ލައިފްސްޓައިލް

އާޝާ ޕާރެކް ކައިވެންޏެއް ނުކުރީ ލޯބިވާ މީހާ ނުލިބުނީމަ

ކުރީ ޒަމާނުގެ މަޝްހޫރު ބަތަލާ އާޝާ ޕާރެކް ދާދި ފަހުން ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް މީޑިއާ އާ ހިއްސާކޮށްފަ އެވެ. އެގޮތުން މުޅި އުމުރު ކައިވެންޏެއް ނުކޮށް ހޭދަކޮށްލި ސަބަބު ވެސް އާޝާ ކިޔައިދިނެވެ.

އާޝާ ޕާރެކްގެ ބައޮގްރަފީ "ދަ ހިޓް ގާލް"ގައި ވެސް އޭނާ ވަނީ ކުރީގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޑައިރެކްޓަރު ނާސިރު ހުސެއިން ދެކެ އޭނާ ވީ ލޯބީގެ ވާހަކަ ކިޔައިދީފަ އެވެ. ނާސިރު ހުސެއިން އަކީ ފިލްމީ ބަތަލު އިމްރާން ޚާންގެ ކާފަ އެވެ. އަދި އާމިރު ޚާންގެ ބޮޑުބޭބެ އެވެ.

އާޝާ އާއި ނާސިރު ބައްދަލުވީއިރުވެސް ނާސިރު އުޅެނީ ކައިވެނި ކޮށްގެންނެވެ. އަދި އޭނާގެ ދަރިން ވެސް ތިއްބެވެ. އާޝާ ބުނި ގޮތުގައި ކިތަންމެ ލޯބިވިޔަސް ނާސިރުގެ އާއިލާއަށް ގެއްލުންދީ ދަރިން ބިކަ ކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންވެ ކިތަންމެ ލޯބިވިޔަސް ކައިވެނިކުރަން އެއްބަސް ނުވީ އެވެ. އަދި ލޯބިވާ މީހާ ނުލިބުނީތީ އެހެން މީހަކާ ކައިވެނިކުރާހިތެއް ވެސް އާޝާ ނުވި އެވެ.

ވާވް މަޖައްލާއަށް ދީފައިވާ އިންޓަވިއުއެއްގައި އާޝާ ބުނީ ކައިވެނިނުކުރީ ކޮންމެހެން ކުރަން ބޭނުން ނުވެގެނެއް ވެސް ނޫނެވެ. އޭނާގެ އަލަތު ކައިވެނި ދުށުމަކީ އޭނާގެ މަންމަގެ ހުވަފެނެއް ކަމަށާއި އެކަމަށްޓަކައި ކައިވެންޏަށް ބޭނުންވާނެ ހެދުމާއި ގަހަނާ ފަދަ ތަކެތި މާ ކުރީ ބައިގައި މަންމަ ތައްޔާރުކޮށްފައި ހުރިކަމަށް ވެސް އާޝާ ބުންޏެވެ.

"މަންމަގެ އެދުމުގެ މަތިން އަހަރެން ވަރަށް ގިނަ ފިރިހެންކުދިންނާ ބައްދަލުވެސް ކުރިން. ނަމަވެސް އަހަރެން ހިތްހަމަޖެހޭ ޒާތުގެ މީހަކާ ދިމާލެއް ނުވި،" އާޝާ ޕާރެކް ބުންޏެވެ.

އެންމެ ފަހުން އޭނާގެ މަންމަ ވެސް އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ދެކެމުން އައި ހުވަފެން ދޫކޮށްލީ އެވެ.

"އަހަރެންގެ ހޮރޮސްކޯޕް ބަލާފަ މީހަކު މަންމަ ކައިރީގައި ބުނީ އަހަރެން ކައިވެނި ކުރިޔަސް އެ ކައިވެނި ކާމިޔާބެއް ނުވާނޭ. އެހެންވެ މަންމަ އެ މަސައްކަތް ހުއްޓާލީ،" އާޝާ ބުންޏެވެ.

ކައިވެންޏަށް މަންމަ ކުރަމުން އައި ޕްރެޝަރު ހުއްޓާލުމުން އާޝާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ބުނީ ދިގު އުމުރު ކައިވެންޏަކާ ނުލާ އެކަނިމާއެކަނި އުޅެން ޖެހުނަސް އޭނާގެ ޝަކުވާއެއް ނެތެވެ. ރަނގަޅަށް ދިރިއުޅެމުންދިޔަ އާއިލާއެއްގެ ތެރެއަށް ވަދެ އެ އާއިލާ ރޫޅާލުމަށް ވުރެ މިގޮތް އޭނާއަށް މާ ހިތްހަމަ ޖެހެ އެވެ.

އާޝާގެ ބައޮގްރަފީ ނެރުމުގެ ރަސްމިއްޔާތުގައި ނާސިރު ހުސެއިންގެ އަންހެނުންނާއި ދަރިފުޅު އިމްރާން ބައިވެރިވި އެވެ. އާޝާ ބުނި ގޮތުގައި އޭނާވީ ގުރުބާނީގެ އަގު ނާސިރުގެ އަންހެނުން ވަޒަން ކުރުން އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.