ލައިފްސްޓައިލް

އޮފީހަށް ދާން ހޭނުލެވޭ؟ މިއޮތީ އަސްލު ސަބަބު!

ހެނދުނު އަވަހަށް ހޭލައިގެން ނިދި ނުފިލަނީސް މަސައްކަތު ދާން ޖެހޭ ހެއްޔެވެ؟ ފަހަރެއްގައި ނިދި މޫނާ ހުރެ އޮފީހަށް ދާން ޖެހުމަކީ އެ ގަޑިއަކަށް މީހާ ނުހޭނޭތީ ވާ ގޮތެއް ކަމަށް ގިނަ ބަޔަކު ހީކޮށްފާނެ އެވެ. ނަމަވެސް ސައިންސްގެ ނަޒަރުގައި މީ ހަމަ މިކަން ވާނެ ގޮތެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ އިސް ސައިންސްވެރިއެއް ކަމަށްވާ ޕޯލް ކެލޭ ހެލްދީ ފުޑް ހައުސް އޮންލައިން މެގަޒިން އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ހެނދުނު 10 ޖެހުމުގެ ކުރިން މަސައްކަތު ދާން ޖެހުމަކީ ހަގީގަތުގައި ވެސް އިންސާނުންނަށް ދެވޭ އަނިޔާގެ ވައްތަރެކެވެ.

އިންސާނުންނަށް ވީތީ އަހަރެމެން ކޮންމެ މީހެއްގެ ހަށިގަނޑު ތެރޭގައި ވެސް ބޮޑީ ކްލޮކް އެއް ނުވަތަ ސާކޭޑިއަން ރިދަމް އެއް ވެއެވެ. އަހަރެމެންގެ ހަށިގަނޑު ފަންކްޝަން ކުރަންވާ ގަޑިތައް ތަމްސީލުކުރަނީ މި ސާކޭޑިއަން ރިދަމް އެވެ. އަހަރެމެންގެ ސިކުނޑީގެ ފަންކްޝަން، އެނާޖީ ލެވެލް އަދި ހޯމޯން އުފެއްދުން ފަދަ ހުރިހާ ކަމެއް ހުންނަނީ ވަކި ގަޑިތަކަކަށް ވަކި ގޮތަކަށް ކުރަން ހަމަޖެހިފަ ޕްރޮގްރާމް ކުރެވިފަ އެވެ. އެހެންވެ މާ ކުރިން ހޭލައިގެން 10 ޖަހަންވާއިރަށް މަސައްކަތަށް ދިއުމަކީ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކޮށް އޭގެ ގުދުރަތީ ބެލެންސް ގެއްލޭ ކަމެކެވެ. އަދި އަވަހަށް ހޭލުމަކީ އަނިޔާއަކަށް ވަނީ މިހެންވެ އެވެ.

ޑރ. ކެލީ ވިދާޅުވި ގޮތުގައި 24 ގަޑިއިރުގެ ރިދަމްސް ނުވަތަ ވަކި ގަޑިއަކަށް ހޭލުމަކީ އެމީހަކު އަމިއްލައަށް ބަދަލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ސަބަބަކީ އަހަރެމެންގެ ހިތާއި ލިވާގައި ތަފާތު ޕެޓާންތަކެއް ހުންނާތީ އެވެ. އެ އެއްޗެތި ޝިފްޓް ކުރެވޭނީ ދޭއް ނުވަތަ ތިން ގަޑިއިރުންނެވެ.

ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރަން ތައާރަފްކުރީ 20 ވަނަ ގަރުނުގެ ކުރީކޮޅު އެވެ. އޭރުން އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ބަލާފަ އެވެ. އިންސާނާގެ ގުދުރަތީ 'ބޮޑީ ކްލޮކް" އަށް އޭރު ވިސްނާފައެއް ނެތެވެ. ނުވަތަ އިންސާނާގެ ހަށިގަނޑު ގުދުރަތީ ގޮތުން ހިނގަން ޕްރޮގްރާމް ކޮށްފައިވަނީ ވަކި ގޮތަކަށް ކަން ވިސްނާފައެއް ނެތެވެ.

ޑރ. ކެލީ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އިންސާނާގެ ނަފްސާނީ، ޖިސްމާނީ އަދި މަސައްކަތުގެ ޕާފޯމަންސަށް ވެސް ކުރެ އެވެ.

ހަފުތާއަކު އެވްރެޖް ހަ ގަޑިއިރަށް ވުރެ މަދުން ނިދާ މީހުންގެ ހަށިގަނޑުގައި ޖީންތައް ފަންކްޝަންކުރާ ގޮތަށް 711 ބަދަލެއް އަންނަ ކަމަށް ސައިންސްވެރިޔާ ވިދާޅުވި އެވެ. އެހެންވެ މަސައްކަތްކުރާ ތަންތަނުގެ މުވައްޒަފުން ހެނދުނު މަސައްކަތް ފަށަން ޖެހޭނީ 10 ޖަހާއިރުކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނޫންނަމަ ހަމަނިދި ނުލިބި މަސައްކަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.

ޑރ. ކެލީ އާއި އަދި އެނޫންވެސް ނިއުރޯސައިންޓިސްޓުން ވިދާޅުވަނީ އެކި އުމުރުގައި އިންސާނާގެ ހަށިގަނޑު މަސައްކަތްކުރާ ގޮތަށް ބަދަލުތައް އަންނަކަން ދެނެގަތުން މުހިއްމެވެ. އަދި ނިދާ ވަގުތާއި ހޭލާ ވަގުތަށް އަންނަ ބަދަލުތައް ވެސް ދެނެގަންނަން ޖެހެ އެވެ. މަދުން ނިދޭ މައްސަލަތައް އެންމެ ފުރަތަމަ ދިމާވާން ފަށާނީ ފުރާވަރު އުމުރުގަ އެވެ. އަދި ޓީންއޭޖް އުމުރުގެ ގިނަ ކުދިން އާއްމުކޮށް ނިދަނީ ދަންވަރު 12 ޖަހާ ފަހުންނެވެ. އެހެންވެ މި މީހުންނަށް 10 ޖެހުމުގެ ކުރިން ތަންތަނަށް ދިއުމަކީ އުނދަގޫ ކަމަކަށް ވަނީ އެވެ.

ސްކޫލަށް ދާން ޖެހޭ ކުދިންނަށް ހެނދުނު ނުހޭލާ ވެސް ވާނެ ގޮތެއް ނޯވެ އެވެ. އެހެންވެ މި ކުދިން ކޮންމެ ހަފުތާއަކު 10 ވަރަކަށް ގަޑިއިރުގެ ނިދިން މަހްރޫމް ވެއެވެ.

ހަފުތާ ބަންދަކީ ޒުވާން ކުދިން އެއްގޮތަކަށް ވެސް އަވަހަށް ނިދަން ބޭނުންވާ ދުވަސްތަކެއް ނޫނެވެ. އެހެންވެ ގިނަ ކުދިން ވަރަށް ލަސްވަންދެން މި ފަދަ ރޭރޭ ނުނިދާ އުޅެ އެވެ. އެހެންވެ މި ކުދިންނަށް ވަކި ގަޑިއަކަށް ނިދާފައި ވަކި ގަޑިއަކަށް ހޭލުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމަކަށް ނުވެ އެވެ.

ޑރ.ކެލީ ވިދާޅުވީ އަވަހަށް ސްކޫލްތައް ފެށުމުގެ ބަދަލުގައި 10 ޖަހާއިރު ފަށަން ޖެހެނީ މި ސަބަބު ތަކާ ހެދި ކަމަށެވެ. އިނގިރޭސި ވިލާތުގެ ސްކޫލެއްގައި އަޖުމަ ބެލުމުގެ ގޮތުން މިގޮތް ޓެސްޓްކޮށްފައިވާ ކަމަށާއި 10 ޖަހާއިރު ސްކޫލްގެ ކިޔެވުން ފަށަން ހަމަޖެއްސިތާ ދުވަސްކޮޅެއް ފަހުން ކުދިންގެ އެޓެންޑެންސް ރަނގަޅުވެ ހޯދާ ނަތީޖާ ވެސް ރަނގަޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.