ބޮލީވުޑް

ބޮޑެތި ޑައިރެކްޓަރުން މަސައްކަތެއް ނުދޭ: އަކްޝޭ ކުމާރު

Dec 5, 2019

އަކްޝޭ ކުމާރު މުޅިން ވެސް މަސައްކަތް ކުރަނީ އާ ޑައިރެކްޓަރުންނާ އެކުގަ އެވެ. މިކަމުގެ ސިއްރު ހާމަކުރަމުން އަކްޝޭ ބުނީ އޭނާ އާ ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރަނީ ބޮޑެތި ޑައިރެކްޓަރުން އެ ފުރުސަތު އޭނާ އަށް ނުދޭތީ އެވެ.

އަކްޝޭ މިމޭރުމުން ވާހަކަ ދައްކާފައިވަނީ އޭނާ މިހާރު ކުޅެ ނިމި ރިލީޒްވުމުގެ މަގުމަތީގައިވާ ރާޖް މެހެތާގެ "ގުޑް ނިއުޒް"ގެ ޓްރެއިލާ ލޯންޗު އިވެންޓުގަ އެވެ.

އަކްޝޭ އާ ޑައިރެކްޓަރުންނާއެކު މުޅިން ވެސް މަސައްކަތްކުރާ ކަން މާ ބޮޑަށް މީޑިއާ އަށް ތިލަވެގެންއުޅެނީ "ގުޑް ނިއުޒް"ގެ އެއް ޕްރޮޑިއުސަރު އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް މި ވާހަކަ ދެއްކުމާ ގުޅިގެންނެވެ. ކަރަން ބުނެފައިވަނީ އަކްޝޭ އަބަދުވެސް މަސައްކަތް ކުރަނީ އަލަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާ މީހުންނާ އެކުގައި ކަމަށެވެ.

"ބޮޑެތި ޑައިރެކްޓަރުން ފުރުސަތު ނުދިނީމަ ދެން ޖެހޭނީ އަލުން ބަލުން ދަތުރު ފަށާކަށްނު،" އަކްޝޭ ބުންޏެވެ.

ނޫސްވެރިންނާ މުޚާތަބުކޮށް އަކްޝޭ އިތުރަށް ބުނީ ނޫސްވެރިންނަށް ވެސް ބޮޑެތި ނޫސްތަކުން ފުރުސަތު ނުދީނަމަ އެމީހުންނަށް ޖެހޭނީ ކުދި ޕަބްލިކޭޝަންތަކަށް ދާން ކަމަށެވެ. ހަމަ އެގޮތަށް ނަން މަޝްހޫރު އަދި ފިލްމު އުފެއްދުމުގެ ރޮނގުގައި ތަޖުރިބާކާރު ޑައިރެކްޓަރުންގެ ފިލްމުތައް އޭނާ އަށް ނުލިބުމުން ގޭގައި އެކަމާ ވިސްނަން އިންނާކަށް ނުޖެހޭނެ ކަމަށާއި އޭނާގެ ގާބިލިއްޔަތު ހުރިކަން ގަބޫލު ކުރެވޭތީ އަލަށް ފަށާ ޑައިރެކްޓަރުންނާއެކު ވެސް މަސައްކަތްކުރަން ފަސް ނުޖެހެނީ ކަމަށް ވެސް އަކްޝޭ ބުންޏެވެ.

"ހަމައެކަނި ޚާނުންނާ އެކު މަސައްކަތްކުރަން ބޮޑެތި ޑައިރެކްޓަރުން ބޭނުންވި އިރެއް ދިޔަ ކަމަށް ނޫސްވެރިން ބުނުމުން އަކްޝޭ ބުނީ ޚާނުންނަކަސް ކަޕޫރުންނަކަސް އެ މީހަކަށް އެފިލްމު ހައްގުވާ ކަމަށް ގަބޫލު ކުރެވޭނަމަ ދޭނެ ކަމަށެވެ. އޭނާއަށް ނުދެނީ ހައްގު ނުވާތީ ކަމަށް ގަބޫލުކުރާ ކަމަށް އަކްޝޭ ބުންޏެވެ.

އަކްޝޭ އިތުރަށް ބުނީ ފިލްމު އުފައްދާ މަޝްހޫރު މީހުން ޕްރޮޑިއުސްކުރާ ފިލްމުތަކުން އޭނާއަށް ފުރުސަތު ލިބުނަސް އެމީހުން ޑައިރެކްޓްކުރާ ފިލްމުތައް ނުލިބޭ ކަމަށެވެ. އެގޮތުން ކަރަން ޖޯހަރް އާއި އަދިތުޔާ ޗޯޕްޅާ ފަދަ ޑައިރެކްޓަރުން އޭނާ ކުޅޭ ފިލްމުތައް ޕްރޮޑިއުސް ކުރިޔަސް އޭނާ ޑައިރެކްޓްކުރަން ބޭނުން ނުވާ ކަމަށާއި އެމީހުން ކައިރީގައި އެ ސުވާލު ކުރަން އަކްޝޭ އެދުނެވެ.
އާ ޑައިރެކްޓަރުންނާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ހިއްސާ ކުރަމުން އަކްޝޭ ބުނީ "ގުޑް ނިއުޒް"ގެ ޑައިރެކްޓަރު ރާޖް މެހެތާ އަކީ އޭނާ އާއެކު މަސައްކަތްކުރާ 21 ވަނަ އާ ޑައިރެކްޓަރު ކަމަށެވެ.

އާ މީހުންނަށް ވާތީ ރަނގަޅު ފިލްމެއް އުފައްދަން އެމީހުންގެ ހުންނަ ދަހިވެތިކަން މިހާރުގެ ގިނަ ބޮޑެތި ޑައިރެކްޓަރުންގެ ކިބައިން ވެސް ނުފެންނަ ކަން އަކްޝޭ ފާހަގަ ކުރި އެވެ.

"އާ މީހުންނަށް ލިބޭ ފުރަތަމަ ފުރުސަތަކީ މަރަށް ފުރާނައަށް އެމީހުން ހޯދާ ފުރުސަތެއް. އެ ފިލްމެއް ނުހިނގައިފިއްޔާ އެމީހުންގެ ދުވަސް ދިޔައީކަން އެމީހުންނަށް އެނގޭ،" އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި އާ ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރިޔަސް އެމީހުން ކަން ކުރަންވީ ގޮތް ކިޔައިދީ ގައިޑް ކޮށްދީއެއް އޭނާ ނުހަދަ އެވެ. އެމީހުންގެ ގާބިލްކަމާމެދު އޭނާއަށް ފުރިހަމައަށް އިތުބާރު ކުރެވޭތީ އެވެ.

ކޮމެޑީ ފިލްމެއް ކަމަށްވާ "ގުޑް ނިއުޒް" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ އަކްޝޭގެ އިތުރުން ކަރީނާ ކަޕޫރު، ކިއާރާ އަދުވާނީ، ދިލްޖީތު ދޮސާންޖް އެވެ. މިއީ އައިވީއެފްގެ ޒަރިއްޔާއިން ދަރިން ހޯދަން މަސައްކަތްކުރާ ދެ މީހަކަށް ދިމާވާ އާދަޔާޚިލާފު މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.