ހަބަރު

ބަޖެޓަށް ވޯޓު ނުދިނީ ޖާބިރު އެކަނި

Dec 5, 2019
1

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރި 2020 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވޯޓެއް ނުދެއްވަ އެވެ.

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، ބަޖެޓް ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުން އެކުލަވާލި ކޮމިޓީން ވަނީ އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

އެ ބަޖެޓު 77 މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި އިރު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަަނީ އެކަން ފާހަގަ ކުރައްވައި، ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރަކީ ހަމައެކަނި ޖާބިރު ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޖާބިރު ވަނީ ބަޖެޓާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ބަޖެޓުން ހާސިލް ކުރަން ބޭނުންވާ ކަމެއް ނެތް ކަމަށާއި ރިކަރަންޓު ހަރަދު ބޮޑު ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި ކާށިދޫ ދާއިރާއަށް ރާވާފައި ހުރި މަޝްރޫއުތަކަށް ބަޖެޓު ދީފައި ނުވާތީ ވެސް ޖާބިރު ކުރިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"ބަޖެޓަށް ވޯޓެއް ނުދޭނަން. މެންބަރުންނަށް އާދޭހާއެކު މި ދަންނަވަނީ ދެކޮޅު ނުޖެހޭ ބަޖެޓަކަށް ވޯޓު ނުދެއްޗޭ،" ޖާބިރު ވިދާޅުވި އެވެ.