ލައިފްސްޓައިލް

މަތިންދާބޯޓު ސާފުކުރި މީހާ 24 އަހަރު ފަހުން ޕައިލެޓަކަށް

މުހައްމަދު އަބޫބަކުރަކީ ވަރަށް އަޒުމާއި ހިތްވަރު ގަދަ މީހެކެވެ. ކުޑައިރުއްސުރެ މޮޅަށް ތައުލީމު ހާސިލުކުރުމަކީ އޭނާގެ ހުވަފެނެކެވެ. ނައިޖީރިޔާގެ ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ މި ޒުވާނާ އެ ރަށާ ވަރަށް ދުރުގައި އޮތް ކަޑުނާ ކިހާ ރަށަކަށް ދަތުރުކުރީ އެ ރަށުގައި ހުންނަ ކަޑުނާ ޕޮލިޓެކްނިކްގައި ކިޔެވުމަށެވެ.

ނަމަވެސް ކަނޑައެޅިފައިވާ ކަންކަން ފުރިހަމަ ނުކުރެވިގެން އޭނާއަށް ކޮލެޖަށް ވަދެވޭގޮތެއް ނުވި އެވެ. އެހެން ނަމަވެސް ފުރުސަތު ގެއްލުނީމަ ހިތާމަކުރުމުގެ ބަދަލުގައި ވަޒީފާއެއް ހޯދަން އޭނާ ގަސްދުކުރި އެވެ. އެގޮތުން އޭނާއަށް ކާބޯ އެއާގެ މަތިންދާބޯޓު ސާފުކުރާ މީހެއްގެ ވަޒީފާ ލިބުނެވެ. މި ވަޒީފާގެ މުސާރައަކީ ދުވާލަކު ބައި ޑޮލަރެވެ.

ގިނަ ބަޔަކު ހީކުރީ މުހައްމަދަށް މި ވަޒީފާގައި މާގިނަ ދުވަހު ނުހުރެވޭނެ ކަމަށެވެ. ވަޒީފާގައި އޭނާ އުޅުނުލެއް ރަނގަޅުކަމުން ގިނަ ބައެއްގެ އިހުތިރާމާއި ލޯބި މުހައްމަދަށް ލިބުނެވެ. އަދި މަސައްކަތަށް ރަނގަޅުކަމުން ދުވަސްކޮޅަކުން އޭނާއަށް ގްރައުންޑް ސްޓާފެއްގެ މަގާމު ލިބުނެވެ.

ޑެއިލީ ޓްރަސްޓް ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި މުހައްމަދު ބުނީ އެ ކުންފުނީގައި އޭނާ ހިދުމަތްކުރި ދުވަސްވަރު ސެކިއުރިޓީ ބައި ފިޔަވައި އެއާޕޯޓުގެ ހުރިހާ ޔުނިޓެއްގައި އޭނާ މަސައްކަތް ކުރި އެވެ. އެކަމުގެ ސަބަބުން އޭނާއަށް އޭވިއޭޝަން ސެކްޓާގެ ވަރަށް ގިނަ ކަންތައްތައް އެނގި ތައުލީމު އެނގުނުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމަކަށް ވިއެވެ.

އޭނާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ރަނގަޅުކަމުން ކެބިން ކުރޫ އަކަށް ބަދަލުވުމުގެ ފުރުސަތު މުހައްމަދަށް ލިބުނެވެ. މުސާރަ ބޮޑުވެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވި އެވެ. އެ އެއާލައިންގައި އަށް އަހަރު މުހައްމަދު މަސައްކަތް ކުރި އެވެ. އޭގެ ފަހުން އޭރޯ ކޮންޓްރެކްޓާޒް އަށް ބަދަލުވި އެވެ.

ފުރަތަމަކޮޅު އޭނާ މަސައްކަތްކުރީ އޮއިލް އަދި ގޭސް ޑިޕާޓްމަންޓްގައި ފްލައިޓް އެޓެންޑެންޓެއްގެ މަގާމުގަ އެވެ. މުހައްމަދު ހުރީ ޗާޓާ ފްލައިޓްތަކާ ބެހޭ ބައިގަ އެވެ.

ފަހުން ޝެޑިއުލް ފްލައިޓްތައް ފެށިއިރު މުހައްމަދުގެ ކުރީގެ ތަޖުރިބާއިން އޭނާއަށް ވަރަށް ފައިދާކުރި އެވެ. އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނެޖިން ޑައިރެކްޓަރަށް މުހައްމަދުގެ މަސައްކަތް ފެނިފައި އޭނާގެ މުސާރަ އަނެއްކާވެސް ބޮޑުކޮށްދިނެވެ. އޭނާއަށް އެ ފަހަރު މުސާރަ ލިބުމުން މުހައްމަދަށް ލިބުނީ ޝޮކެކެވެ. މުސާރަ ބޮޑުކަމުން އެ ޗެކްގައި ނުހިފައި އަނބުރާ ރައްދުކުރަން ވެސް މުހައްމަދު އުޅުނެވެ.

ދިރިއުޅުމުގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް މުހައްމަދުގެ ހިތުގައި ތައުލީމު އުނގެނުމަށް އޮތް އުންމީދު އޮތެވެ. ޕައިލޮޓަކަށް ވުމަކީ އެންމެ ކުޑައިރުއްސުރެ މުހައްމަދު ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެންވެ ލިބޭ މުސާރައިން އަގުބޮޑު ތަކެތި ގަނެ ޚަރަދުކުރުމުގެ ބަދަލުގައި މުހައްމަދު އެ ފައިސާ ރައްކާކުރަން ފެށި އެވެ. ކެނެޑާގައި ޕްރައިވެޓް ޕައިލޮޓް ލައިސަންސް ޓްރޭނިން ހެދުމަށެވެ.

މުހައްމަދު އޭނާގެ ހުވަފެން ހަގީގަތަކަށް ހެދި އެވެ. ޕައިލެޓްކަމުގެ ތަމްރީނު ފުރިހަމަކުރުމަށްފަހު ނައިޖީރިޔާއަށް އެނބުރި އައިސް ދެން އޭނަ ބޭނުންވީ ކޮމާޝަލް ޕައިލަޓް ލައިސަންސް ހޯދައިގެން މަތިންދާބޯޓު ދުއްވާށެވެ. ނަމަވެސް އޭރު މުހައްމަދު ރައްކާކުރި ހުރިހާ ފައިސާ ޚަރަދުވެ ހުސްވެއްޖެ އެވެ.

ދެން މުހައްމަދު ދިޔައީ ޑެޕިއުޓީ މެނެޖިން ޑައިރެކްޓަރު ކައިރިއަށެވެ. އޭނާ ބޭނުންވާ ގޮތް ކިޔައިދިނުމުން މުހައްމަދު އަށް އެހީވާން އޭނާ ގަސްދުކޮށް ކެނެޑާ އަށް ފޮނުވައިގެން ކޮމާޝަލް ޕައިލެޓް ތަމްރީނު ހޯދުމަށް ސްޕޮންސާ ކޮށްދިނެވެ.

މުހައްމަދު ޕައިލެޓް ލައިސަންސް ހޯދައި އަޒްމާން އެއާގެ ޕައިލެޓެއްގެ ވަޒީފާ މިހާރު ވަނީ ހޯދާފަ އެވެ. ނަމަވެސް މުހައްމަދު މި މަގާމާ ހަމަޔަށް ވާސިލުވެވުނީ އަމާން އޮމާން މަގެއްގައި ދަތުރުކޮށް ކުރު މުއްދަތެއްގަ އެވެ. ނޫނެވެ. އޭނާއަށް ޕައިލެޓް ލައިސަންސް ލިބުނީ އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށިތާ 24 އަހަރު ފަހުންނެވެ. މުހައްމަދުގެ ނުގުޑާ އަޒުމާއި ހިތްވަރަކީ އޭނާ ފަދައިން ހުވަފެން ދެކޭ ހަމަ ކޮންމެ މީހަކަށް ވެސް ރަނގަޅު އިބުރަތެކެވެ.