ހަބަރު

ބަރުލަމާނީ ގެންނަން ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި

Aug 24, 2020
3

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ނިޒާމު ބަދަލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު، ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.