ހަބަރު

ރައީސްގެ މައްސަލާގައި އޭސީސީއަށް ބަޔާން ދޭން ޖާބިރު ދެކޮޅު ހަދައިފި

Dec 15, 2019
3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ބަޔާން ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އަބްދުﷲ ޖާބިރު އިންކާރު ކުރައްވައިފި އެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަނީ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ބަހުސް ކުރައްވަމުން ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިންތަކެއް ރިޝްވަތު ނެގި ކަމަށް ތުހުމަތުކޮށް ދެއްކެވި ވާހަކައަކާ ގުޅިގެން، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

އެކަމާ ގުޅޭ ގޮތުން ޖާބިރު ލީޑަރުކަން ކުރައްވާ ޕާޓީ، ޑީއާރްޕީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައީސް ސޯލިހުގެ މައްޗަށް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަށް ބަޔާން ދިނުމަށް ގުޅުމުން އެކަން ނުކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ޖާބިރު އޭސީސީއަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރުމަށް ގުޅާފައިވަ ކަމަށް އެ ޕާޓީން ބުންޏެވެ.

ޑީއާރްޕީން ކުރި ޓުވީޓް

ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަނީ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު ތަކުރާރުކޮށް އަޅުވައިފަ އެވެ. އަދި އެކަން ކުރަނީ ކުންފުނިތަކަށް ބަދަލު ދީގެން ކަމަށާއި ބަދަލުގެ ގޮތުގައި ދެ ބިލިއަން ޑޮލަރުގެ ވައްކަންކޮށްފައިވާ ކަމަށް ޖާބިރު ތުހުމަތު ކުރި އެވެ.

އެ މައްސަލައާ ގުޅޭ ތަފްސީލެއް އެސީސީން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.