ލައިފްސްޓައިލް

އާދަޔާހިލާފު ކައިވެންޏެއް: ފައިސާގެ ވާރޭ

އިންޑިޔާގެ ގުޖްރާތުގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ކައިވެނީގެ ރަސްމިއްޔާތު އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުން ފަސޭހައިން ހަނދާނެއް ނުނެތޭނެ އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި އެއް ކްރޯޑު އިންޑިއަން ރުޕިސްގެ ފައިސާ ވާރޭ ވެހޭއިރު ބިންމައްޗަށް ފެން އޮހޭ އުސޫލުން އޭނާގެ ބާރާތު ދަތުރުކުރި މަގަށް ވަނީ އޮއްސާފަ އެވެ.

ގުޖްރާތުގެ ޖަމްނާނަގަރްގައި ކުރެވުނު މި ކައިވެންޏަކީ ރުޝީރާޖް ސިން ޖަދޭޖާގެ ކައިވެންޏެވެ. އޭނާއަކީ މަޝްހޫރު ޖަދޭޖާ ގްރޫޕްގެ އެންމެ އިސް މީހާގެ ދަރިއެކެވެ.

ރުޝީރާޖް އަށް މީހުން ލޯބިން ކިޔަނީ ޖައިރާޖް އެވެ. އޭނާ އަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް މަޝްހޫރު މީހެކެވެ. އަގުބޮޑު ކާރުތަކަށާއި އަސް ދުއްވުމަށް އޭނާގެ ހުރި ލޯބި ސޯޝަލް މީޑިއާގައި މީހުންނާ ޝެއާ ކުރަމުން ގެންދާތީ އެވެ. ޚާއްސަކޮށް އޭނާގެ ކައިވެނީގެ ރަސްމިއްޔާތު ތަކަށް ކުރި ޚަރަދުތައް ފެނިފައި އިންޓަނެޓްގައި މިހާރު ވަނީ ތޫފާނެއް އުފެދިފަ އެވެ.

ޖެއިރާޖް ފައިސާގެ ވާރޭ ވެއްސާލާފައިވަނީ އޭނާގެ ފޭނުންނަށް ޚާއްސަކޮށްގެންނެވެ. އެގޮތުން އޮއްސި ފައިސާގައި ހިމެނެނީ 2000 ރުޕީސް އާއި 500 ރުޕީސްގެ ނޫޓެވެ.

އެއް ކްރޯޑަކީ ކައިވެނީގެ ހުރިހާ ޚަރަދެއް ނޫނެވެ. ހަމައެކަނި މީހުންނަށް އުކި ފައިސާ އެވެ. މި ފައިސާ އުކަމުން ދިޔައީ ކައިވެނި ކުރަން ޚާއްސަކޮށްފައިވާ ތަނަށް ފިރިހެންމީހާގެ ބާރާތުގައި ދިޔަ މީހުން ބޮޑެތި ވެހިކަލްތަކުގެ މަތީގައި ތިބެގެންނެވެ.
ފައިސާ އޮހެމުންދިޔައިރު އެހެން ލައިގެން ދިޔަ ބައެއް މީހުން ތިބީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަނެއްބަޔަކު އުޅުނީ ފައިސާކޮޅެއް ހޮވޭތޯ އެވެ. އޭގެ ތެރެއިން އެކަކީ ޓިކްޓޮކް ބޭނުންކުރާ މީހެކެވެ. އޭނާ ބުނި ގޮތުގައި 46،500 ރުޕީސް އޭނާ އެކަނި ހޮވި އެވެ.

ރުޝިރާޖް އާއި އޭނާގެ މީހުން ކާރުތަކުގެ މަތީގައި ތިބެން ފައިސާ އުކަމުންދިޔަ މަންޒަރުގެ ވީޑިއޯ ސޯޝަލް މިޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ.

ޓިކްޓޮކް ވީޑިއޯތަކުގައި ބުނެފައިވާ ގޮތުގައި ރުޝިރާޖްގެ އާއިލާއިން ދެ ކްރޯޑު ރުޕީސް އުކި އެވެ. ނަމަވެސް ލޯކަލް މީޑިއާއިން ބުނެފައިވަނީ އެމީހުން އުކީ ގާތްގަނޑަކަށް އެއް ކްރޯޑު ރުޕީސްގެ ނޫޓު ކަމަށެވެ.

މިކަން އެކަންޏެއް ނޫނެވެ. ކައިވެންޏަށް ދިޔައިރު ރުޝިރާޖް ހިފައިގެން ހުރި ކަނޑި އަކީވެސް މުޅީން ރަނުން ތައްޔާރުކޮށްފައިވާ ކަނޑިއެކެވެ. ޖައިރާޖްގެ ބާރަތު ވަކި ހިސާބަކަށް ހިނގުމަށްފަހު ދެން އެމީހުން ދިޔައީ ހެލިކޮޕްޓަރު ތަކުގަ އެވެ. އަދި ޚުދް ޖައިރާޖް ދަތުރުކުރީ ވަކިން އޭނާއަށް ޚާއްސަކޮށްފައިވާ ކަޅުކުލައިގެ ހެލިކޮޕްޓަރެއްގަ އެވެ.