ލައިފްސްޓައިލް

"ޕާނީޕަތު" އަދި "ޕަތީ ޕަތުނީ އޯރު ވޯ"ގެ ކުރިމަތިލުން

ހުކުރު ދުވަހު ރިލީޒްކުރާ "ޕާނީޕާތު" އާއި "ޕަތީ ޕަތުނީ އައުރް ވޯ"ގެ ކުރިމަތިލުމުގައި ކުރިހޯދާނީ "ޕަތީ ޕަތުނީ އައުރް ވޯ" ކަމުގައި ޓްޜޭޑް އެނަލިސްޓުން ލަފާ ކޮށްފި އެވެ.

"ޕާނީޕަތު" އަކީ އަޝޫތޯޝް ގޮވަރިކަރް ޑައިރެކްޓްކޮށްފައިވާ އަރްޖުން ކަޕޫރާއި ސަންޖޭ ދަތު އަދި ކްރީތީ ސަނަން ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. އަނެއްކޮޅުން "ޕަތީ ޕަތުނީ އައުރް ވޯ" އަކީ ކާރްތިކް އާރްޔަން އާއި ބޫމީ ޕެޑްނޭކަރް އަދި އަނަންޔާ ޕާންޑޭ މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމެކެވެ.

މި ދެ ފިލްމުގެ ތެރެއިން ކާރްތިކްގެ ފިލްމަށް ބޮކްސް އޮފީހުގައި ކުރި ލިބޭނެ ކަމަށް ލަފާ ކުރެވެނީ ދެ ފިލްމުގެ ތެރެއިން ޒުވާން ކުދިންނަށް ކަމުދާނީ ކާރްތިކްގެ ފިލްމު ކަމަށް ލަފާ ކޮށްފަ އެވެ. "ޕާނީޕަތު" އަކީ ހަނގުރާމައެއްގެ މައްޗަށް ކުޅެފައިވާ ފިލްމަކަށް ވާތީ މި ފިލްމު މިޒަމާނުގެ ގިނަ ކުދިންނަށް ކަމުދާނެކަމަށް ނުބެލެވޭ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފައި ވެއެވެ.

ޓްރޭޑް އެނަލިސްޓް ގިރިޝް ޖޯހަރް އިންޑިއާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި "ޕާނީޕަތު" އަށް ފުރަތަމަ ދުވަހު ލިބޭނެ ކަމަށް ލަފާ ކުރެވެނީ 5.5-6.5 ކްރޯޑެވެ. އަނެއްކޮޅުން "ޕަތީ ޕަތުނީ އައުރް ވޯ" އަށް 7.5-8.5 ކްރޯޑު ލިބޭނެކަމަށް ވަނީ ބެލެވިފަ އެވެ.

"ޕަތީ ޕަތުނީ އައުރް ވޯ" އަކީ ކާރްތިކްގެ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފެށުމެއް ލިބޭ ފިލްމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޓްރޭޑް އެނަލިސްޓް ލަފާ ކުރެ އެވެ. މިހާރު އެ ރެކޯޑް އޮތީ އެންމެ ފަހުން ނުކުތް "ލުއްކާ ޗުއްޕީ" އަށެވެ.

"ޕާނީޕަތު" އަށް ވުރެ "ޕަތީ ޕަތުނި އައުރް ވޯ" ރިލީޒްކުރާ ސްކްރީންތައް ގިނަ އެވެ. "ޕާނީޕަތު" 1700 ސްކްރީނެއްގައި ހުކުރު ދުވަހު ރިލީޒްކުރާއިރު ކާރްތިކްގެ ފިލްމު 2200 ސްކްރީނެއްގައި އަޅުވާނެ އެވެ. މިއީ ވެސް ކާރްތިކް ފިލްމަށް އޮތް އެޑްވާންޓޭޖެކެވެ.

"ޕާނީޕަތު" އަކީ ތިން ގަޑިއިރުގެ ދިގު ފިލްމަކަށް ވާތީ އަނެއް ފިލްމަށް ވުރެ ކޮންމެ ދުވަހަކު އެޅުވޭ ޝޯތައް ވެސް މަދުވެ އެވެ. މިކަން ވެސް ވާނީ ފިލްމަށް އޮތް ޑިސްއެޑްވާންޓޭޖަކަށެވެ.

ގިރިޝް ބުނި ގޮތުގައި "ޕަތީ ޕަތުނީ އައުރް ވޯ" އަކީ ވަރަށް ޒުވާން ތަރިން އުޅޭ މަޖާ ފިލްމެކެވެ. މިއީ ފިލްމު ބަލަން ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމެއް ކަމަށް އޭނާ ލަފާ ކުރެ އެވެ. ފިލްމަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއްގެ ރިމޭކް އަކަށް ވުން ވެސް ބެލުންތެރިން ފިލްމަށް ޝައުގުވެރިވާނެ ކަމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

"ޕާނީޕަތު"ގެ ލަވަތަކަށް އެހާ ބޮޑު މަގްބޫލުކަމެއް ލިބިފައި ނެތަސް "ޕަތީ ޕަތުނީ އައުރް ވޯ"ގެ ދެ ލަވައެއް ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. މިއީ ވެސް ފިލްމުގެ ހިނގުން ރަނގަޅުވާނެކަމަށް ބެލެވޭ ކަމެކެވެ. އެހެންކަމުން ކާރްތިކްގެ ފިލްމު ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.