ހަބަރު

އިދިކޮޅުން ބަޖެޓަށް ވޯޓު ދިނީ ޔާމީން ނިންމަވައިގެން: ގައްސާން

Dec 6, 2019
6

ހިތްހަމަ ނުޖެހޭ ކަންކަން ހުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ވޯޓު ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެގޮތަށް އެކަން ކުރަން ނިންމެވުމުން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

"އަނިޔާވެރި ހުކުމާއި ދެކޮޅަށް" ނަމުގައި އިދިކޮޅު ފަރާތްތައް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދަައްކަވަމުން ގައްސާން ވިދާޅުވީ މިފަދަ ހިތްދަތި ވަގުތުގައި ގައުމުގެ ކަންތައްތައް ދަނީ ވަރަށް ހިތްހަމަ ނުޖެހޭ ގޮތަށް ކަމަށެވެ. އެ ހިތްހަމަ ނުޖެހުންތަކާއެކު ވެސް މި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުން ވޯޓު ދެއްވީ ރައީސް ޔާމީން ޖަލުގައި ހުންނަވައިގެން އެގޮތަށް ނިންމެވުމުން ކަމަށް ގައްސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަޖެޓަށް ވޯޓު ދެއްވީ އެއީ ރައީސް ޔާމީން އިދިކޮޅުގައި ހުންނަވައިގެން ދެއްކެވި މިސާލާއި، ވެރިކަމަށް އައިސް ދެއްވި އިރުޝާދާ އަދި މިވަގުތު ހުރަގޭގައި ހުންނެވި އިރު ނިންމެނި ނިންމެވުމާ އެއްގޮތަށް ކުރި ކަމެއް،" ގައްސާން ވިދާޅުވި އެވެ.

މިއީ ޕީޕީއެމް-ޕީއެންސީއާއި ރައީސް ޔާމީންއަށް ތާއީދު ކުރާ ފަރާތްތަކަށް ހިތްދަތި ވަގުތެއް ކަމަށް ގައްސާން ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ހިތްވަރު ގުޑުވާ ނުލެވޭނެ ކަމަށާއި ވެސް ކުރިޔަށް ދާނީ ރައީސް ޔާމީންއާއެކުގައި ކަމަށް ގައްސާން ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުން ދައްކާ ބިރަކަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ޖަލަށް ލިޔަސް ނިކުމެ ރައީސް ޔާމީންއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.

"ޖަލަށް ލިޔަސް ވެސް ހެޔޮ 40 އަހަރު އޮވެފަ ނިކުމެ ކުރާނީ ރައީސް ޔާމީންގެ ހައްގުގައި މި މަސައްކަތް. ގުޑުވައެއް ނުލެވޭނެ ހިތްވަރެއް، އެލުވާ ނުލެވޭނެ ފަންވަރެއް، ދެރައެއް ނުކުރެވޭނެ ބުންވަރެއް ހުސްކޮށެއް ނުލެވޭނެ ގައުމުގެ ހައްގުގައި ރައީސް ޔާމީންއާއެކީ އަދިވެސް ދާނީ ކުރިޔަސް،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ދަރިކަލުން ގައްސާން ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ މިހާރު ހާސިލް ކުރަން ބޭނުންވާ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އިންތިހާބު ކުރުން ކަމަށެވެ. އެމަނިކުފާނަކީ ދީން ހިމާޔަތް ކުރައްވައި އަދި އިގްތިސާދު އަލުން ކޮޅަށް ޖެހީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނަކީ އަމިއްލަފުޅު މޭފުޅުން ވިޔަސް ރާއްޖޭގެ މިނިވަންކަން ދިފާއު ކުރައްވާނެ ލީޑަރެއް ކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.