ހަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް

މަސްވެރިންގެ ދުވަހާ ގުޅިގެން މާދަމާއިން އަންނަ އަންގާރަ ދުވަހަށް ގިނަ ހަރަކާތްތަކެއް ރާވަން ހަމަޖައްސައިފި އެވެ. ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަސްވެރިންނާއި މަސްވެރިކަމުގެ ދާއިރާގެ ގިނަ އަދަދެއްގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން މި ހަފްލާތަކުގައި ބައިވެރިވެ އެވެ.

ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރު (6 - 7 ޑިސެމްބަރު)

މިއީ މަސްވެރިކަމުގައި، ހާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ބާއްވާ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރެކެވެ. މި ދަތުރުގައި ދެ ދޯންޏަކަށް ބަހާލައިގެން 30 ޒުވާނުން މަހަށް ފުރުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ދަތުރުގައި އެންވެރިކަންކުރާ ގޮތާއި މާކަނޑުގައި ދޮށީގެ މަސްވެރިކަން ކުރާނެ ގޮތް ތަޖުރިބާ ކުރާނެ އެވެ.

ފިޝަރީޒް އެކްސްޕޯ (6 - 8 ޑިސެމްބަރު)

މިއީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަސީލަތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް އަދި ދާއިރާގެ އުފެއްދުންތަކާއި މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. މިއެކްސްޕޯގައި މަސްވެރިކަމާ ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ލިބެ އެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއެކްސްޕޯ އޮންނާނީ 6 ، 7 އަދި 8 ޑިސެމްބަރުގައި ހުޅުމާލޭ ހުރަވީ ސްކޫލް ހޯލުގަ އެވެ. މަސްވެރިކަމުގެ ދާއިރާގައި އެކިގޮތްގޮތުން ހަރަކާތްތެރިވާ 14 ފަރާތަކުން އެކްސްޕޯގައި ބައިވެރިވެ އެވެ.

މަސްވެރިންގެ ފޯރަމް (8 - 9 ޑިސެމްބަރު)

މި ފޯރަމުގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރުމާއި، ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭ ގޮތަށް ޖުމްލަ 50 ފަރާތެއް ބައިވެރިވާނެ އެވެ.

މިފޯރަމް އޮންނާނީ 8 އަދި 9 ޑިސެމްބަރުގައި ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހޯލުގަ އެވެ.

މަސް ކެނޑުމުގެ މުބާރާތެއް (9 ޑިސެމްބަރު)

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މިމުބާރާތް އޮންނާނީ 9 ޑިސެމްބަރު ގައި ހަވީރު 17:00 ގައި ހުޅުމާލޭގައި އެންސިސްއިން ޤާއިމުކޮށްފައިވާ ދަޅުމަސް ބަންދުކުރާ ފެކްޓްރީގަ އެވެ. މިމުބާރާތުގައި އަންހެން އަދި ފިރިހެން ބައިންވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވާނެ އެވެ.

މީގެ އިތުރުން، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ ދަޅުމަސް ބަނދުކުރާ ފެކްޓްރީ އާއި ފިޝަރީޒް ހާބަރުގައި އަލަށް ގާއިމް ކޮށްފައިވާ 95 ޓަނުގެ އައިސް ޕްލާންޓު ހުޅުވާނެ އެވެ.

މަސްވެރިންގެ ދުވަހު ފަތިސް ނަމާދަށްފަހު ކުރާ ޚާއްސަ ދުޢާ (10 ޑިސެމްބަރު)

މި ދުޢާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މާލޭގައި މިދުޢާ ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ މަސްޖިދް ޙަމަދު ބިން ޚަލީފާ އައްޘާނީގަ އެވެ.

ދުވަހުގެ ހާއްސަ ހަފްލާ (10 ޑިސެމްބަރު)

މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ފާކް ސަރަޙައްދުގައި 10 ޑިސެމްބަރު 2019 ވަނަ ދުވަހުގެރޭ އެވެ.

މިޙަފްލާގައި މަސްވެރިކަމުގެ ސިނާއަތަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފްވެރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވި ކުންފުނިތަކުގެ އަދި ދޯނިފަހަރުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެވޭނެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ.

ގޯލްޑް ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވެސް އާއި ބޭންކް އޮފް މޯލްޑިވްސް އަދި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވަރ ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.