ހަބަރު

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިއްޖެ: ނަޝީދު

ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައެވެ. އައު އިސްލާހުތަކާއެކު ކައުންސިލަރުންގެ ދައުރުގެ މުއްދަތު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށް ކައުންސިލެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށް ވަނީ ހިމަނާފައެވެ. އަދި ކައުންސިލްތަކުގެ ތިން ބައިކުޅަ އެއްބައި އަންހެނުންނަށް ވެސް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.

ލާމަރުކަޒީ ގާނޫނަށް ކޮމެޓީން ގެންނަން ނިންމި އިސްލާހުތަކުގައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކައުންސިލަރުން މަގާމުން ދުރުކުރެވޭ ގޮތަށް އޮތީ ހިމަނާގައެވެ. އޭރު އޮތް ގޮތުން ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކޮށް އިހުމާލުވާ ނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެވިއްޖެނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިި ކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ދިނުމަށް ހުށަހަޅައިފަވެ އެވެ.

އެހެން ނަމަވެސް އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ އެ ބައި އުނިކޮށް، އެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑު ކުރެވޭނެ ގޮތަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގަތް 73 މެންބަރުންގެ އިއްތިފާގުން ފާސްވި އެވެ. އަދި އިސްލާހުތަކާއެކު މުޅި ބިލަށް ވޯޓަށް އެހުމުން 76 މެންބަރުންގެ އިއްތިފާގުން ވަނީ ލާމަރުކަޒީ ބިލު ފާސްކޮށްފަ އެވެ.

ބިލް ފާސްވުމާ ގުޅިގެން ނަޝީދު މިރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ، ބޮޑު ބަޖެޓުގެ ބާރު ކައުންސިލްތަކަށް ލިބިއްޖެ ކަމަށާއި، އަދި ކައުންސިލްތަކުގެ ތިން ބައިކުޅަ އެއް ބައި އަންހެނުންނަށް ހާއްސަ ކުރެއްވި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިއްޖެ ކަމަށެވެ.

ނަޝީދު ވަނި މިއަދު މަޖިލީސްއަށް ހުށަހެޅި ބިލު ބައިވެރިވި ރައީސް އޮފީހުގެ ޕޮލީސީ މޭކަރުންނަށާއި، އެމްޑީޕީ މެމްބަރުންނަށް އަދި އެޖެންޑާ 19 އިގެ ކޮމިޓީގެ އިތުރުން ބިލްގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކަށް ބިލް ފާސްވުމާ ގުޅިގެން މަރުހަބާ ދަންނަވާފަ އެވެ. ވަކިން ހާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ނަޝީދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.