ދުނިޔެ

އެމެރިކާއިން އިރާނުގެ މިސައިލްތަކެއް އަތުލައިގެންފި

Dec 5, 2019

ގަލްފު ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ބޯޓަކުން އިރާނުގެ އަސްކަރިއްޔާއަށް ނިސްބަތްވާ މިސައިލްތަކެއް އަތުލާގަނެފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެ މިސައިލްތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދުރު ރާސްތާ މަންޒިލްތަކަށް އަމާޒު ކޮށްގެން އުފައްދާފައިވާ މިސައިލްތަކެއް ކަމަށެވެ.

އެމެރިކާއިން ބުނީ، އެ މިސައިލްތައް ގެންގޮސްފައިވަނީ އިރާނުން މަސްވެރިކަން ކުރަން ބޭނުންކުރާ ބޯޓެއްގައި ކަމަށެވެ. އަދި ބުނީ ގަލްފު ކަނޑުން އެއް ފަހަރާ އެހާގިނަ މަސްވެރިކަން ކުރާ ބޯޓުތައް ފެނުމުން ގޮސް ބެލިއިރު ހުރީ މިސައިލް ކަމަށެވެ. އިތުރަށް ބެލި ބެލުމުން އެއީ އެއީ އިރާނުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ މިސައިލްތަކެއްކަން އެނގިގެން ދިޔަ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މިއީ އިރާން ސަރުކާރުގެ އެއްބާރުލުމާއެކު ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ފޯރުކޮށްދޭން އުޅުނު މިސައިލްތަކެވެ. މިސައިލްތައް އަތުލާގެންފައިވަނީ ވެސް ސައުދީ އަރަބިއްޔާ ކައިރިން ލައިފައި ޔަމަނަށް މިސްރާބު ޖަހާފައި ވަނިކޮށެވެ.

މިސައިލް ހިފައިގެން ދަތުރުކުރި ބޯޓުތަކުގެ ފަޅުވެރިން މިހާރު ވަނީ ޔަމަނުގެ ކޯސްޓުގާޑާ ހަވާލުކޮށްފަ އެވެ. ޔަމަނުގެ ކޯސްޓު ގާޑުގެ ބެލުމުގެ ދަށުން އެ ފަޅުވެރިން އެމެރިކާ ސަރުކާރާ ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެމެރިކާއިން ގަލްފު ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށިފަހުން މިސައިލްތަކެއް އަތުލައިގަތް ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ސީރިއާ ތެޔޮ ގެންދަނިކޮށް ތިން ތެޔޮ ޓޭންކަރެއް ހިފަހައްޓާފަ އެވެ. އެތިން ޓޭންކަރަކީވެސް އިރާނަށް ނިސްބަތްވާ ޓޭންކަރުތަކެވެ.

ގަލްފު ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާއިން ނިންމީ، މިއަހަރުގެ މެދު ތެރޭގައި އިރާނުން ހޮރޮމުޒް ކަނޑުއޮޅިން ދަތުރު ކޮށްފައިދިޔަ ދެ ތެޔޮ ޓޭންކަރެއް ހިފެހެއްޓުމާ ގުޅިގެންނެވެ. މިއިން އެއް ޓޭންކަރަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޓޭންކަރަކަށްވުމުން، އެގައުމުން ވަނީ ހޮރޮމުޒް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގައުމުތަކާ ގުޅިގެން ކޯލިޝަނެއް ތައްޔާރުކޮށްފަ އެވެ.

އިރާނުން ދަނީ އެމެރިކާ އަދި ކޯލިޝަނުން ހޮރޮމުޒް ކަނޑުއޮޅި ބަލަހައްޓާތީ އެކަމާ ހިތްހަމަނުޖެހުންފާޅު ކުރަމުންނެވެ. އިރާނުން ދެކޭ ގޮތުގައި އެމެރިކާއިން ހޮރޮމުޒް ކަނޑުގެ ސަރަހައްދު ބަލަހައްޓާނަމަ މެދު އިރުމަތީގައި ހަތިޔާރުގެ ވާދަވެރިކަން އުފެދި ޕްރޮކްސީ ހަނގުރާމައެއް ފެށުން ގާތެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއި މީގެ ކުރިން ވިދާޅުވެފައިވަނީ ހޮރޮމުޒް ކަނޑު ބެލެހެއްޓުމުގެ ގާބިލްކަން އިރާނުގެ އަސްކަރިއްޔާއަށް ލިބިފައިވުމުން، ބޭރު ގައުމުތަކުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ނުޖެހޭނެ ކަމަށެވެ. ހޮރޮމުޒް ކަނޑުއޮޅީ އަކީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރުމަށާއި އިމްޕޯޓް ކުރުމަށް ބޭނުންކުރާ މަގެވެ. މި ސަރަހައްދު އޮންނަނީ އިރާނުގެ އިގްތިސޯދީ ސަރަހައްދުގަ އެވެ.