އަބްދުﷲ ޝާހިދު

ޝާހިދު، ލަންކާގެ އިސްވެެރިންނާ ބައްދަލްކުރައްވައިފި

ސްރީލަންކާގެ އާ ސަރުކާރުގެ އިސްވެރިންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ކޮޅުނބުގައި ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރު މަހިންދަރާޖަޕަކްސަ އަދި ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނައާއި ބައްދަލުކުރައްވާފައެވެ.

ރައީސް ގޯތާބަޔަ ރާޖަޕަކްސައާއިއެކު މިނިސްޓަރު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސްއަށާ އެ ގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި މިގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ލަންކާގެ އާ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް ސްރީލަންކާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.

ފޮރިން ރިލޭޝަންސް މިނިސްޓަރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ މިނިސްޓަރު ގުނަވަރުދަނަ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަށް ކުރިއަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.