އެޗްޑީސީ

ހުޅުމާލޭގައި 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާނެ: އެޗްޑީސީ

ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އެގޮތުން ހުޅުމާލޭގައި ސީސީޓީވީ ހަރުކުރުމާއި، މަގުތައް އަލިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރުވެސް ހުޅުމާލެ އިތުރަށް އަލިކުރުމަށްޓަކައި މަގުބައްތިތައް އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.

"މީގެ އިތުުރުން މި ކޯޕަރޭޝަނުން އަންނަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއިއެކު، ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވާކަން ފާހަގަކުރަމެވެ. މުޅިއަކު 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާއިރު، 25 ކެމެރާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހަވާލުކުރެވިގެން، އެ ފަރާތައް އެންމެ އެކަށީގެންވާ ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކެކެވެ."

އެޗްޑީސީން ބުނީ އަނެއް 23 ކެމެރާއަކީ އާންމުންގެ ކަންކަން ބެލުމަށް އާންމުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ޕާކްތަކާއި ޕާކިން ޒޯންތަކުގެ ކައިރީގައި ހަރުކޮށްފައިވާ ކެމެރާތަކެއް ކަމަށެވެ.

އެޗްޑީސީން ވަނީ ނުރައްކާތެރި ހާދިސާތައް މަދުކޮށް ހުޅުމާލެއަކީ އަމާން ތަނަކަށް ހެދުމަށް ހުރިހާ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. އެއީ އަލިކަން ކުޑަ އަނދިރި ހިސާބެކެވެ. ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ވަރަށް ބޮޑަށް އަނދިރިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.