ހަބަރު

ޖޭއެސްސީގެ މެމްބަރު ކަމަށް އަލީ ސަމީރު އައްޔަން ކުރައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަލީ ސަމީރު އައްޔަންކުރައްވައިފި އެވެ.

އަލީ ސަމީރު އެމަގާމަށް ހަމަޖެއްސެވީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

މި މަގާމަށް ފަނޑިޔާރު ސަމީރު ހަމަޖެއްސީ، މަގާމު ފުރުއްވަމުން ގެންދެވި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ޖޭއެސްސީއިން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާގެ ނަން ޖޭއެސްސީއަށް ނޮމިނޭޓް ކުރުމާ ގުޅިގެންނެވެ.

ނަމަވެސް އޭގެ ފަހުން ފަނޑިޔާރު ރައޫފާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި ސުލޫކީ މައްސަލައަކާ ގުޅިގެން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ވަނީ މަޑުޖައްސާލާފަ އެވެ. މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރު ރައޫފް ބައިވެރިވެފައިވެ އެވެ.

ޖޭއެސްސީއަށް ހައިކޯޓުގެ ފަރާތުން އަލަށް އައްޔަންކުރި ފަނޑިޔާރު ސަމީރަކީ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ހައިކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލު ވެސް ހުންނެވި ފަނޑިޔާރެކެވެ.

ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.