ސަންޖޭ ދަތު ބައޮޕިކް "ސަންޖޫ" އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު ރާޖް ކުމާރު ހިރާނީ އަނެއްކާވެސް އިތުރު ބައޮޕިކެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. ހިރާނީ މިފަހަރު ޑައިރެކްޓްކުރަނީ އިންޑިއާގެ ވަރަށް މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ލާލާ އަމަރްނާތުގެ ބައޮޕިކް އެވެ.
ފޮކްސް ސްޓާ ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޕިޔޫޝް ގުޕްތާ އާއި ނީރަޖް ސިންގް އެވެ.
މީގެ އިތުރުން އަބިޖާތު ޖޯޝީ ލިޔެފައިވާ ކްރިކެޓާ ބެހޭ ފިލްމެއްގެ ސްކްރިޕްޓެއް ވެސް މިހާރު ހިރާނީ އަށް ވަނީ ލިބިފަ އެވެ.
މި ދެ ފިލްމުގެ އިތުރުން ވެބް ސީރީޒްތައް އުފެއްދުމަށް ވެސް ހިރާނީ ދަނީ މަސައްކަތް ކުރަމުންނެވެ.
ހިރާނީ އާއި އެނޫންވެސް މަޝްހޫރު ޑައިރެކްޓަރުންގެ ޓީމެއް ދާދިފަހުން ވަނީ ނެޓްފްލިކްސްގެ ސީއީއޯ ރީޑް ހެސްޓިންގްސް އާ ބައްދަލުކޮށްފަ އެވެ. ފަރާ ވަނީ މި ބައްދަލުވުމުގައި އެންމެން އެކުގައި ނަގާފައިވާ ފޮޓޮއެއް ޓުވީޓްކޮށްފަ އެވެ.
ހިރާނީ އާއި އަދި އެހެން ހުރިހާ ޑައިރެކްޓަރުން ވެސް ނެޓްފްލިކްސް އާ ގުޅިގެން ވެބް ސީރީޒްތައް އުފެއްދުމަށް ވަނީ ޝައުގުވެރިވެފަ އެވެ.
ރަންބީރު ކަޕޫރު ސަންޖޭ ދަތުގެ ރޯލަށް ލައިގެން ހިރާނީ އުފެއްދި "ސަންޖޫ"އަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމެވެ. އަދި އޭގެ ކުރިން އޭނާ އުފެއްދި "ތުރީ އިޑިއަޓްސް" އާއި "މުންނާބާއީ" ސީރީޒްގެ ފިލްމު ތަކަކީ ވެސް ވަރަށް ތަފާތު އަދި މޮޅު ފިލްމު ތަކެކެވެ. އެހެންކަމުން އަމަރުނާތުގެ ފިލްމަށް ވެސް އިންޑިއާގެ ކްރިކެޓަށް ލޯބިވެރިޔާ އެތައް ބިލިއަން ބަޔަކު ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.