އިދިކޮޅު ދެ ޕާޓީ ހިމެނޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަހަތުގައި މިހާރު އޮތް ލީޑަޝިޕަކީ އަންނަ ހުރިހާ ހަމަލާތަކަށް ކޮނޑާއި މޭ ދިއްކޮށް އިހުލާސްތެރި ކަމާއެކު ރައީސް ޔާމީން ދިފާއު ކުރާނެ ލީޑަޝިޕެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ކޮއްކޯފުޅު ޣައްސާން މައުމޫން ވެއްޖެ އެވެ.
ރައީސް ޔާމީނަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ތާއީދު ކުރުމުން އިދިކޮޅުން ސީދާ ހަރަކާތަށް ދާން ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން މިއަދު ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް ބޭއްވި އެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން ވިދާޅުވީ އޭނާ އެކަނި ރައީސް ޔާމީންގެ އަރިހުގައި ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް އަރިހުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން އިދިކޮޅުން ހިންގާ ސީދާ ހަރަކާތުގައި ބައިވެެރި ވަޑައިގަންނަވާނެ ކަމަށާއި މުޅި ލީޑަަޝިޕް އޮތީ ރައީސް ޔާމީންގެ ދިފާއުގައި ކަމަށެވެ.
ދެހާސް ނުވަވަނަ އަހަރު މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް ޣައްސާން ވާދަ ކުރެއްވި އިރު ތިމަރަފުއްޓަށް ވަޑައިގަތުމުން ބަނދަރުގައި ވާ ދަމައި ދޯނިތައް ހުރަސްކޮށް ގާ އުކައި ރަށަށް އަރާވަޑައި ނުގެންނެވުނު ވަގުތުތަކުގެ ހަނދާތައް އާ ކުރައްވާ
ވިދާޅުވީ އެ ދުވަހު 17 ގަޑިއިރު ވަންދެން އެއްޗެއް ފަރީއްނުކުޅުއްވައި ރައީސް ޔާމީން އޭނާއާއެކު ހުންނެވި ކަމަށެވެ.
"އޭގެ ބަދަލުގެ ގޮތުގައެއް ނޫން. ނަމަވެސް އެއިރުއްސުރެ އެމަނިކުފާނާ ދޭތެރޭ އުފެދިފައިވާ ލޯތްބަކާއި އިހުތިރާމެއްގެ ސަބަބުން އެމަނިކުފާނަށް އަޅުގަނޑުމެންގެ ބޭނުމެއް ޖެހުނުއިރު، ދެގޮތެއް ނުވެ ސާބިތު ކަމާއެކު އަދިވެސް ދެމި ތިބޭނެ،" ޣައްސާން ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީންގެ ދިފާއުގައި ދެ މީހަކުވާ ނަމަ އޭގެ ތެރެއިން އެކަކަށް އަބަދުވެސް އަޅުގަނޑު ހުންނާނަމޭ، އަޅުގަނޑަކީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ދޭ ކޮންމެ ހަމަލާއަކަށް މޭ އައްޑަނައަކަށް ދިއްކުރާނެ މީހަކަށް ތާއަބަދު ވާނަމޭ،"