މަސްތުވާތަކެތި

70 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގުން ހުރި މީހުންނަށް ދައުވާ އުފުލައިފި

އީރާން ބޯޓެއްގައި ދިވެހިރާއްޖެއަށް ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ދިވެހި ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުގެ ރޭ ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން ބުނީ ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ އިރާނުގެ "އަލްޝަބާން" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، އޭގެން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ، 35 އަހަރުގެ ސ. ހިތަދޫ ކޯޒީ ކޯނަރު އަލީ އަންވަރު މުހައްމަދުގެ އިތުރުން ފަސް ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހައްޔަރުކުރި މީހުން

  • އަލީ އަންވަރު މުހައްމަދު، ސ. ހިތަދޫ ކޯޒީ ކޯނަރު (35 އަހަރު)
  • އަހުމަދު ޝަކީބް، މާތިލަ ކ. ދިއްފުށި (42 އަހަރު)
  • މުހައްމަދު ރިޝްފާން، ލ. ގަން ތުނޑި މިލާނޯ (23 އަހަރު)
  • އާދަމް މިސްބާހު، ކ. ދިއްފުށި އިރުމަތީގެ (39 އަހަރު)
  • މުހައްމަދު އިނާޝް، ލ. ގަން ތުނޑި އިޓްޖެހިގެ (22 އަހަރު)
  • އަލީ އަހުމަދު، ބަންގްލަދޭޝް (24 އަހަރު)
  • ތުހުން، ބަންގްލަދޭޝް (36 އަހަރު)

ޕީޖީ އޮފީހުން އިއްޔެ ބުނީ އީރާން ބޯޓެއްގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލާ، ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

އެއީ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުންގެ ހައްޔަރުގައިވާ މީހުންގެ ތެރެއިން ކުށުގެ ރެކޯޑް އޮތީ އެންމެ ދެ މީހުންގެ ކަމަށް ފުލުހުން އާންމުރި މައުލޫމާތުތަކުން އެނގެ އެވެ.

ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 59.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ މެއި މަހު ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާއެކު އިރާނުގެ ބޯޓެއް އަތުލައިގެންފައިވާއިރު، 2014 ވަނަ އަހަރުވެސް ކަނޑުމަގުން ރާއްޖެ ސަރަހައްދަށް އެރުވި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނުނީ އިރާނުގެ ބޯޓެކެވެ.