ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަންސް (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖާބިރު ކުރެއްވި ތުހުމަތާ ގުޅިގެން އެކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށާއި އަދި އެ މައްސަލަ މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންތަށް ރިޝްވަތު ނެގި ކަމަށް ތުހުމަތުކޮށްފަ އެވެ.
ޖާބިރު ވިދާޅުވީ "ޒީރޯ ޓޮލެރަންސް" ގެ ވާހަކަ ވިދާޅުވާން ރައީސް ސޯލިހް ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނަކީ ވައްކަން ކުރެއްވުމާއި މަކަރާ ހީލަތް ހެއްދެވުމާއި ވެރިކަން ފޭރިގަތުމުން "ޕީއެޗްޑީ" ހައްދަވާފައި ހުރި ބޭފުޅެއް ކަމަށެވެ. މަޖިލިހުގައި ތިއްބެވި މެމްބަރުންނަށް ރައީސް ރިޝްވަތު ދެއްވާފައިވާ ކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވި އެވެ.
އަދި މުޅި ބަޖެޓު ސަރުކާރުން ހަދާފައިވަނީ ލިބެންނެތް ފައިސާއެއް އަންނާނެ ކަމަށް ޖަހައިގެން ކަމަށާއި، "ވަގުންތަކެއްގެ އަތަށް" ރައްޔިތުންނާއި ވިޔަފާރިވެރިން އަތުން އިތުރު ޓެކްސްތައް ނަގައިގެން ފައިސާތަކެއް ދޭން އެއްބަސް ނުވެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި، ބަދަލުގެ ގޮތުގައި މި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ފައިސާގެ ބައެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ނަންގަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ ވައްކަން ކޮށްފައި ވެއެވެ.