކަން ކެނޑުމުން ސަބްސިޑީ ކެނޑެއް ޖެހޭ. އެހެންނޫނީ އެއަށް މި ބަރޯސާވަނީ،" ޝައިނީ ވިދާޅުވި އެވެ.

"ބެޔަސް ނުބެޔަސް" ގެ ނަމުގައި ސަރުކާރުން ތައާރަފުކޮށްފައިވާ ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް މަސްވެރިކަން ދަށް ދުވަސްތަކުގައި އާމްދަނީގެ ގޮތުގައި ފައިސާ ލިބެ އެވެ. މިގޮތުން މި ސްކީމްގައި ބައިވެރިވުމަށް ޕްރިމިއަމް އެއް ދައްކަން ޖެހެ އެވެ.

65 ފޫޓަށްވުރެ ބޮޑެތި ދޯނި ފަހަރުން މަހަށްދާ ކޮންމެ މަސްވެރިއަކަށް 10،000ރ. ޕްރިމިއަންގެ ގޮތުގައި ދައްކަން ޖެހެނީ 500ރ. އަހަރަށް ބަލާނަމަ 6،000ރ.

65-45 ފޫޓުގެ އުޅަނދު ފަހަރުން މަހަށްދާ މަސްވެރިއަކަށް މަހަކު 5،000ރ. ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހެނީ 400ރ. އަހަރު 4،800ރ.

45 ފޫޓަށްވުރެ ކުދި އުޅަނދު ފަހަރުން މަހަށްދާ މަސްވެރިއަކަށް މަހަކު 3،500ރ. ޕްރިމިއަން 350ރ. އަހަރަށް ބަލާނަމަ ގާތްގަނޑަކަށް 4،200 ރުފިޔާ.

ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ ސަރުކާރުގެ ޕޮލިސީއަކީ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ.

"އެހެންވެ މި އިންޝުއަރެންސް ސްކީމް މި އޮތީވެސް. ބުނި ދުވަހަށް އެކަންވެސް މި އޮތީ ކޮށްފަ. ބައެއް މީހުން ބުނޭ މި ސްކީމުގައި ބައިވެރިވުނުން ތެލަސް ސަބްސިޑީއެއް ނުލިބެއޭ. އެއީ ރަނގަޅު ވާހަކައެއް ނޫން. މި ސްކީމަށް ބަލާއިރު ހަރަދު ކަނޑާއިރު ތެލަށް އެބަ ކަނޑާ، އައިސްއަށް ބުޅި ކަންވާރަށް ރަނގަޅާ، ކޮށްތައް ކަނޑާ. ދެން އޮންނަ އެއްޗެއް އެވްރެޖުކޮށް 10،000ރ. ނޫނީ ކެޓަގަރީގައި އޮންނަ ވަރަށް ނާރާނަމަ ސަބްސިޑީ ދެނީ،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ތައާރަފުކޮށްފައިވާ ބެޔަސް ނުބެޔަސް ސްކީމް ފަރުމާކޮށްފައި ވަނީ ސީދާ މަސްވެރިޔާއަށް ފައިސާ ލިބޭ ގޮތަށެވެ. ނަމަވެސް ކުރިން ދިން ސަބްސިޑީ ދެނީ އޮޑިވެރިޔާ އަށެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގެ ޝަކުވާ ކުރިން ބޮޑު ކަމަށެވެ.

"މިހާރު އޮޑިވެރިޔާއަށްވެސް މަސްވެރިޔާއަށްވެސް އެބަ ސަބްސިޑީ ލިބޭ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ބެލިބެލުން އެނގުނީ މަސްވެރިންނަށް އާއްމު ގޮތެއްގައި 10،000ރ. އަށްވުރެ މަތިން ލިބޭކަން ކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ މި އިންޑަސްޓްރީ ރައްކާތެރި ކުރަން. އަޅުގަނޑު ދަންނަވާނީ މިއީ ސޯޝަލް ސެކިއުރިޓީ ނެޓެކޭ މިއީ. އެހެންވެ މަސްވެރިޔާއަށް 10،000ރ. އަށްވުރެ ގިނައިން ލިބޭނަމަ ބައެއް މީހުން ބައިވެރިވާކަން ނުޖެހޭ،" ޝައިނީ ވިދާޅުވި އެވެ.