ލައިފްސްޓައިލް

ދުވަސްނުފުރާ ވިހެއުން ވެސް ތިމާވެއްޓަށް އަންނަ ބަދަލަށް

ފަހުގެ ހޯދުމެއް ބުނާ ގޮތުގައި ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން މާބަނޑު އަންހެނުން ދުވަސްނުފުރާ ވިހަން މެދުވެރިވެ އެވެ. ޓެމްޕްރާޗާ މައްޗަށް ގޮސް ހޫނުމިން 32.2 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިއުމަކީ ދުވަސް ނުފުރާ ވިހާ މީހުންގެ އަދަދު ފަސް ޕަސެންޓް އިތުރުވާނެ ކަމެއް ކަމަށް މި ހޯދުމުގައި ބުނެފައި ވެއެވެ.

ސައިންސްވެރިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގައި އެކަނިވެސް ކޮންމެ އަހަރަކު 25،000 ވަރަކަށް ކުރިން ދުވަސްނުފުރާ ވިހާނެ އެވެ. މުޅި ދުނިޔެއަށް ބަލާއިރު މިއަދަދު މިއަށް ވުރެ މާ ބޮޑަށް މަތިވާނެ އެވެ.
މީގެ މާނައަކީ ބަނޑުގައި ކުއްޖާ އޮންނަންޖެހޭ މުއްދަތުން އެތައް ސަތޭކަ ނުވަތަ އެތައް ހާސް ދުވަހެއް އުނިވުމެވެ. އެގޮތުން ބައެއް ކުދިން ވިހަން ކަނޑައެޅިފައިވާ ތާރީޚަށް ވުރެ ދެ ހަފުތާ ކުރިން ވިހާނެ ކަމަށް ވެއެވެ.

ވަރަށް ގިނަ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމަކީ މާބަނޑު އަންހެނުންގެ ސިއްހަތަށް ވަރަށް ގިނަ ގޮތް ގޮތުން ނޭދެވޭ އަސަރުތައް ކޮށް އެމީހުންނަށް ނުރައްކާތަކާ ކުރިމަތިވާނެ ކަމެކެވެ. އޭގެ ލޭ މައްޗަށް ދިއުމާއި ޕްރީއެކްލެމްޕްސިއާ ފަދަ މައްސަލަތައް ހިމެނެ އެވެ. ޕްރީއެކްލެމްޕްސިއާގެ ސަބަބުން ލޭމައްޗަށް ދިއުމާއި ދުޅަވުން ފަދަ މައްސަލަތައް ކުރިމަތިވެ ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާ ވެއެވެ.

ބައެއް ހޯދުންތައް ބުނާ ގޮތުގައި ދުވަސްނުފުރާ ވިހާ ކުދިންނަށް ނޭވާހިއްލުން ފަދަ މައްސަލަތައް ދިމާވާލެއް އިތުރެވެ. އަދި މިފަދަ ކުދިން ހެދިބޮޑުވުމުގައި ވެސް ލަސްތަކެއް ހުންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ދުނިޔެ ހޫނުވުމާ ގުޅިގެން ދުވަސްނުފުރާ ވިހަން މެދުވެރިވާ ސަބަބު ސައިންސްވެރިންނަށް އަދި ހޯދިފައެއް ނެތެވެ.

ޖާނަލް އެންވަޔަރަންމަންޓް އިންޓަނޭޝަނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން މާބަނޑު ދުވަސްވަރު މާ ބޮޑަށް ސްޓްރެސް ވުމާއި ޕްލާސްޓިކް އެއްޗެތި ބޭނުން ކުރުމުން ވެސް ދުވަސްނުފުރާ ވިހައެވެ.