ޣައްސާން މައުމޫން

ރައީސް ޔާމީން ޖަލަށްލީ "މެކުނަށް ގާހަކައިގެ ހަސަދަ ބޮޑުކަމުން"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޖަލަށްލާ އެކަހެރިކޮށްފައިވަނީ ހަމަހަމަ ސިޔާސީ މައިދާނެއްގައި ރައީސް އަބްދުﷲ ޔާމީން ހޯދާނެކަން ކަށަވަރުވާ ކާމިޔާބަށްވާ ޖެހިލުއްވުމަކުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިއަދަށް އަހަރު ދުވަސްވީއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި އެމަނިކުފާނާއެކު އެންމެ ސާބިތުކޮށް ހުންނެވި އާއިލީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ނު ހައްގުން ކަމަށެވެ. އަދި އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލެއްވުމަށް ގޮވާލެއްވިއެވެ.

"ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އެއް އަހަރުވީ. ނު ހައްގުން ދެމުން ތިޔަ ގެންދާ އަނިޔާ ހުއްޓާލާ، މިނިވަން ކުރުމަށް ގޮވާލަން." ޣައްސާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޣައްސާން ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޖަލަށްލާ އެކަހެރިކޮށްފައިވަނީ ހަމަހަމަ ސިޔާސީ މައިދާނެއްގައި ރައީސް އަބްދުﷲ ޔާމީން ހޯދާނެކަން ކަށަވަރުވާ ކާމިޔާބަށްވާ ޖެހިލުއްވުމަކުން ކަމަށެވެ.

"މެކުނަށް ގާހަކައިގެ ހަސަދަ ބޮޑު ކަމުން،" މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ ކަމަަށް ދިވެހި ހަރުބަރުގައި އޮންނަ ބަހަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވިއެވެ. ޣައްސާން އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގައި ރާއްޖެއަށް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީއަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ތަރައްގީގެ މަގުގައި ކަމެއް ހާސިލްވެފައި ނެތް ނެތުމަށެވެ.

ރައީސް ޔާމީންގެ ފަސް އަހަރު އަދި އޭގެ ފަހުން އެމަނިކުފާނާ އެންމެ ގާތުގައި ހުންނެވި އާއިލާ އެއް ބޭފުޅަކީ ޣައްސާން މައުމޫނެވެ. ޣައްސާން ގެންދަވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ސިޔާސީ ޕޯޑިއަމްތަކާއި ރައްޔިތުންގެ މަޖިލީހުގައިވެސް ވަކާލާތު ކުރައްވަމުންނެވެ. އަދި އެމަނިކުފާނު މިނިވަންކޮށް އިންސާފުވެރި ޝަރީއަތެއް ހޯދާ ދިނުމަށް ބައިނަލްއަގްވާމީ މައިދާނުގައިވެސް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގުނު ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫންކަން ދިވެހި ރައްޔިތުންނާއި ބޭރު ދުނިޔެއަށް ހާމަކޮށް ދިނުމަށްވެސް ޣައްސާން މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.