ވިޔަފާރި

އައިޖީއެމްއެޗް ޓެކްނޮލޮޖީގެ ފަސޭހަޔަށް؛ ލެބް ރިޕޯޓު ނެގޭނެ މެޝިންތަކެއް ބަހައްޓަނީ

Aug 24, 2015
3

ލެބޯޓްރީ ރިޕޯޓު ނެގޭނެ "ކިއޮސްކް" މެޝިންތަކެއް މާލޭގައި ބަހައްޓަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ހޮސްޕިޓަލުން ބުނެފި އެވެ. 

"އަވަސް" އަށް ދެއްވި އިންޓަވިއެއްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ އައިޖީއެމްއެޗުގެ ކިޔޫ ކުޑަކުރުމުގެ ގޮތުން ހޮސްޕިޓަލްގެ އެތެރެ އާއި މާލޭގެ ބައެއް ތަންތަނުގައި މި މެޝިންތައް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. މިމެޝިންތައް ބެހެއްޓުމުން ކައުންޓަރަށް ގޮސް ނަމްބަރު ނަގައިގެން ލެބް ރިޕޯޓް ނެގުމުގެ ބަދަލުގައި މި މެޝިންތައް ކައިރިއަށް ގޮސް ރިޕޯޓު ނެގޭނެ ކަމަށެވެ.

"ލެބް ރިޕޯޓް ދޫކުރާއިރު މިހާރުވެސް ހުންނާނެ ބާކޯޑުތަކެއް ދީފަ. ޖެނުއަރީ މަހު އައިޖީއެމްއެޗްތެރޭގައި ހަތަރު މެޝިން ބެހެއްޓޭނެ. އޭރުން ލެބުން ދޭ ބާ-ކޯޑު ހިފައިގެން ގޮސް މެޝިންގައި ޖެއްސުމުން ސްކޭންކޮށް، ލެބް ރިޕޯޓް ޕްރިންޓް ކުރެވޭނެ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކަންތައް ރަނގަޅަށް ހިންގައި ގަތުމުން މީގެ މެޝިންތައް ވެލާނާގޭގައި ބެހެއްޓުމުގެ ވިސްނުން ވެސް ގެންގުޅުންވާ ކަމަށެވެ.

"އޭރުން ވެލާނާގޭގެ ތިރީގައި ބަހައްޓާފައި ހުންނަ މެޝިން ކައިރިއަށް ގޮސް ލެބް ރިޕޯޓް ޕްރިންޓް ކޮށްލައިގެން އަނެއް ދުވަހު ޑޮކްޓަރަށް ދައްކަން ދާން ދެވިދާނެ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިޔޫ ކުޑަކުރުމުގެ ގޮތުން ލެބްރިޕޯޓް ނިމުނުކަން އެންގުމުގެ ގޮތުން މެސެޖެއް މިހާރު ފޮނުވާނެ ކަމަށެވެ.

"މިހެން ހެދުމުން ކައުންޓަރު ކައިރީގައި ތޮއްޖެހުން ކުޑަ ވާނެ،" ރިޝްވާން ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އޮންލައިންކޮށް ނަމްބަރު ބެލޭނެ ނިޒާމެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ.