ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހާއެކު ކައުންސިލަރުން ތިބެން ޖެހޭނީ އެމްޑީޕީގެ ރައްޔިތުން މަޖިިލިސް މެންބަރުންގެ މުށު ތެރޭގައި ކަަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން ތޯރިގު މިއަދު ވިދާޅުވީ އެ އިސްލާހު ފާސްކޮށްފި ނަމަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ކަމަށެވެ. އަދި ކައުންސިލަރުން ތިބެން ޖެހޭނީ ކުރިން ކަތީބުން ތިބިހެން އެޓޯލްސް މިނިސްޓްރީން އަންނަ ސިޓީއަކަށް ބިރުން ކަަމަށް ތޯރިގު ވިދާޅުވި އެވެ.
"އެޓޯލްސް މިނިސްޓްރީން ކަތީބުންނާއި އަތޮޅުވެރިން ތަންތަނަށް ފޮނުވަނީ. އަދި ދުވަސްކޮޅަކަށް ފަހު ސިޓީއަކުން އަންގާލާނެ މާލެ އަންނާށޭ. އޭނާގެ އަންހެނުންނާއި ދަރިން ތިބޭނީ ހާސްކަން މަތީގައި އެޓޯލްސް އިން ސިޓީއެއް އައިސިއްޔާ މާލެ ޖައްސާލަން ޖެހޭ ވާގޮތެއް ނޭނގޭ. އެއްބަޔަކު ތިބޭނީ ޖަލު ގޮޅީގައި އަނެއް ބަޔަކު އަރުވާލާފައި ނުވަތަ އެހެން ރަށަކަށް ފޮނުވާލާ އަނބިދަރިންނާ ވަކިކޮށްފައި،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ލާމަރުކަޒީ ބިލު މިހާރު އޮތް ގޮތުން އެމްޑީޕީން އެ ކުރަމުން ދަނީ މަޖިލީހަށް ހުރިހާ ބާރުތަކެއް ޖަމާ ކުރުމުގެ މަސައްކަތް ކަމަށާއި އެއީ އެޖެންޑާ 19 ގައި ރައްޔިތުން ބާރުވެރި ކުރުން ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާ ހިލާފް ކަމެއް ކަމަށެވެ. އަދި އަންނަ އޭޕްރިލް މަހުގައި ބާއްވާ ކައުންސިލް އިންތިހަަބުގައި ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން ތިބެން ޖެހޭނީ އެމްޑީޕީގެ 65 މެންބަރުންގެ މުށުތެރެއަށް ލެވިފައި ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
"އެހެންވީމަ މި ދެންނެވީ ބާރުތައް މުށުތެރެއަށް ލަމުން އައިސް މިހާރު މި އޮތީ މަޖިލީހުގެ ތެރޭގައި އެޓޯލްސް މިނިސްޓްރީ އުފަައްދާފައޭ،" ތޯރިގު ވިދާޅުވި އެވެ.
މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ވަނީ ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކޮށް އިހުމާލުވާ ނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެއްވިޖެނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިި ކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ދިނުމަށް ހިމަނާފަ އެވެ.