ޣައްސާން މައުމޫން

ފެނުނީ ޔާމީނަށް އޮތް ލޯތްބާއި ތާއީދު: ޣައްސާން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުން ފެނިގެން ދިޔައީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެންބަރުންގެ ހިތްތަކުގައި އޮތް ލޯތްބާއި ތާއީދު ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު އިއްޔެ އޮތެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ތަހުނިޔާ ފޮނުއްވާ ޣައްސާން ވިދާޅުވީ އިންތިހާބުން ނާކާމިޔާބީ ބޭފުޅުންވެސް އެ ކޯލިޝަނާއެކު ދެމި ތިއްބަވާ ދައްކަވަމުން ގެންދަވަނީ ނަމޫނާއެއް ކަމަށެވެ. އެކަމަށް ސާބަހާއި އައްސަރިބަސް ރައްދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ޕާޓީގެ ރޫހުން ދައްކައިދިނީ ރައީސް ޔާމީނަށް އޮތް ތާއީދާއި ލޯތްބެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ އިންތިހާބަށް 1،100 ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އެވެ. އިއްޔެ ކުރިއަށް ދިޔައީ 18 ކޮމެޓީއެއްގެ އިންތިހާބެވެ.

އިންތިހާބު ކުރިއަށް ނުގެންދިޔައީ ސްޓިއަރިން ކޮމިޓީއަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން ކުރިމަތިލާފައިވާ ކޮމެޓީތަކުގެ އެވެ. މާލޭގައި އިއްޔެ އޮތީ މާލޭގެ ދެ އަވަށެއްގެ އިންތިހާބުގެ އިތުުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ އިންތިހާބުތަކެވެ. ސްޓިއަރިން ކޮމިޓީގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ވާދަކުރާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ވެސް ހިމެނޭނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.