ހައުސިން މިނިސްޓްރީ

ބޯހިޔާވަހިކަމާއި ގުޅޭ ދެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި އެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ "ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" އަދި "އެއްމެދު އިމާރާތުގެ ގާނޫނު" ގެ ބިލް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އަދި ބިނާކުރަން ގަސްތުކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށާއި، އެއްމެދު އުސޫލުން ބިމާއި އިމާރާތް އަދި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރުމުގެ ހަމަތައް އެކުލަވާލުމާއި، އެ ޔުނިޓްތައް ގަނެވިއްކައި، އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަހައްދުތައް (ކޮމަން އޭރިއާސް) ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށްދޫކުރުމާއި ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށް ދޭފަރާތާއި ކުއްޔަށް ހިފާފަރާތުގެ މަސްލަހަތާއި ހައްގުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުއާމަލާތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލުތައް މަޖިލީހުން ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި އެއްމެދު އިމާރާތްތައް ރަޖިސްކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރެވިގެންދާނެ ކަމަށެވެ.